11 އޯގަސްޓް 2022
ޖަނަވާރުގެ ހަށިގަނޑުން އިންސާނުންގެ ހަށިގަނޑަށް ނަގުލުވެ، އިންސާނުންގެ މެދުގައި ފެތުރިދާނެ ކަމުގެ ބިރު އުފެދިފައިވާ ލެންގްޔާ ހެނިޕަވައިރަސް (ލޭވީ)، ޗައިނާގެ ބައެއް މީހުންގެ ހަށިގަނޑުން ފެންނަމުންދާ ކަމަށް ސައެންސްވެރިން ބުނެފި އެވެ.
ޖަނަވާރުގެ ހަށިގަނޑުން އިންސާނުންގެ ހަށިގަނޑަށް ނަގުލުވެ، އިންސާނުންގެ މެދުގައި ފެތުރިދާނެ ކަމުގެ ބިރު އުފެދިފައިވާ ލެންގްޔާ ހެނިޕަވައިރަސް (ލޭވީ)، ޗައިނާގެ ބައެއް މީހުންގެ ހަށިގަނޑުން ފެންނަމުންދާ ކަމަށް ސައެންސްވެރިން ބުނެފި އެވެ.
ނިއު އިންގްލޭންޑް ޖާނަލް އޮފް މެޑިސިންގެ މިމަހުގެ އަދަދުގައި ބުނެފައިވާ ގޮތުން، ޗައިނާގެ އިރުމަތީ ސަރަހައްދުތަކުގައި ދިރިއުޅޭ 35 މީހެއްގެ ހަށިގަނޑުން މިވައިރަސް މިހާރު ވަނީ ފެނިފަ އެވެ. އެ މީހުންނަކީ ޗައިނާގެ އިރުމަތީ ދެ ޕްރޮވިންސެއް ކަމަށްވާ ޝަންޑޮންގް އާއި ހެނާންގައި ދިރިއުޅޭ މީހުންނެވެ. އެމީހުންގެ ހަށިގަނޑުގައި ލެންގްޔާ ހެނިޕަވައިރަސް ހުރިކަން ކަށަވަރުވެފައިވަނީ، 2018 އަހަރުން ފެށިގެން 2021 ވަނަ އަހަރާ ދެމެދު އެ ސަރަހައްދުގައި ކުރި ޓެސްޓްތަކުންނެވެ.
ލެންގްޔާ ހެނިޕަވައިރަސް އިންސާނުންގެ ހަށިގަނޑަށް އެރުމުން، ގަދައަށް ހުން އައިސް، ވަރުބަލިވެ، ކެއްސުމުގެ އިތުރުން ކާހިތް ނުވުމުގެ މައްސަލަ ކުރިމަތިވެ އެވެ. މީގެ އިތުރުން ބޮލުގައި ރިހުމާއި ހޮޑުލެވުމާއި މޭނުބައިކުރުމުގެ މައްސަލަ ވެސް ބައެއް މީހުންނަށް ކުރިމަތިވެ ފުރަމޭ ރަނގަޅަށް މަސައްކަތް ނުކުރުމުގެ މައްސަލަ ވެސް ކުރިމަތިވެ އެވެ.
ހިކަނދި
ޗައިނާ އާއި އޮސްޓްރޭލިޔާ އަދި ސިންގަޕޫރުގައި ދިރާސާކުރާ ސައެންސްވެރިން ބުނާ ގޮތުގައި ލޭވީ ވައިރަސް އިންސާނުންގެ ހަށިގަނޑަށް ނަގުލުވެފައިވާ ކަން އެންމެ ފުރަތަމަ ދެނެގަނެވުނީ، ޑިސެމްބަރު 2018 ގައި ޓެސްޓުކުރި، 53 އަހަރުގެ އަންހެނެއްގެ ފަރާތުންނެވެ. އެކަން ދެނެގަނެވުނީ، ތަފާތު ޖަނަވާރުތަކާ އެކުގައި ދިރިއުޅެމުން އައި ބައެއްގެ މެދުގައި އާދަޔާ ޚިލާފަށް ހުމުގެ ރޯގާއެއް ފެތުރެން ފެށުމާ ގުޅިގެން، އެމީހުންގެ ލޭ ނަގައިގެން ކުރި ޓެސްޓުތަކުންނެވެ.
ހުމުގެ ރޯގާ ފެތުރެން ފެށުމާއެކު، އެމީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އުޅޭ އޮޅު ޖަނަވާރުތަކާއި ވަލު ޖަނަވާރުތަކުގެ ހަށިގަނޑުން ލޭ ނަގައި އާދަޔާ ޚިލާފު ވައިރަހެއްގެ އަސަރު ހުރިތޯ ތަހުލީލުތައް ހެދި އެވެ. މި ތަހުލީލުތަކުން އެނގުނީ، އެ ސަރަހައްދުގައި އުޅޭ ހިކަނދީގެ ހަށިގަނޑުގައި ލެންގްޔާ ވައިރަސް ހުރި ކަމެވެ. ހިކަންޖަކީ އެ ސަރަހައްދުގައި ހުރި ގޯތިތަކުގެ ހުސް ބިންތަކުގައި ވެސް ހޮރު ކޮނެގެން އުޅޭ، އަދި ގޭގައި އަނގަމަތިން ހުންނަ ކާއެއްޗެއްސަށް އަރައިގެން ކައި އުޅޭ ޖަނަވާރެކެވެ.
