Roadha Mihaaru
ހަ އެއާޕޯޓްހަދާނެ ބަޔަކު ހޯދަން އަނެއްކާ އިއުލާންކޮށްފި

ހަ އެއާޕޯޓެއް ހަދާނެ ބަޔަކު ހޯދަން ތިން ވަނަ ފަހަރަށް އިއުލާނުކޮށްފި

17 އޯގަސްޓް 2022

ރާއްޖޭގެ ހަ ރަށެއްގައި އެއާޕޯޓު ހަދާނެ ބަޔަކު ހޯދަން ޕްލޭނިން މިނިސްޓްރީން ތިން ވަނަ ފަހަރަށް އިއުލާނުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖޭގެ ހަ ރަށެއްގައި އެއާޕޯޓު ހަދާނެ ބަޔަކު ހޯދަން ޕްލޭނިން މިނިސްޓްރީން ތިން ވަނަ ފަހަރަށް އިއުލާނުކޮށްފި އެވެ.

އެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ފުރަތަމަ ކުރި އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ނުލިބުމުން ދެވަނަ ފަހަރަށް އިއުލާނުކުރީ ވެސް ބީލަމުގައި އަގު ކުރެވޭނެ އެންމެ ދަށް އަގެއްގެ ގޮތުގައި ކުރިން ކަނޑައަޅާފައިވާ އަދަދު ތިން މިލިއަން ޑޮލަރަށް ދަށްކުރުމަށް ފަހު އެވެ. އެންމެ ފުރަތަމަ އިއުލާނުގައި ވަނީ އެއާޕޯޓު ހަދަން ފައިނޭންސް ކުރުމަށް މަދުވެގެން ހުށަހެޅޭނެ އަދަދަކީ ފަސް މިލިއަން ޑޮލަރު ކަމަށެވެ.

ހަ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓު ހެދުމަށް ތިން ވަނަ ފަހަރަށް ހުޅުވައިލީ ޕްލޭނިން މިނިސްޓްރީން ބުނިގޮތުގައި އެ އިއުލާންކުރި ގަވާއިދު "ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާ ބެހޭ ގަވާއިދު" އަށް އައި ބަދަލަކާ ގުޅިގެންނެވެ.

މިނިސްޓްރީން ބުނީ އެއާޕޯޓު ހެދުމަށް ކުރިން ހުޅުވައިލި ފުރުސަތުގައި އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ ޕްރޮޕޯސަލް ބާތިލު ނުވާނެ ކަމަށާއި އެ މީހުން އަލުން ޕްރޮޕޯސަލް ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ކުރިން ވިދާޅުވެފައިވާ ގޮތުގައި 12 ފަރާތަކުން އެއާޕޯޓް ހެދުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ.

އެއާޕޯޓް އަޅާ ރަށްތަކާއި ލަފާކުރާ ހަރަދު:

• ހދ. މަކުނުދޫ / 23.3 މިލިއަން ޑޮލަރު

• ށ. ބިލެއްފަހި / 23.6 މިލިއަން ޑޮލަރު

• ބ. ތުޅާދޫ / 21.9 މިލިއަން ޑޮލަރު

• ތ. ވިލުފުށި / 33.3 މިލިއަން ޑޮލަރު

• ފ. މަގޫދޫ / 8.2 މިލިއަން ޑޮލަރު

• ރ. އަތޮޅުގެ ދެކުނު ބިތުން ރަށެއްގައި / 23.6 މިލިއަން ޑޮލަރު

މި ފަހަރުގެ އިއުލާނުގައިވާ ގޮތުން ވެސް ރ. އަތޮޅުގައި އެއާޕޯޓު ހަދާނެ ވަކި ރަށެއް އަދިވެސް ފައިނަލެއް ނުވެ އެވެ. މިހާރު ވެސް ރ. އިފުރުގައި އެއާޕޯޓެއް ހިންގަމުން އަންނައިރު އެ އަތޮޅު އަލިފުށީގައި ވެސް އެއާޕޯޓެއް ހެދުމުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ.

މިނިސްޓްރީން ބުނީ ކޮންމެ އެއާޕޯޓަކީ ވަކި މަޝްރޫއަކަށް ވާތީ، އެ ކަމަށް ޝައުގުވެރިކަން ފާޅުކުރުމުގައި، ހަދާނީ ނުވަތަ ފައިނޭންސް ކުރާނީ ކޮން އެއާޕޯޓެއް ކަން ބަޔާންކުރަން ޖެހޭނެ ކަމަށެވެ. ޝައުގުވެރިކަން ފާޅުކުރާއިރު ފައިނޭންސް ކުރުމަށް އެންމެ މަދުވެގެން ތިން މިލިއަން ޑޮލަރު ހުށަހަޅަން ޖެހެ އެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި އެއާޕޯޓު ހެދުމަށް ނުވަތަ ފައިނޭންސް ކުރުމަށް ހުށަހަޅާ އިންވެސްޓްމަންޓްގެ އަދަދު، އެ މަޝްރޫއެއްގެ މުގާބިލުގައި ޓޫރިޒަމަށް ކުއްޔަށް ދޫކުރާނެ ރަށް ނުވަތަ ބިން ނުވަތަ ފަޅުގެ އެކްއިޒިޝަން ކޮސްޓް އަދި އެ ތަނެއްގެ ބިމުގެ ކުލީގެ ގޮތުގައި ކަނޑައެޅޭ ފައިސާގެ އަދަދަށް ބަލައި ކަނޑައިދެވޭނެ އެވެ.

އެއާޕޯޓު ހަދަން ހުށަހަޅަން ވަކި މުއްދަތެއް ނެތެވެ. އިއުލާނުގައި ބުނީ އެ އިއުލާނުގެ ދަށުން އެއާޕޯޓު ހެދުމަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް އަންގާ އެންގުމަކުން ބަންދުކުރުމާ ހަމައަށް އޮންނާނެ ކަމަށެވެ.