Roadha Mihaaru
"ހަ އެއާޕޯޓް އަޅަން 12 ޕްރޮޕޯސަލެއް ވަނީ ލިބިފައި"

ހަ އެއާޕޯޓެއް އަޅަން 12 ޕްރޮޕޯސަލެއް ވަނީ ލިބިފައި: މިނިސްޓަރު

02 ޖޫން 2022

ހަ ސަރަހައްދެއްގައި އެއާޕޯޓު ހަދަން މިދިޔަ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކުރި އިއުލާނާ ގުޅިގެން 12 ޕްރޮޕޯސަލެއް ލިބިފައިވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އިއްޔެ ވިދާޅުވެއްޖެ އެވެ.

އާލިމް އަބްދުއްލަތީފް އާލިމް އަބްދުއްލަތީފް

ހަ ސަރަހައްދެއްގައި އެއާޕޯޓު ހަދަން މިދިޔަ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކުރި އިއުލާނާ ގުޅިގެން 12 ޕްރޮޕޯސަލެއް ލިބިފައިވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އިއްޔެ ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޝަހީމް ސާފުކުރައްވަން ބޭނުންވީ ށ. ބިލެތްފަހީގައި ރިސޯޓެއް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދަކަށް ވާއިރު، އެ އެއާޕޯޓުގެ މަސައްކަތް ފެށޭނެ ތާރީހާއި މަސައްކަތް ގޮސްފައިވާ ހިސާބެވެ.

އަސްލަމް ވިދާޅުވީ ބިލެތްފަހީގައި 1،200 މީޓަރުގެ ރަންވޭއެއް ހިމެނޭ އެއާޕޯޓެއް އެޅުމަށް ވާނީ ޑިޒައިން ކޮށްފައި ކަމަށެވެ. އެ ރަންވޭ އަޅަން ޖެހެނީ ހިއްކައިގެން ކަމަށާއި އެ މަޝްރޫއަށް 23 މިލިއަން ޑޮލަރު ހޭދަވާ ކަމަށް ވިދާޅުވި އެވެ.

ހަ އެއާޕޯޓެއް ހެދުމުގެ އިއުލާނުގައިވާ ގޮތުން، އެއާޕޯޓްތައް ހަދަން ހުށަހަޅާ އިންވެސްޓްމަންޓްގެ އަދަދު އެ މަޝްރޫއުގެ މުގާބިލުގައި ޓޫރިޒަމަށް ކުއްޔަށް ދޫކުރާނެ ރަށް/ ބިން ނުވަތަ ފަޅުގެ އިކްއިޒިޝަން ކޮސްޓާއި އެ ތަނުގެ ބިމު ކުލީގެ ގޮތުގައި ކަނޑައަޅާ ފައިސާގެ އަދަދުން އުނިކޮށްދޭނެ އެވެ.

"ސަރުކާރުން އަޅުގަނޑު ކުރިން ދެންނެވި ހަ އެއާޕޯޓުގެ ތެރެއިން ފަސް އެއާޕޯޓެއްގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ކްރޮސް ސަބްސިޑީ މޮޑެލަކުން އެ މަސައްކަތް ކުރެވިފައި ވާނެ. ރާއްޖޭގެ ފަޅުރަށްތަކުގެ ތެރެއިން ރިސޯޓު ހެދުމަށްޓަކައި އެކުއިޒިޝަން ކޮސްޓެއް ދައްކަވާފައި ފަންޑަކަށް އެ ލާރި ޖަމާކުރުވީ،" އަސްލަމް އިއްޔެ ވިދާޅުވި އެވެ.

އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ކޮންމެ ރަށަކަށް މަދުވެގެން ފަސް މިލިއަން ރުފިޔާ ދައްކަން ޖެހޭ ގޮތަށް ކުރިން ސަރުކާރުން ކަނޑައެޅި އެވެ. ނަމަވެސް އެއްބާރުލުން ކުޑަވުމުން ތިން މިލިއަން ރުފިޔާ އަށް އެ ކޮސްޓު ކުޑަކޮށްފައި ވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"އޭގެ ފަހުން 12 ޕްރޮޕޯސަލެއް ލިބި، އަޅުގަނޑުމެންނަށް ޕްރޫފް އޮފް ފައިނޭންސް ހުރި ކަމަށް ލިބިފައި ހުރި ޕްރޮޕޯސަލްތަކުގެ ޖުމުލަ އަދަަދު 25 މިލިއަން ޑޮލަރު އެބަވޭ،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި، އެއާޕޯޓްތައް ހެދުމުގެ ގާބިލްކަން ހުރި މީހުންނާއެކު 45 ދުވަހުގެ ތެރޭގައި އެމްއޯޔޫއެއްގައި ސޮއިކުރާނެ އެވެ. އޭގެ ފުރަތަމަ އެއްބަސްވުމުގެ ޑްރާފްޓު މިހާރު އެޓާނީ ޖެނެރަލްގެ އޮފީހާ ހިއްސާ ކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އެއީ ގޮސްފައި އޮތް ހިސާބަކީ. އަޅުގަނޑުމެންނަށް ފަންޑު ލިބޭނެ ކަމަށް އުންމީދުކުރަނީ،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދައުލަތުގެ ބަޖެޓުން އެފަދަ މަސައްކަތްތައް ކުރަން ދަތިތަކެއް ހުންނަ ކަމަށާއި އިތުރު ގޮތަކުން ފަންޑު ހޯދަން ނިންމީ އެހެންވެ ކަމަށެވެ. އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ މި ދައުރުގައި ހަ އެއާޕޯޓު އަޅާ ނުނިމޭނެކަން ޔަގީންވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"އޭގެ ތެރެއިން ހަ އެއާޕޯޓް އަޅުގަނޑަށް ޔަގީން އަޅާ ނުނިންމޭނެ ކަން. އެކަމަކު އެ މަސައްކަތް ހަރު ތަނެއްގައި ޖައްސައިިފިއްޔާ އަޅުގަނޑަށް ޔަގީން ކުރިއަށް ދާނެކަން،" އޭނާ ވިދާޅުވި އެވެ.

މިދިޔަ މާޗު މަހު ވެސް މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ޕްރޮޕޯސަލްތަކެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް ބަޔަކާއެކު އެއްބަސްވުމެއް ހަދާފައި ނުވާ ކަމަށް އެ ފަހަރު ވިދާޅުވި އެވެ.

މިނިސްޓަރު އެ ދުވަހު ވިދާޅުވީ، އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން ނުވާ ނަމަ ދައުލަތުގެ ބަޖެޓުން ވެސް އެކަން ކުރާނެ ކަމަށެވެ.

އެއާޕޯޓް އަޅާ ރަށްތަކާއި ލަފާކުރާ ހަރަދު:

• ހދ. މަކުނުދޫ - 23.3 މިލިއަން ޑޮލަރު • ށ. ބިލެއްފަހި - 23.6 މިލިއަން ޑޮލަރު • ބ. ތުޅާދޫ - 21.9 މިލިއަން ޑޮލަރު • ތ. ވިލުފުށި - 33.3 މިލިއަން ޑޮލަރު • ފ. މަގޫދޫ - 8.2 މިލިއަން ޑޮލަރު • ރ. އަތޮޅުގެ ދެކުނު ބިތުން ރަށެއް - 23.6 މިލިއަން ޑޮލަރު