އެ ސަރަހައްދުގައި ދިރިއުޅޭ ޖަނަވާރުތަކުގެ ލޭ ޓެސްޓުކުރި އިރު، ޓެސްޓުކުރި 27 ޕަސެންޓް ހިކަނދީގެ ހަށިގަނޑުން ލެންގްޔާ ހެނިޕަވައިރަސް ފެނުނެވެ. އަދި ފަސް ޕަސެންޓް ކުއްތާގެ ހަށިގަނޑުންނާއި ދެ ޕަސެންޓް ބަކަރީގެ ހަށިގަނޑުން ވެސް އެ ވައިރަސް ފެނުނެވެ.
ލެންގްޔާ ހެނިޕަވައިރަސް ޖަނަވާރުގެ ހަށިގަނޑުން އިންސާނުންގެ ހަށިގަނޑަށް ނަގުލުވިކަން ސާބިތު ވިޔަސް، އިންސާނުންގެ އެކަކު އަނެކަކުގެ ގަޔަށް މި ބާވަތުގެ ވައިރަސް ނަގުލުވާ ކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ނުފެންނަ ކަމަށް ސައެންސްވެރިން ބުނެ އެވެ. އެކަން ކަށަވަރުކުރުމުގެ ގޮތުން، މި ވައިރަސް މިހާރު ޖެހިފައިވާ މީހުންނާ އެކުގައި ދިރިއުޅޭ އެހެން މީހުންގެ ހަށިގަނޑުން ލޭ ނަގައިގެން ތަހުލީލުކުރުމުން ވެސް، އެމީހުންގެ ހަށިގަނޑުން ލެންގްޔާ ވައިރަސް ނުފެންނަ ކަމަށް ސައެންސްވެރިން ބުނެ އެވެ.
މި ދިރާސާ ހެދި މީހުން ބުނި ގޮތުގައި ލެންގްޔާ ހެނިޕަވައިރަސްގެ ވިރާސީ ސިފަތައް އެންމެ ވައްތަރީ، 2012 ވަނަ އަހަރު ޗައިނާގެ ހަ ކުޑަކުއްޖެއްގެ ހަށިގަނޑުން ފެނުނު ނުރައްކާތެރި މޮޖިއަންގް ހެނިޕަވައިރަސްގެ ސިފަތަކާ އެވެ. އެ ހަ ކުދިންގެ ތެރެއިން ތިން ކުދިން ވަނީ، އެ ވައިރަހުގެ ސަބަބުން ހަށިގަނޑަށް ލިބުނު ގެއްލުންތަކުގައި މަރުވެފަ އެވެ.
ލެންގްޔާ ހެނިޕަވައިރަސް ވައިރަހަކީ ވެސް، ނިޕާހް ވައިރަހާއި ހެންޑްރާ ވައިރަހާ އެއް އާއިލާއެއްގެ ވައިރަހެއް ކަމަށް ސައެންސްވެރިން ބުނެ އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނާ ގޮތުގައި ނިޕާހް ވައިރަސް އެންމެ ފުރަތަމަ ފެނުނީ، މެލޭޝިޔާގައި އޫރު ގެންގުޅޭ ބައެއްގެ ހަށިގަނޑުން 1999 ވަނަ އަހަރު އެވެ. އޭގެ ފަހުން ބަންގްލަދޭޝް އާއި އިންޑިއާގެ ބައެއް މީހުންގެ ހަށިގަނޑުން ވެސް މި ވައިރަސް ފެނުނެވެ.
ނިޕާހް ވައިރަހަކީ އެ ވައިރަސް ހަށިގަނޑަށް އަރާ މީހުންގެ 40-75 ޕަސެންޓް މީހުން މަރުވާ ނުރައްކާތެރި ވައިރަހެކެވެ. އެ ވައިރަސް އާންމު ގޮތެއްގައި އިންސާނުންގެ ހަށިގަނޑަށް ނަގުލުވަނީ އޫރާއި ވާލުގެ ހަށިގަނޑުންނެވެ. އެއަށް ފަހު އިންސާނުންގެ މެދުގައި އެކަކު ގައިން އަނެކަކުގެ ގަޔަށް ނަގުލުވަމުން ދެ އެވެ.
ހެންޑްރާ ވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ 1999 ވަނަ އަހަރު އޮސްޓްރޭލިޔާ އިންނެވެ. ހަތް މީހެއްގެ ހަށިގަނޑުންނާއި 70 އަހުގެ ހަށިގަނޑުން މިވައިރަސް ފެނުނު އިރު، މި ވައިރަހުގެ ސަބަބުން އެއްވެސް މީހެއް އަދި އަހެއް މަރުވިކަން އެނގޭކަށް ނެތެވެ.
ރާމާމަކުނުގެ ވައިރަހުގައި ޗައިނާއިން މީހަކު މަރުވެއްޖެ
ވިލިމާލޭގައި ހޮސްޕިޓަލްގެ ޑިޒައިންގެ މަސައްކަތް ފަށަނީ
ނިޕާ ވައިރަސް ފެތުރޭތީ އިންޑިއާގެ ކެރަލާ ބަންދުކޮށްފި
ބޭރުގެ ޓޫރިސްޓުންނަށް ޗައިނާ ހުޅުވައިލަނީ
ޗައިނާ ޑޮކްޓަރުންގެ އައި ކޭމްޕްގެ މުއްދަތު އިތުރުކޮށްފި
ކޮވިޑްގައި ޑިސެމްބަރުން ފެށިގެން 60000 މަރު
ހެނާން ޕްރޮވިންސެއްގެ 90 ޕަސެންޓް މީހުން ކޮވިޑްގައި
ޗައިނާގެ ބޯޑަރުތައް ހުޅުވާލައިފި
ޗައިނާގެ ދަތުރުވެރިންނަށް ފިޔަވަޅުތައް ވަރުގަދަކުރަނީ
ތިން އަހަރަށް ފަހު ޗައިނާ ހުޅުވައިލަނީ