ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 4-3 އިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް ބަލިކޮށް ބުރު ސްޕޯޓްސް ކުލަބުން ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރަތުގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.
14 އޯގަސްޓް 2022
ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 4-3 އިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް ބަލިކޮށް ބުރު ސްޕޯޓްސް ކުލަބުން ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރަތުގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ފުރިހަމަ ވަގުތު ހަމަވި އިރު، ނަތީޖާ 1-1 އިން އެއްވަރު ވުމުން އިތުރު ވަގުތުގެ ދެ ހާފް ނުކުޅެ، ނަތީޖާ ނެރުނީ ސީދާ ޕެނަލްޓީ ޝޫޓައުޓުގަ އެވެ. ދެވަނަ ޑިވިޝަނުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށްގެން ބުރު ސްޕޯޓްސް އިން ފައިނަލްގެ ޖާގަ ހޯދުމާ އެކު އެޓީމަށް ވަނީ އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ކޮލިފައިން އިން ވެސް ޖާގަ ލިބިފަ އެވެ.
ނިއު އިން ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ހަނި ގޮތަކަށް ބަލިނުވެ ސަލާމަތް ވެގެން ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީ އަށް ދަތުރު ކުރި ނަމަވެސް، ފައިނަލްގެ ޖާގަ ގެއްލުމާ އެކު އެޓީމަށް ވަނީ އަލުން ރާއްޖޭގެ އެންމެ މަތީ ފަންތީގެ ފުޓުބޯޅަ އަށް އަންނަން އެޓީމު ކުރާ ދަތުރުގައި އިތުރު އިންތިޒާރެއް ކުރަން ޖެހިފަ އެވެ.
ބުރު ސްޕޯޓްސް އިން ވަނީ މެޗުގެ ވަރަށް ކުރީކޮޅު، ހަތްވަނަ މިނިޓުގައި އެޓީމުގެ ކެޕްޓަން އަހުމަދު ރަޝީދު (އަންމަޑޭ) ނަގައިދިން ބޯޅައެއްގައި ސްޓެފާން ޑުރިކް ޖަހައިދިން ލަނޑަކުން ލީޑު ނަގައިފަ އެވެ. ނަމަވެސް ހަނި އޭންގަލުން ލިބުނު ފުރުސަތެއްގައި ގޯލު މަތީ ދާގަނޑަށް ބޯޅަ ފޮނުވާލައިގެން ކޮފީ އޮވޫސޫ ވަނީ މެޗުގެ 33 ވަނަ މިނިޓުގައި ނިއު އަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.
ފޯރި އާއެކު އެހާމެ ފައުލް ވެސް ގިނަ މި މެޗުގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތުތައް ލިބި ނާކާމިޔާބު ވެފަ އެވެ. ނިއު ގެ ކެޕްޓަން މުހައްމަދު ރިފާއު ބޮލުން ފޮނުވާލި ހަމަލާއެއް ބުރުގެ ގޯލްކީޕަރު މުހައްމަދު ޖަޒްލާން (ބަބޭ) ދިފާއު ކުރި އިރު، އަހުމަދު ސުހެއިލް (ބަންބުޗު) ބޮލުން ފޮނުވާލި ހަމަލާއެއް ދިޔައީ ގޯލު މަތިން ބޭރަށެވެ.
ފަހު ހާފު ފަށައިގެން ނިއުގެ އާދަމް ޝަހީމް (އާނާ) ނަގައިދިން ބޯޅައެއް ގޯލުގެ ފާ ޕޯސްޓުގައި ހުރެ ކޮފީ ފޮނުވާލި ނަމަވެސް ބޯޅަ ބްލޮކް ވީ ގޯލު ދަނޑީގައި ޖެހިފަ އެވެ. އެ ބޯޅަ އަލުން ކުޅުމުގެ ތެރެއަށް އައުމާ އެކު މިޑްފީލްޑަރު ތޯރިގް ޖެބްރިން އަށް ހުސްކޮށް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލު މަތިން ބޭރަށެވެ.
