Roadha Mihaaru
ނިޒާމީ ވޯޓަކީ ރައީސާ ބެހޭ ކަމެއް ނޫން: ނަޝީދު

ނިޒާމީ ވޯޓަކީ ރައީސާ ބެހޭ ކަމެއް ނޫން، އެކަމުގެ ތެރެއަށް ނުވަންނަވާ: ނަޝީދު

18 އޯގަސްޓް 2022

ވެރިކަމުގެ ނިޒާމާ ގުޅޭ ވާހަކައިގެ ތެރެއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަދެވަޑައިގަންނަވަން ނުޖެހޭ ކަމަށާއި އެއީ އެ މަނިކުފާނާ އެއްގޮތަށް ވެސް ގުޅޭ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ވެރިކަމުގެ ނިޒާމާ ގުޅޭ ވާހަކައިގެ ތެރެއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަދެވަޑައިގަންނަވަން ނުޖެހޭ ކަމަށާއި އެއީ އެ މަނިކުފާނާ އެއްގޮތަށް ވެސް ގުޅޭ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ނަޝީދު އަމިއްލަފުޅަށް މިހާރު ފައްޓަވާފައިވާ މަސައްކަތްޕުޅުގެ ތެރެއިން ބާއްވަވާ ސިލްސިލާ ކެމްޕެއިން ބައްދަލުވުމުގެ މިރޭގެ ސެޝަންގައި ނަޝީދު ވިދާޅުވީ، ނިޒާމީ ވާހަކައިގެެ ތެރެއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަދެވަޑައިގަންނަވަން އެއްގޮތަކަށް ވެސް ޖެހިވަޑައިނުގަންނަވާ ކަމަށާއި އެއީ ހަގީގަތުގައި އެ މަނިކުފާނާ ބެހޭ ވެސް ވާހަކައެއް ނޫން ކަމަށެވެ.

"ވަރަށް ބޮޑު ހިތާމައެއް މުށްބާރުކޮށް ނުވަތަ މި ބާވަތުގެ ނިޒާމީ ވާހަކައަކަށް ރައީސުލްޖުމްހޫރިއްޔާ ވަދެވަޑައިގަންނަވާކަށް އެއްގޮތަކަށް ވެސް ޖެހިވަޑައެއްނުގަންނަވާ. މިއީ އެއްގޮތަކަށް ވެސް ރައީސުލްޖުމްހޫރިއްޔާއާ ބެހޭ ވެސް ވާހަކައެއް ނޫން ހަގީގަތުގައި،" ވަރަށް މަދު ބަޔަކާއެކު އެމްޑީޕީ ހަރުގޭގައި ނަޝީދު އިސްވެ ބޭއްވި ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

ނަޝީދުގެ ބައްދަލުވުންތަކަށް މީގެ ކުރިން ގިނަ ބަޔަކު ދިޔަ ނަމަވެސް ބަރުލަމާނީ ނިޒާމުގެ ވާހަކަ އެމްޑީޕީގެ މެމްބަރުންގެ ސިކުނޑި އަށް ވައްދަން މިދިޔަ 2-3 ރޭ ބޭއްވި ބައްދަލުވުންތަކަށް ދިޔައީ ވަރަށް މަދު ބައެކެވެ. އެހެންވެ، ނަޝީދުގެ ސަޕޯޓް ގެއްލޭ ވަރު އެ އަދަދުން ހާމަވާކަން އެނގޭ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ އެ މަނިކުފާނަށް ފާޑުކިޔަމުންނެވެ.

ރައީސަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ނަޝީދު މިރޭ ވިދާޅުވީ ތަންތަނުގައި ތިބޭ ވިސްނޭ ވެރިން އެފަދަ ގޮތަކަށް ނަގާ ވޯޓުގެ ތެރެ އަށް ވަދެވަޑައިނުގަންނަވާނެ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ޖެހިވަޑައިނުގަންނަވާ ކޮން ކޮޅެއްގައިތޯ އެބޭފުޅާ ހުންނެވީ ވިދާޅުވާކަށް. އެހެން ވިދާޅުވެއްޖެ ނަމަ ކޮންމެ ވެސް ދުވަހަކުން އަދި މި ވޯޓު ނުނެގިއެއް ނުދާނެ. އެއްގޮތަކަށް ވެސް ޝައްކު ނުކުރައްވާ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވިގޮތުގައި، ނިޒާމީ ވޯޓަށް ކެމްޕެއިން ކުރުން ނުހުއްޓޭނެ އެވެ. އެހެންވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންނަށް ގޮންނުޖެއްސެވުމަށް ވަރަށް އިހުލާސްތެރިކަމާ އެކު ދަންނަވާ ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، ސިޔާސީ މީހުން ކުރަން ނުޖެހޭ އެއް ކަމަކީ ރައްޔިތުންގެ އަދަދު މިނާފައި ތިއީ މަދު ބައެއް ކަމަށް ބުނުން ކަމަށާއި އެއީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އަބަދު ވެސް ކަންކަމުގެ ހަގީގަތް ފޮރުވަން ކަމާ ބެހޭ ފަރާތްތަކުން ގޮވަމުންދިޔަ އެއްޗެއް ކަމަށެވެ.

މައުމޫނުގެ ވެރިކަމުގައި މަދު ބައެކޭ ގޮވިޔަސް، އެއީ މަދު ބައެއް ނޫން ކަން އެނގުނީ ވޯޓަށް އެހުމުން ކަމަށާއި އިލެކްޝަންސް ކޮމިޝަން މިނިވަންކޮށްފައި ބޭއްވި ފުރަތަމަ އިންތިހާބު ކާމިޔާބުކުރީ ވެސް އެމްޑީޕީން ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީން މާދަމާ ފަށާ އެ ޕާޓީގެ ކޮންގްރެސްއަށް ނަޝީދު ވަނީ ބަރުލަމާނީ ނިޒާމުގެ ވޯޓަކަށް ދިއުމަށް ގާނޫނުއަސާސީއަށް ގެންނަން ފެނިވަޑައިގަންނަވާ އިސްލާހުތަކާ ގުޅޭ ގަރާރެއް ހުށަހަޅުއްވައިފަ އެވެ. އެކަމަކު، ބަރުލަމާނީ ނިޒާމު މި ވަގުތު ގެނައުމަށް ތާއީދުނުކުރައްވާ ކަމަށް ވިދާޅުވެ އެ ގަރާރު އަނބުރާ ގެންދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ގޮވާލައްވައިފަ އެވެ. އެ މައްސަލައިގައި ނަޝީދު ވަނީ ރައީސަށް ރައްދު ދެވައިފަ އެވެ.

އެ ވާހަކަފުޅަށް ނުސީދާ ގޮތުން ރައްދު ދެއްވައި ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައްޔިތުން އެދޭ ރަނގަޅު ގޮތް އެނގޭނީ ހަމަ ރައްޔިތުންނަށް ކަމަށެވެ. އެގޮތް ހޯދޭނީ ފެންނަނުފެންނަ ވޯޓަކުން ކަމަށެވެ.

ބަރުލަމާނީ އަށް އެމްޑީޕީގެ ކޮންގްރެސްގައި ރުހުން ހޯއްދަވަން ނަޝީދު ކުރައްވާ މަސައްކަތްޕުޅާ ދެކޮޅަށް ނުކުމެވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވޭ ވެރިއަކު އެކުލަވައިލެވޭ ސަރުކާރެއް އޮތުމަކީ މި ދަނޑިވަޅުގައި އެންމެ ރަނގަޅު ގޮތް ކަމަށެވެ.

ނަޝީދު ހުށަހެޅުއްވި ގަރާރުގައި ވަނީ ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށްޓަކައި ގާނޫނުއަސާސީ އަށް ގެންނަން އެ މަނިކުފާނަށް ފެންނަ އިސްލާހުތަކެއް ހިމަނުއްވައިފަ އެވެ. ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމަކީ މާ ނަޒާހަތްތެރި ނިޒާމަކަށް ވާނެ ކަމަށާއި ނަމަވެސް ބުއްދިވެރިކަމާ އެކު އަމަލުނުކޮށްފި ނަމަ މިސްރާބު ހުރީ ހަރާބުގެ މަގަށް ދިއުމަށް ކަމަށެވެ.