Roadha Mihaaru
ބަރުލަމާނީ ގަރާރު އަވަސްކުރަން އެއްބަސްވެއްޖެ

ބަރުލަމާނީ ގަރާރު އަވަސްކުރަން އެމްޑީޕީން އެއްބަސްވެއްޖެ: ނަޝީދު

18 ސެޕްޓެމްބަރ 2023

ރާއްޖޭގެ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ފެންނަ ނުފެންނަ ވޯޓެއް ނެގުމާ ގުޅޭ ގޮތުން ޑިމޮކްރެޓްސް ޕާޓީން ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް އަވަސް ކުރަން، މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން އެއްބަސްވެފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރާއްޖޭގެ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ފެންނަ ނުފެންނަ ވޯޓެއް ނެގުމާ ގުޅޭ ގޮތުން ޑިމޮކްރެޓްސް ޕާޓީން ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް އަވަސް ކުރަން، މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން އެއްބަސްވެފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދުގެ ޖަލްސާގެ އެޖެންޑާއާ މެދު ހިތްހަމަނުޖެހި، އެމްޑީޕީގެ ބައެއް މެމްބަރުން ހާޒިރު ނުވާތީ ޖަލްސާ ނުބޭއްވޭ ހާލަތުގައި ވަނިކޮށް، ނަޝީދު ވިދާޅުވީ މަޖިލީހުގައި ގިނަ މުހިންމު މަސައްކަތްތަކެއް ހުއްޓިފައިވާ ކަމަށެވެ.

އޭގެ ތެރެއިން ބަރުލަމާނީ ގަރާރުގެ ވާހަކަ ފާހަގަކުރައްވައި، ނަޝީދު ވިދާޅުވީ އެ ގަރާރުގެ މައްސަލަ އަވަސް ކުރަން ޑިމޮކްރެޓްސް ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެދިވަޑައިގެންފައިވާ ކަމަށެވެ. އެކަމާ ގުޅިގެން މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމާ މަޝްވަރާ ކުރައްވާފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މެޖޯރިޓީ ލީޑަރު [އަސްލަމް] ވަނީ މި މަސައްކަތް އަވަހަށް ކުރުމަށް އެއްބަސްވެވަޑައިގެންފައި ކަމަށް ޑިމޮކްރެޓުންގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު ވަނީ ވިދާޅުވެފައި. އެހެންވީމާ އަޅުގަނޑުމެންނަށް އެ މަސައްކަތް ވީހާ ވެސް އަވަހަކަށް ކުރިއަށް ގެންދެވޭނެ،" ނަޝީދު ވިދާޅުވި އެވެ.

މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު އެގޮތަށް އެއްބަސްވެވަޑައިގަތުމުން، ނިޒާމީ ވޯޓު ނެގުމާ ގުޅޭ ގަރާރަށް މާދަމާ ބަހުސް ކުރާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ޑިމޮކްރެޓްސްގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ހުށަހެޅުއްވި ގަރާރުގައި ވަނީ ވެރިކަމުގެ ނިޒާމާ ގުޅޭ ފެންނަ ނުފެންނަ ވޯޓު މި އަހަރުގެ ނޮވެމްބަރު 30 ގެ ކުރިން ނެގުމަށެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ތިން ވަނަ އަށް އެންމެ ގިނަ ވޯޓު ލިބުނު ޑިމޮކްރެޓްސް އިން ވަނީ، މި މަހުގެ 25 ގައި ނިޒާމީ ވޯޓެއް ނެގުމަށް ދެ ވަނަ ބުރުގައި ވާދަކުރައްވާ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅުއްވައިފަ އެވެ.