Roadha Mihaaru
ބެލޮންޑިއޯ: ލީޑުކުރަނީ މެސީ، ހާލަންޑް، ރޮނާލްޑޯ ނެތް

ބެލޮންޑިއޯ އެވޯޑްގައި ލީޑު ކުރަނީ މެސީ އާއި ހާލަންޑް، ރޮނާލްޑޯގެ ނަމެއް ނެތް

07 ސެޕްޓެމްބަރ 2023

ޕެރިސް (ސެޕްޓެމްބަރު 7) - ފްރާންސް ފުޓްބޯޅަ މެގަޒިން އިން އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ ބެލޮންޑިއޯ އެވޯޑް ނޮމިނޭޝަން ލިސްޓުގައި މިދިޔަ އަހަރު އާޖެންޓީނާއަށް ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން ކެޕްޓަން ލިއޮނެލް މެސީ އާއި މެންޗެސްޓާ ސިޓީ އަށް ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި އާލިން ހާލަންޑް ހިމެނިއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޕެރިސް (ސެޕްޓެމްބަރު 7) - ފްރާންސް ފުޓްބޯޅަ މެގަޒިން އިން އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ ބެލޮންޑިއޯ އެވޯޑް ނޮމިނޭޝަން ލިސްޓުގައި މިދިޔަ އަހަރު އާޖެންޓީނާއަށް ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން ކެޕްޓަން ލިއޮނެލް މެސީ އާއި މެންޗެސްޓާ ސިޓީ އަށް ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި އާލިން ހާލަންޑް ހިމެނިއްޖެ އެވެ.

ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް މިއަހަރުގެ ނޮމިނޭޝަން ލިސްޓުން ފުރުސަތެއް ނުލިބުނެވެ. ފަސް ފަހަރު ބެލޮންޑިއޯ އެވޯޑް ހާސިލް ކޮށްފައިވާ ރޮނާލްޑޯ ވަނީ މި އެވޯޑަށް ރެކޯޑް 18 ފަހަރު ނޮމިނޭޓް ވެފަ އެވެ.

މިއީ މެސީ މި އެވޯޑަށް ނޮމިނޭޓްވި 16 ވަނަ ފަހަރެވެ. މިދިޔަ އަހަރުގެ އެވޯޑަށް އޭނާ ނޮމިނޭޓެއް ނުވެ އެވެ.

ރެކޯޑް އަށްވަނަ ފަހަރަށް އެވޯޑް ހޯދުމުގެ ފުރުސަތު މެސީ އަށް އޮތްއިރު، އޭނާއާ އެންމެ ގާތުން ވާދަކުރާނީ، ފާއިތުވި ސީޒަންގައި ކުޅުނު 53 މެޗުން 52 ގޯލު ޖަހައި މެންޗެސްޓާ ސިޓީއަށް ޓްރެބަލް ނަގައިދިނުމުގައި ބޮޑު ހިއްސާއެއް އަދާކުރި ހާލަންޑެވެ.

ނޯވޭގެ ހާލަންޑް ވަނީ މިދިޔަ ހަފްތާ، ޔޫއެފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދައިފަ އެވެ.

ހާލަންޑްގެ އިތުރުން ސިޓީގެ ކެޕްޓަން ކެވިން ޑި ބްރޭނާ އާއި ފްރާންސްގެ ކިލިއަން އެމްބާޕޭ އާއި އެންމެ ފަހުން ބެލޮންޑިއޯ ކާމިޔާބުކުރި ފްރާންސްގެ ކަރީމް ބެންޒެމާ ވެސް ވަނީ މިއަހަރުގެ އެވޯޑަށް ނޮމިނޭޓް ވެފަ އެވެ.

ބެލޮންޑިއޯ އެވޯޑަށް ވާދަކުރާ 30 ފިރިހެން އަދި އަންހެން ކުޅުންތެރިންގެ ލިސްޓު.-- ފޮޓޯ: ފްރާންސް ފުޓްބޯލް

ބެލޮންޑިއޯ އެވޯޑަށް ވާދަކުރާ 30 ފިރިހެން އަދި އަންހެން ކުޅުންތެރިންގެ ލިސްޓު.-- ފޮޓޯ: ފްރާންސް ފުޓްބޯލް

އެވޯޑަށް ނޮމިނޭޓް ވެފައިވާ 30 ކުޅުންތެރިންގެ ލިސްޓް ރޭ އާއްމު ކޮށްފައި ވާއިރު، އަލަށް ނޮމިނޭޓްވި 15 ކުޅުންތެރިން ލިސްޓުގައި ހިމެނެ އެވެ.

