Roadha Mihaaru
ޗައިނާ ޑޮކްޓަރުންގެ އައި ކޭމްޕްގެ މުއްދަތު އިތުރުކޮށްފި

ޗައިނާގެ ޑޮކްޓަރުން ހުޅުމާލޭގައި ކުރިއަށްގެންދާ އައި ކޭމްޕްގެ މުއްދަތު އިތުރުކޮށްފި

08 ފެބުރުއަރީ 2023

ޗައިނާގެ ލޮލުގެ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޓީމުން ހުޅުމާލޭ ހޮސްޕިޓަލްގައި ކުރިއަށް ގެންދާ ލޮލުގެ ކޭމްޕްގެ މުއްދަތު އިތުރުކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޗައިނާގެ ލޮލުގެ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޓީމުން ހުޅުމާލޭ ހޮސްޕިޓަލްގައި ކުރިއަށް ގެންދާ ލޮލުގެ ކޭމްޕްގެ މުއްދަތު އިތުރުކޮށްފި އެވެ.

ހުޅުމާލޭ ހޮސްޕިޓަލުން ބުނީ ޗައިނާގެ ސަން ޔަޓް-ސެން ޔުނިވާސިޓީގެ ޒޮންގްޝާން އޮފްތަލްމިކް ސެންޓަރުގެ ޑޮކްޓަރުންގެ ޓީމުން ކުރިއަށްގެންދާ ކޭމްޕް ކުރިން ނިންމައިލާ ގޮތަށް ހަމަޖެހިފައި ވަނީ އަންނަ ބުދަ ދުވަހު ކަމަށެވެ.

ލޮލުގެ ސްޕެޝަލިސްޓުންގެ ޓީމުގައި ހަތަރު ޑޮކްޓަރުންނާއި ތިން ނަރުހުން ހަރަކާތްތެރި ވެއެވެ.

"އޭގެ ތެރެއިން ދެ ޑޮކްޓަރުން ފެށޭ ހަފުތާގައި ޗައިނާ އަށް ފުރާނެ. އަނެއް ދެ ޑޮކްޓަރުންނާއި ނަރުހުން މަޑުކުރުމަށް ފަހު ކޭމްޕްގެ މުއްދަތު އިތުރު ކުރުމަށް މިހާރު އަޅުގަނޑުމެން މި ވަނީ ނިންމައިފަ،" ހުޅުމާލޭ ހޮސްޕިޓަލްގެ އޮފިޝަލް ވިދާޅުވި އެވެ.

ކޭމްޕް ނިންމާލާނެ ތާރީހެއް އަދި ފައިނަލުކޮށްފައި ނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެ ހޮސްޕިޓަލުން ކުރިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ކޭމްޕް ފެށިތާ ފުރަތަމަ ދެ ދުވަހު 100 އަށް ވުރެ ގިނަ މީހުންނަށް ފަރުވާ ދީފައިވާ ކަމަށެވެ. އައި ކޭމްޕުން ފަރުވާ ހޯދަން މިހާރު ވެސް 200 އަށް ވުރެ ގިނަ މީހުން ވަނީ ނޯޓްކޮށްފަ އެވެ. ބަލި މީހުން ބެލުމުގެ އިތުރަށް ލޮލުގެ އޮޕަރޭޝަން ވެސް މި ޓީމުން ކުރިއަށް ގެންދެ އެވެ. އަދި ދިވެހިން ތަމްރީން ކުރުމުގެ މަސައްކަތް ވެސް މި ކޭމްޕުން ކުރިއަށް ގެންދެ އެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި ލޮލުގެ ފަރުވާދޭ ކްލިނިކެއް ހުޅުވީ 2020 ގައި ޗައިނާގެ އެހީތެރިކަމާ އެކު އެވެ.