Roadha Mihaaru
ރޮނާލްޑޯ ނޮމިނޭޓް ވެފައި، މެސީ އަށް ފުރުސަތެއް ނެތް

ބެލޮންޑިއޯ 2022: ރޮނާލްޑޯ ނޮމިނޭޓް ވެފައި، މެސީ އަށް ފުރުސަތެއް ނެތް

13 އޯގަސްޓް 2022

ޕެރިސް (އޮގަސްޓް 13) - ފްރާންސް ފުޓުުބޯލް މެގަޒިން އިން ދޭ ބެލޮންޑިއޯ އެވޯޑުގެ މިއަހަރުގެ 30 ކުޅުންތެރިންގެ ނޮމިނޭޝަން ލިސްޓުން ކްރިސްޓިއާނޯ ރޮނާލްޑޯ ހިމެނުނު ނަމަވެސް އެންމެ ގިނަ ފަހަރު އެވޯޑް ހާސިލް ކުރި ލިއޮނެލް މެސީ އަށް މި ލިސްޓުން ޖާގައެއް ނުލިބުނެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޕެރިސް (އޮގަސްޓް 13) - ފްރާންސް ފުޓުުބޯލް މެގަޒިން އިން ދޭ ބެލޮންޑިއޯ އެވޯޑުގެ މިއަހަރުގެ 30 ކުޅުންތެރިންގެ ނޮމިނޭޝަން ލިސްޓުން ކްރިސްޓިއާނޯ ރޮނާލްޑޯ ހިމެނުނު ނަމަވެސް އެންމެ ގިނަ ފަހަރު އެވޯޑް ހާސިލް ކުރި ލިއޮނެލް މެސީ އަށް މި ލިސްޓުން ޖާގައެއް ނުލިބުނެވެ.

މިހާތަނަށް ހަތް ފަހަރު ބެލޮންޑިއޯ އެވޯޑް ހޯދާފައިވާ މެސީ، 35، ވަނީ މިދިޔަ ސީޒަނުގައި ޕީއެސްޖީ އަށް ބަދަލުވެ، ކުޅެދިން 34 މެޗުގައި 11 ލަނޑު ޖަހައި 15 އެސިސްޓް ކޮށްފަ އެވެ. ސީޒަންގެ ކުރީކޮޅު އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް މެސީ އަށް ގެއްލުނު ނަމަވެސް ސީޒަންގެ ފަހުކޮޅު މެސީ އެޓީމާ އެކު ލީގު ކާމިޔާބު ކޮށްފަ އެވެ.

މެސީ ވަނީ 2009، 2010، 2011، 2012، 2015، 2019 އަދި 2021 ގެ ބެލޮންޑިއޯ ކާމިޔާބު ކޮށްފަ އެވެ. އަދި 2006 އިން ފެށިގެން މިދިޔަ އަހަރާ ހަމައަށް އޭނާ އައީ ގަވާއިދުން ނޮމިނޭޝަން ލިސްޓުން ޖާގަ ހޯދަމުންނެވެ. އެ އަހަރުން ފެށިގެން މިދިޔަ އަހަރުގެ އެވޯޑާ ހަމައަށް މެސީ ވަނީ ޖެހިޖެހިގެން 15 ހަފަު އެވޯޑަށް ނޮމިނޭޓް ވެފަ އެވެ. އަދި 2007 އިން ފެށިގެން 2021 ވަނަ އަހަރުގެ އެވޯޑާ ހަމައަށް، 2018 ފިޔަވައި ކޮންމެ އަހަރަކު ވެސް މެސީ އަކީ އެންމެ މޮޅު ތިން ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނުނު ކުޅުންތެރިއެކެވެ.

މެސީ އާއެކު ޕީއެސްޖީ އަށް ކުޅޭ ނޭމާ ވެސް މިއަހަރުގެ ލިސްޓުގައި ނުހިމެނެ އެވެ. ނަމަވެސް ކިލިއަން އެމްބާޕޭގެ ނަން ލިސްޓުގައި ހިމެނެ އެވެ.