އެއީ، ނަޕޯލީ އަށް ކުޅޭ ވިކްޓާ އޮސިމްހެން، ނަޕޯލީ ދޫކޮށް ބެޔާން މިއުނިކަށް ބަދަލުވި ޑިފެންޑަރު ކިމް މިން ޖޭ، މެންޗެސްޓާ ސިޓީގެ ރޮޑްރީ، ސިޓީގެ ހޫލިއަން އަލްވަރޭޒް، ސެވިއްޔާ ދޫކޮށް ސައުދީ ލީގަށް ބަދަލުވި މޮރޮކޯ ގޯލްކީޕަރު ޔަސީން ބޯނޯ، ސިޓީ ދޫކޮށް ބާސެލޯނާއަށް ބަދަލުވި އިލްކާއި ގުންޑޮއާން، އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑް، ވޯލްޑް ކަޕްގެ އެންމެ މޮޅު ކީޕަރުގެ އެވޯޑް ހޯދި އެސްޓަންވިލާއަށް ކުޅޭ އެމިލިއާނޯ މާޓިނޭޒް، ނަޕޯލީގެ ކްވިޗާ ކްވާރަޓްސްކެލިއާ، ޕީއެސްޖީއަށް ބަދަލުވި ރަންޑަލް ކޯލޯ މުއާނީ، ރެއާލް މެޑްރިޑަށް ބަދަލުވި ޖޫޑް ބެލިންގްހަމް، އާސެނަލްގެ ބުކަޔޯ ސަކާ، މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެފައިވާ ކުރީގެ އިންޓަ މިލާން ކީޕަރު އަންޑްރޭ އޮނާނާ، ބެޔާން މިއުނިކަށް ކުޅޭ ޖަމާލް މުސިއާލާ އަދި މި ސީޒަންގައި ސިޓީއަށް ބަދަލުވި ޖޮސްކޯ ގްވާޑިއޯލް އެވެ.

އަންހެނުންގެ އެވޯޑަށް އެންމެ ބޮޑަށް ވާދަކުރާ ކުޅުންތެރިއަކީ ސްޕެއިން އާއެކު މިދިޔަ މަހު ވޯލްޑް ކަޕް ނެގި އައިޓާނާ ބޮޓްމާނީ އެވެ.

ފާއިތުވި ދެ އަހަރު ވެސް އެވޯޑް ހާސިލް ކުރި ސްޕެއިންގެ އަލެކްސިއާ ޕުޓޭލާސް މިއަހަރުގެ އެވޯޑަށް ނޮމިނޭޓް ނުވެ އެވެ. ވޯލްޑް ކަޕް ކާމިޔާބުކުރި ސްޕެއިން ޓީމުގައި ހިމެނުނު ނަމަވެސް، މިދިޔަ އަހަރު ޖޫން މަހު އޭނާގެ ކަކުލަށް ލިބުނު އަނިޔާއަހާ ގުޅިގެން ނުވަ މަސް ވަންދެން ހުރީ ކުޅުމާ ދުރުގަ އެވެ.

ފާއިތުވި ދެ އަހަރު ތިންވަނައަށް ދިޔަ ޗެލްސީގެ ސޭމް ކާ މި އަހަރުގެ ލިސްޓުގައި ވެސް ހިމެނެ އެވެ. މީގެ އިތުރުން އިންގްލެންޑާއެކު ވޯލްޑް ކަޕް ފައިނަލްގައި ކުޅެ މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑް ހޯދި މޭރީ އާޕްސް ވެސް ލިސްޓުގައި ހިމެނެ އެވެ.

މިއަހަރުގެ ބެލޮންޑިއޯ އެވޯޑް ހަފްލާ އޮންނާނީ އޮކްޓޫބަރު 30 ވަނަ ދުވަހުގެ ރޭ ޕެރިހުގަ އެވެ.