Roadha Mihaaru
މަގޫދޫ ބިންހިއްކުމުގެ އަމަލީ މަސައްކަތް ފަށައިިފި

މަގޫދޫ ބިންހިއްކުމުގެ އަމަލީ މަސައްކަތް ފަށައިިފި

11 އޯގަސްޓް 2022

ފ. މަގޫދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި އެެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ފ. މަގޫދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި އެެވެ.

އެ މަޝްރޫއު ރަސްމީކޮށް ފެށީ އިއްޔެ އެ ރަށުގައި ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތަކުންނެވެ. އެ ރަސްމިއްޔާތުގައި ބިލެއްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމާއި މަޝްރޫއު ކުރިއަށްގެންދާ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ބައިވެރިވެވަޑައިގަތެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއަކީ މަގޫދު އަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކޮށް، އެ ރަށުގައި އެއާޕޯޓު އެޅުމަށް ފަހިކޮށްދޭ މަޝްރޫއެއް ކަމަށެވެ.

އާބާދީގައި 800 އެއްހާ ރައްޔިތުން ހިމެނޭ އެ ރަށުގެ މިހާރު ހުރި ބިން ވަނީ ދިރިއުޅުމަށާއި، ސިނާއީ އަދި އިޖްތިމާއީ އެކި ކަންކަމުގައި ބޭނުންކޮށް ފުރިފަ އެވެ.

އެމްޓީސީސީގެ މުވައްޒަފުންނާ އެކު ސީއީއޯ އާޒިމް މަގޫދޫ ބިންހިއްކުމުގެ މަސައްކަތް ބައްލަވާލައްވަނީ ---ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީގެ މުވައްޒަފުންނާ އެކު ސީއީއޯ އާޒިމް މަގޫދޫ ބިންހިއްކުމުގެ މަސައްކަތް ބައްލަވާލައްވަނީ ---ފޮޓޯ: އެމްޓީސީސީ

ބިންހިއްކުމުގެ މި މަޝްރޫއު ނިމުމާއެކު އެ ރަށުގައި އެއާޕޯޓު އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ. އެއާއެކު ފ. އަތޮޅުގެ ރައްޔިތުންނަށް ދަތުރުކުރުމުގައި ގިނަ ލުއިތަކެއް ލިބޭނެ އެވެ.

މަގޫދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން، 17 ހެކްޓަރު ބިންހިއްކުމާއި، އެއާޕޯޓު ހަދަން 30.8 ހެކްޓަރު ބިންހިއްކުމާއި، 3339 މީޓަރު ސަރަހައްދުގައި ރިވެޓްމެންޓް ޖެހުން އަދި 90 މީޓަރު ސަރަހައްދުގައި ގްރޮއިންސް ޖެހުން ހިމެނެ އެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއަކީ 206.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.