ރޮނާލްޑޯ، 37، ވަނީ މިދިޔަ ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑަށް 38 މެޗު ކުޅެދީ 24 ލަނޑު ޖަހައި، ތިން ލަނޑުގައި އެސިސްޓް ކޮށްގެން މިއަހަރުގެ ބެލޮންޑިއޯ ލިސްޓުގައި ހިމެނިފަ އެވެ. ރޮނާލްޑޯ ވަނީ ޔުނައިޓެޑުން ޗެމްޕިއަންސް ލީގުގައި ގުރޫޕް ސްޓޭޖުގައި ކުޅުނު ފަސް މެޗުން ހަ ގޯލު ޖަހައިފަ އެވެ.

ބެލޮންޑިއޯ އެވޯޑަށް ރޮނާލްޑޯ އެންމެ ފުރަތަމަ ނޮމިނޭޓްވީ 2004 ވަނަ އަހަރެވެ. އޭގެ ފަހުން އެވޯޑް ދިން ކޮންމެ ފަހަރަކު ވެސް ނޮމިނޭޝަން ލިސްޓުން އޭނާ އަންނަނީ ޖާގަ ހޯދަމުންނެވެ. މިއީ އޭނާ މި އެވޯޑަށް ނޮމިނޭޓްވި 18 ވަނަ ފަހަރެވެ. އަދި މެސީ އާއެކު ރޮނާލްޑޯ އަކީ ވެސް 2007 ވަނަ އަހަރުން ފެށިގެން (2010 އަދި 2021 ފިޔަވައި) ކޮންމެ އަހަރަކު ވެސް ގަދަ ތިނަކުން ޖާގަ ހޯދަމުން އައި ކުޅުންތެރިއެކެވެ.

މީގެ ކުރިން ކަލަންޑަރު އަހަރަކު އެއްފަހަރު އެވޯޑް ދިން ނަމަވެސް، އުސޫލަށް ބަދަލު ގެނެސްގެން މިއަހަރުން ފެށިގެން އެވޯޑް ދޭން ނިންމާފައި ވަނީ ސީޒަނަކު އެއްފަހަރު ދޭ އެވޯޑެއް ގޮތުގަ އެވެ. މީގެ އިތުރުން ވޯޓުގައި ބައިވެރިވެވޭ މެމްބަރުންގެ އަދަދު ވެސް މަދު ކޮށްފައި ވާއިރު، ކުޅުންތެރިޔާ ކުޅޭ ކުލަބުގެ ކާމިޔާބީތަކަށް ވުރެ ބޮޑަށް ބަލާނީ ކުޅުންތެރިޔާގެ ހުނަރަށެވެ. މި އުސޫލުން އެވޯޑް ދޭން ފްރާންސް ފުޓްބޯލް މެގަޒިން އިން ނިންމީ މިއަހަރުގެ މާޗް މަހު އެވެ.

މިއަހަރުގެ ބެލޮންޑިއޯގެ ފޭވަރިޓަކީ ރެއާލް މެޑްރިޑުގެ ކަރީމް ބެންޒެމާ އެވެ. އޭނާ ޖެހި 44 ގޯލާ އެކު މެޑްރިޑުން ވަނީ މިދިޔަ ސީޒަނުގައި ލަ ލީގާ އާއި ޔޫއެފާ ޗެމްޕިއަންސް ލީގު ވެސް ކާމިޔާބު ކޮށްފަ އެވެ. އަދި ބުދަ ދުވަހުގެ ރޭ ވަނީ އެއިންޓްރަކްޓް ފްރޭންކްފާޓް ބަލިކޮށް ސުޕަ ކަޕުން މޮޅުވުމަށް ފަހު ބެންޒެމާ ވަނީ، ރޮނާލްޑޯ ރެއާލް ދޫކޮށް ދިޔުމުން އޭނާގެ ކުޅުން އެހެން ލެވެލް އަކަށް ގެންދެވިފައި ވާކަމަށް ބުނެފަ އެވެ.

