Roadha Mihaaru
އެމްއައި ކޮލެޖުން އަގުހުރި އިނާމުތަކެއް ދޭ މުބާރާތެއް

އެމްއައި ކޮލެޖުން އަގުހުރި އިނާމުތަކެއް ދޭ ވީޑިއޯ މުބާރާތެއް

21 އޯގަސްޓް 2022

އަގުހުރި އިނާމުތަކެއް ދޭ ވީޑިއޯ ކޮންޓެސްޓެއް އެމްއައި ކޮލެޖުން ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އަގުހުރި އިނާމުތަކެއް ދޭ ވީޑިއޯ ކޮންޓެސްޓެއް އެމްއައި ކޮލެޖުން ފަށައިފި އެވެ.

އެ ކޮންޓަސްޓަކީ ސޯޝަލް މީޑިއާ މެދުވެރި ކޮށް ކުރިއަށް ގެންދާ ކޮންޓެސްޓެކެވެ. އެ ކޮންޓެސްޓުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް، އެމްއައި ކޮލެޖުގެ ފޭސްކުބު ޕޯސްޓުގައިވާ ލިންކުން އޮންލައިންކޮށް ފޯމާއި ވީޑިއޯ ހުށައެޅޭނެ އެވެ.

އެ ކޮންޓެސްޓަށް އެމްއައި ކޮލެޖުން ވަނީ އަގުހުރި އިނާމުތަކެއް ހުށަހަޅައިފަ އެވެ. އެއް ވަނަ އަށް ދާ ފަރާތަކަށް ހުށަހަޅާފައި ވަނީ އައިޕެޑް ޕްރޯ އެކެވެ. އަދި ދެ ވަނަ އަށް 5000ރ. ހުށައަޅާފައި ވާއިރު، ތިން ވަނަ އަށް ހުށަހަޅާފައި ވަނީ 2500ރ. އެވެ.

ޕޯސްޓުގައިވާ ކިއުއާރު ކޯޑުން އެޕްލިކޭޝަން ފޯމު ހުށައެޅޭނެ.

އެމްއައި ކޮލެޖުން ބުނީ އެ ކޮންޓެސްޓުގައި ބައިވެރި ވެވޭނީ އެޕްލިކޭޝަން ފޯމެއް މެދުވެރިކޮށް ކަމަށެވެ. އެ ކޮލެޖުގެ ސޯޝަލް މީޑިއާ ޕްލެޓުފޯމުތަކުގައި ހުރި ކޮންޓެސްޓާ ގުޅޭ ޕޯސްޓުގައިވާ ކިއުއާރު ކޯޑުން އެ އެޕްލިކޭޝަން ފޯމު ފުރޭނެ ކަމަށް އެ ކޮލެޖުން ބުނެއެވެ.

އެ ކޮލެޖުން ބުނީ އެ މުބާރާތަށް ހުށަހަޅާ ވީޑިއޯ އަކީ އަމިއްލަ އުފެއްދުމަކަށް ވާނެ ޖެހޭނެ ކަމަށެވެ. އަދި އެއީ 35 ސިކުންތާއި 50 ސިކުންތާ ދެމެދުގެ ކޮންޓެންޓަށް ވާން ޖެހޭނެ ކަމަށް ވެސް ބުންޏެވެ. އަދި ކޮންޓެންޓުގައި ހިމެނޭ މައުލޫމާތަކީ ތެދު މައުލޫމާތަކަށް ވާނެ ޖެހޭނެ ކަމަށާއި، ކޮންޓެންޓުގައި ގްރެފިކްސް ހިމެނޭނެ ކަމަށް ވެސް އެ ކޮލެޖުން ބުނެއެވެ.

އެ މުބާރާތަށް ހުށައަޅާ ކޮންޓެންޓުގައި އެއްވެސް ހަޑި ހުތުރު ބަހަކުން މުއާމަލާތް ނުކުރެވޭނެ އެވެ. އަދި މުބާރާތަށް ހުށައަޅާ ކޮންޓެންޓުތަކުން ވަނަ ހޮވާނީ، ސޯޝަލް މީޑިއާގައި ލައިކާއި ޝެއާ ލިބޭ މިންވަރަށް ބެލުމަށް ފަހު އެވެ.

އެ މުބާރާތުގައި ބައިވެރިވުމަށް އެއް ވެސް ފީ އެއް ދައްކާކަށް ނުޖެހޭނެ އެވެ. އެ މުބާރާތުގައި ބައިވެރިވެވޭނީ މި މަހުގެ 25ގެ ނިޔަލަށެވެ.