ނިއުގެ އާނާ އަތުން މެދުތެރޭން ދޫވި ބޯޅައެއްގައި ބުރު ސްޕޯޓްސް އަށް ވަނީ އަލުން ލީޑު ނަގަން ހުސް ފުރުސަތެއް ލިބި ބޭކާރު ވެފަ އެވެ. ބަދަލު ކުޅުންތެރިއެއް ގޮތުގައި އެރި އަހުމަދު މުހައްމަދު ގަބާލާ (ބޫގީ) އެ ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ، ގޯލަށް ފޮނުވާލުމުގެ ބަދަލުގައި އަނެއް ފަޅިން ހުސްވި ކުޅުންތެރިންނަށް ބޯޅަ ޖައްސާލުމުން ނިއުގެ ފާރޫކް ޚައިދަރޯވް ގައިގައި ޖެހިފައި ދިޔަ ބޯޅަ ބުރުގެ ކުޅުންތެރިންނަށް ރަނގަޅަށް ކޮންޓްރޯލް އެއް ނުވި އެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ބުރުގެ އަހުމަދު ނިޒާމް (ނިޒާމްބެ) އޭރިއާ ތެރެއަށް ވަދެ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ކްލިއާ ކުރީ ނިއުގެ އާނާ އެވެ.
ޕެނަލްޓީ ޝޫޓައުޓުގައި ފުރަތަމަ ޕެނަލްޓީ ޖެހީ ނިއު ރޭޑިއަންޓުންނެވެ. އެޓީމުގެ މެދުރެތޭގައި މުހިއްމު ދައުރެއް އަދާކުރި ތޯރިގް ޖެބްރީން ފޮނުވާލި ޕެނަލްޓީ އަމާޒު ނުވި އިރު، ބުރު ސްޕޯޓްސްގެ ފުރަތަމަ ޕެނަލްޓީ އެޓީމުގެ ޑިފެންޑަރު ބްރޫނޯ ކާމިޔާބު ކުރީ ޕެނެންކާ ކިކަކުންނެވެ. އަދި ނިއުގެ ދެވަނަ ޕެނަލްޓީ އާނާ ކާމިޔާބު ކުރި އިރު، ބުރުގެ ދެވަނަ ޕެނަލްޓީ އެޓީމުގެ ސްޓެފާން ފޮނުވާލުމުން އަމާޒުވީ ހުރަސް ދަނޑިއަށެވެ.
އޭގެ ފަހުން ނިއުގެ ކޮފީ އާއި ބުރުގެ މިރްޖާލޮލް ކަސީމޯވް ޖެހި ޕެނަލްޓީ ކާމިޔާބު ކޮށްފައި ވަނިކޮށް ނިއު އަށް ނާކާމިޔާބުވީ، ޚައިދަރޯވް ޖެހި އެޓީމުގެ ހަތަރުވަނަ ޕެނަލްޓީ، ބުރުގެ ކީޕަރު ޖަޒްލާން މަތަކުރުމުންނެވެ. އަދި ގަބާލާ ގެ ޕެނަލްޓީ ކާމިޔާބުކޮށް ބުރުން ލީޑު ހޯދި އިރު، ސައްދާމް ހުސެއިން ވަނީ ނިއުގެ ފަހު ޕެނަލްޓީ ކާމިޔާބު ކޮށްފަ އެވެ. ބުރު ސްޕޯޓްސް އިން ފައިނަލްގެ ޖާގަ ޔަގީންކުރި ޕެނަލްޓީ ޖަހައިދިނީ ދެވަނަ ހާފުގައި ކުޅެން ނުކުތް އަހުމަދު ނިޒާމް (ނިޒާމްބެ) އެވެ.
ނިއު ބަލިކޮށް އެލްޓީ އެއްވަނަ އަށް
މޮޅަކާއެކު ނިއު އެނބުރި އައުމުން ފޯރި ގަދަވެއްޖެ
ނިއުއަށް އެޅި ފިޔަވަޅު ރާއްޖޭގެ އިދާރާތަކާ ހިއްސާކޮށްފި
ނިއު ރޭޑިއަންޓްގެ ޗެއާމަނަކަށް މުބީން އިންތިހާބު ކޮށްފި
ނިއު ރޭޑިއަންޓުގެ އާ ޗެއާމަނަކަށް މުބީން؟
ކުޅިވަރުގައި ނާސިރު ވަރެއް ނެތް!
ބޮޑު މެޗު މާދަމާ؛ ފައިނަލް މެޗުގެ ކުރިން ފައިނަލެއް
ތަފާތު ބޮޑު މޮޅަކާ އެކު ނިއު ސެމީ އަށް
ނިއު އާއި ވިކްޓަރީ އެކުގައި ޕްރޮމޯޓެއް ނުވާނެ
ކުއާޓާ ޔަގީންވެއްޖެ، ނިއުއަށް ދެންއޮތީ އެއްވަނަ ހޯދުން