ބެންޒެމާ ރެއާލް މެޑްރިޑާ އެކު މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ޓްރޮފީ އުފުލާލަނީ.-- ފޮޓޯ: ގެޓީ އިމޭޖަސް

ބެންޒެމާ ރެއާލް މެޑްރިޑާ އެކު މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ޓްރޮފީ އުފުލާލަނީ.-- ފޮޓޯ: ގެޓީ އިމޭޖަސް

ރެއާލްގެ ގޯލްކީޕަރު ތިބައު ކޯޓުއާ އާއި ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ކާމިޔާބުކުރި ވިނީޝަސް ޖޫނިއާ އާއި ލޫކާ މޮޑްރިޗް އަދި ކަސެމިރޯ ވެސް ބެލޮންޑިއޯ އަށް ނޮމިނޭޓްވި 30 ކުޅުންތެރިންގެ ތެރޭގައި ހިމެނެ އެވެ. އަދި. މިދިޔަ ސީޒަނުގައި ޗެލްސީއަށް މޮޅު ކުޅުމެއް ދައްކައި މިހާރު ރެއާލް އަށް ބަދަލު ވެފައިވާ އެންޓޯނިއޯ ރޫޑިގާ ވެސް ލިސްޓުން ޖާގަ ހޯދާފައި ވެއެވެ.

މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގު ޖޮއިންޓް ޓޮޕްސްކޯރާ މަގާމުގެ އިތުރުން ލީގުގައި އެންމެ ގިނަ އެސިސްޓް ކުރި ލިވަޕޫލްގެ މުހައްމަދު ސަލާހު ވެސް ވަނީ، އެޓީމަށް ކުޅޭ ވާޖިލް ވެން ޑައިކާއި، ޓްރެންޓް އެލެކްޒެންޑާ އާނޯލްޑް އަދި ފަބީނިއޯ އާއި ލުއިސް ޑިއާޒްގެ އިތުރުން މި ސީޒަނުގައި އަލަށް ގެނައި ޑާވިން ނޫނޭޒް އާއެކު ނޮމިނޭޝަން ލިސްޓުން ޖާގަ ހޯދައިފަ އެވެ. ހަމަ އެއާ އެކު ޓޮޓެންހަމްގެ ސޮން ހެއުން މިން އާއި ކެޕްޓަން ހެރީ ކޭން ވެސް ލިސްޓުގައި ހިމެނެ އެވެ.

ހަމަ އެއާ އެކު މެންޗެސްޓާ ސިޓީގެ ބެނާޑޯ ސިލްވާ އާއި ފިލް ފޮޑެންގެ އިތުރުން ކެވިން ޑިބްރޭނާ އާއި ރިޔާދް މަހްރޭޒް އަދި ޔާއޯ ކަންސެލޯ އާއެކު، އަލަށް ގެނައި އާލިން ބްރައުޓް ހާލަންޑް ވެސް ވަނީ ނޮމިނޭޓް ވެފަ އެވެ. ހާލަންޑް މިދިޔަ ސީޒަނުގައި ކުޅުނީ ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑަށެވެ.

އޭސީ މިލާނަށް އިޓާލިއަން ލީގު ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާ ކުރި ޒުވާން ފޯވާޑް ރަފައެލް ލެއާއޯ އާއި ގޯލްކީޕަރު މައިކް މައިނާން ގެ އިތުތުން، ފިއޮރެންޓީނާގައި ސީޒަންގެ ކުރީކޮޅު ހޭދަ ކުރުމަށް ފަހު، ޖެނުއަރީ މަހު ޔުވެންޓަސް އަށް ބަދަލުވި ފޯވާޑް ޑޫސަން ވްލަހޮވިޗް ވެސް ޝޯޓްލިސްޓް ވެފައި ވެއެވެ.

ޖަރުމަން ބުންޑެސްލިގާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ކްރިސްޓޮފާ އެންކޫންކޫ އަދި ބެޔާން މިއުނިކްގެ ޔޯޝުއާ ކިމިކް ވެސް ވަނީ މިދިޔަ ސީޒަނުގައި ލިވަޕޫލަށް ކުޅުނު ސެނެގާލްގެ ފޯވާޑް ސަޑިއޯ މާނޭ އާއެކު ލިސްޓުން ޖާގަ ހޯދައިފަ އެވެ. މާނޭ އަކީ މިހާރު ބެޔާންގެ ކުޅުންތެރިއެކެވެ.

