Roadha Mihaaru
ހަނިމާދޫ އެއާޕޯޓް ތަރައްގީކުރަން ދެ ބިލިއަން ރުފިޔާ

ހަނިމާދޫ އެއާޕޯޓު ތަރައްގީކުރަން ދެ ބިލިއަން ރުފިޔާއަށް އިންޑިއާގެ ޖޭއެމްސީއާ ހަވާލުކޮށްފި

10 އޯގަސްޓް 2022

ހަނިމާދޫ އިންޓަަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު، ފްލެޓް އެޅުމާއި ފެނާއި ނަރުދަމާގެ އެކި މަޝްރޫތައް ރާއްޖޭގައި މިހާރު ވެސް ކުރިއަށް ގެންދާ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާ ދެ ބިލިއަން ރުފިޔާ އަށް ހަވާލުކޮށްފި އެވެ.

އާލިމް އަބްދުއްލަތީފް އާލިމް އަބްދުއްލަތީފް

ހަނިމާދޫ އިންޓަަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު، ފްލެޓް އެޅުމާއި ފެނާއި ނަރުދަމާގެ އެކި މަޝްރޫތައް ރާއްޖޭގައި މިހާރު ވެސް ކުރިއަށް ގެންދާ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާ ދެ ބިލިއަން ރުފިޔާ އަށް ހަވާލުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މަޝްރޫއު އެވޯޑުކުރީ 136,625,386.44 ޑޮލަރު (2.1 ބިލިއަން ރުފިޔާ) އަށް ކަމަށެވެ.

މިއީ އިންޑިއާ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ ޕްރޮޖެކްޓަކަށް ވާތީ ބީލަށް ހުށަހެޅުމުގެ ފުރުސަތު އޮތީ އެ ބޭންކުން ޝޯޓް ލިސްޓްކޮށްފައިވާ ކުންފުނިތަކަށް އެކަންޏެވެ. ބީލަމުގައި ހަތަރު ކުންފުންޏަކުން ވާދަކުރި އެވެ.

އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ގައި ސޮއިކުރި ކްރެޑިޓް ލައިންގެ ދަށުން ހިންގާ މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރާނެ ކަމަށް އެ ނޫސްބަޔާނުގައިވެ އެވެ. އަދި ބައިނަލްއަގްވާމީ ދަތުރުތައް އިތުރަށް ފުޅާކުރުމަށް ވަސީލަތްތައް ގާއިމުކުރެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މި މަޝްރޫއު ނިމުމުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ޚިދުމަތް ދެވޭނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި މެދުއިރުމައްޗާއި ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާ އާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ވެސް ލިބޭނެ އެވެ.

މިނިސްޓްރީން ބުނީ ރާއްޖޭގެ އުތުރުގައި ޓޫރިޒަމް ތަރައްގީ ކުރުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ޓޫރިސްޓުން އުފުލާ ޑައިރެކްޓް ފްލައިޓްތައް އެ ސަރަޙައްދަށް އޮޕަރޭޓް ކުރެވޭނެ ގޮތެއް ނެތުން ކަމަށެވެ.

"ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ނިމުމުން މި މައްސަލައަށް ހައްލު ލިބި، ބޮޑުތިލަދުންމަތީގައި ރިސޯޓުތަކާއި ސިޓީ ހޮޓަލާއި ގެސްޓްހައުސްތައް އިތުރުކޮށް، ފަތުރުވެރިކަން ފުޅާކުރުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެއެވެ،" މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރާ ގޮތުގެ ކުރެހުމެއް.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރާ ގޮތުގެ ކުރެހުމެއް.

މި މަޝްރޫއުގެ ސަބަބުން އުތުރުގެ އަތޮޅުތަކުގައި ވިޔަފާރި އާއި ވަޒީފާގެ ފުރުސަތުތައް އިތުރުވާނެ ކަމަށާއި ސީދާގޮތުންނާއި ނުސީދާ ގޮތުން އެތައް ހާސް ވަޒީފާއެއް އުފެދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި މި ވައިގެ ބަނދަރު މެދުވެރިކޮށް ސީދާ އުތުރަށް މުދާ އެތެރެކުރުމަށް ފަސޭހަވެ، އުތުރުގެ ރަށްރަށުގެ ވިޔަފާރިއާއި އިގުތިސޯދަށް އާރޯކަން ލިބޭނެކަމަށް ބުނެފައިވެ އެވެ.

މި އެއާޕޯޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ތާޒާކަމާ އެކު އެކްސްޕޯޓްކުރާ ކުންފުނިތަކަށް، ހާއްސަގޮތެއްގައި ބޮޑު ކަންނެލި އެކްސްޕޯޓްކުރާ މީހުންނަށް ލުއިފަސޭހަކަމާ އެކު މަސް އެކްސްޕޯޓްކުރުމަށް ހުޅުވޭ ދޮރަކަށް ވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

"ރާއްޖޭގެ އުތުރުން ދުނިޔޭގެ މައި ޝިޕިން ރޫޓްތަކުން ދަތުރުކުރާ ބޮޑެތި އާގުބޯޓުފަހަރުތަކަށް ޚިދުމަތްތައްދޭ ޒަމާނީ މެރިޓައިމް ހަބެއް ރާއްޖޭގެ އުތުރުގައި ގާއިމުކުރުމަށް ސަރުކާރުން ގެންގުޅޭ ޕްލޭންތައް ތަންފީޒުކުރުމުގައި ވެސް ހަނިމާދޫ އެއާޕޯޓް ޒަމާނީ އެއާޕޯޓެއްގެ ގޮތުގައި ތަރައްގީވެގެން ދިޔުމީ މުހިއްމު ދައުރެއް އަދާކުރާނެ ކަމެކެވެ،" ބަޔާނުގައިވެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި އަހަރު ފަހުކޮޅު މި މަޝްރޫއު ފެށޭނެ ކަމަށާއި 2024ގައި މި މަޝްރޫއު ނިމި ހިދުމަތް ދޭން ފެށޭނެ ކަމަށެވެ.