ބެޔާން ދޫކޮށް މި ސީޒަނުގައި ބާސެލޯނާ އަށް ބަދަލު ވެފައިވާ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ވަނީ މި އަހަރުގެ ނޮމިނޭޝަން ލިސްޓުން ވެސް ޖާގަ ހޯދައިފަ އެވެ. މިއީ އޭނާ އެވޯޑަށް ނޮމިނޭޓްވި ހަތްވަނަ ފަހަރެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި ބެޔާން މިއުނިކަށް 44 މެޗު ކުޅެދީ 48 ގޯލު ޖަހައިފަ އެވެ. އަދި ބުންޑެސްލިގާގެ ބޮރޫޝިއާ ޑޯޓްމަންޑަށް ބަދަލުވި ފޯވާޑް ސެބަސްޓިއެން ހޯލާ ވެސް ވަނީ މިދިޔަ ސީޒަނުގައި ނެދަލެންޑްސްގެ އަޔެކްސް ގައި އޭނާ ދެއްކި މޮޅު ކުޅުމާ އެކު ގަދަ 30 ކުޅުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ.

ބެލޮންޑިއޯ އެވޯޑް ހަފްލާ އޮންނާނީ އަންނަ އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހުގެ ރޭ ފްރާންސްފގެ ވެރިރަށް ޕެރިހުގަ އެވެ.

ބެލޮންޑިއޯ އެވޯޑަށް ނޮމިނޭޓްވި 30 ކުޅުންތެރިން

ތިބައު ކޯޓުއާ (ރެއާލް މެޑްރިޑް)

މުހައްމަދު ސަލާހު (ލިވަޕޫލް)

ރަފައެލް ލެއާއޯ (އޭސީ މިލާން)

ކްރިސްޓޮފާ އެންކޫންކޫ (އާރުބީ ލައިޕްޒިގް)

ޔޯޝުއާ ކިމިކް (ބެޔާން މިއުނިކް)

ޓްރެންޓް އެލެކްޒެންޑާ އާނޯލްޑް (ލިވަޕޫލް)

ވިނީޝަސް ޖޫނިއާ (ރެއާލް މެޑްރިޑް)

ބެނާޑޯ ސިލްވާ (މެންޗެސްޓާ ސިޓީ)

ލުއިސް ޑިއާޒް (ޕޯޓޯ/ ލިވަޕޫލް)

ރޮބާޓް ލެވަންޑޯސްކީ (ބެޔާން މިއުނިކް/ ބާސެލޯނާ)

ރިޔާދް މަހްރޭޒް (މެންޗެސްޓާ ސިޓީ)

ކަސެމީރޯ (ރެއާލް މެޑްރިޑް)

ސޮން ހެއުން މިން (ޓޮޓެންހަމް ހޮޓްސްޕާ)

ފަބީނިއޯ (ލިވަޕޫލް)

ކަރީމް ބެންޒެމާ (ރެއާލް މެޑްރިޑް)

މައިކް މައިނާން (އޭސީ މިލާން)

ހެރީ ކޭން (ޓޮޓެންހަމް ހޮޓްސްޕާ)

ޑާވިން ނޫނޭޒް (ބެންފީކާ/ ލިވަޕޫލް)

ފިލް ފޮޑެން (މެންޗެސްޓާ ސިޓީ)

ސަޑިއޯ މާނޭ (ލިވަޕޫލް/ ބެޔާން މިއުނިކް)

ސެބަސްޓިއެން ހޯލާ (އަޔެކްސް/ ބޮރޫޝިއާ ޑޯޓްމަންޑް)

ލޫކާ މޮޑްރިކް (ރެއާލް މެޑްރިޑް)

އެންޓޯނިއޯ ރުޑިގާ (ޗެލްސީ/ ރެއާލް މެޑްރިޑް)

ކްރިސްޓިއާނޯ ރޮނާލްޑޯ (ޔުވެންޓަސް/ މެންޗެސްޓާ ޔުނައިޓެޑް)

ކެވިން ޑިބްރޭނާ (މެންޗެސްޓާ ސިޓީ)

ޑޫސަން ވްލަހޮވިޗް (ފިއޮރެންޓީނާ/ ޔުވެންޓަސް)

ވާޖިލް ވެން ޑައިކް (ލިވަޕޫލް)

ޔާއޯ ކަންސެލޯ (މެންޗެސްޓާ ސިޓީ)

އާލިން ބްރައުޓް ހާލަންޑް (ބޮރޫޝިއާ ޑޯޓްމަންޑް/ މެންޗެސްޓާ ސިޓީ)

ކިލިއަން އެމްބާޕޭ (ޕީއެސްޖީ)