Roadha Mihaaru
އެމްޑީޕީން ބަރުލަމާނީ ނިޒާމަށް ތާއީދެއް ނުކުރާނެ

އާންމު ވޯޓެއް ނަގާނަމަ، އެމްޑީޕީން ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރަން ނިންމައިފި

03 އޮކްޓޯބަރ 2023

ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމާ މެދު އާންމު ވޯޓެއް ނަގާނަމަ، ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމާ މެދު އާންމު ވޯޓެއް ނަގާނަމަ، ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި އެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރަން އާންމު ވޯޓެއް ނަގަން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް އަންގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގަރާރާ ގުޅޭގޮތުން އެމްޑީޕީން ގޮތެއް ނިންމުމަށް މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ހުރިހާ މެމްބަރުންގެ ފަރާތުން ވެސް ފެނުނީ ނިޒާމީ ބަދަލަކަށް ވުރެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނު ފަހަތުގައި ހުންނަވައިގެން ޑިމޮކްރެޓްސް އާ މެދު އޮތް ހިތްހަމަނުޖެހުމެވެ.

ވަރަށް ޖޯޝުގައި އެ ޝުއޫރު ގައުމީ މަޖިލީހުގެ މެމްބަރުން ފާޅުކުރައްވަމުން ގެންދެވީ، ބަރުލަމާނީ ނިޒާމާ ދެކޮޅަށެވެ. އެ ގޮތަށް ބޭނުންވަނީ، ނިމުނު ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެންމެ ބޮޑު ގެއްލުމެއް ދެއްވި ނަޝީދު އެ ނިޒާމަށް ތާއީދުކުރައްވާތީ ކަމަށް ގިނަ ބޭފުޅުން ވަރަށް ފާޅުގައި ވިދާޅުވަމުން ގެންދެވި އެވެ.

އެމްޑީޕީގެ ޑެޕިޔުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ ރިޔާސީ އިންތިހާބުގެ ތެރެއިން ނަޝީދު ފަހަތުގައި ހުންނަވައިގެން ޑިމޮކްރެޓްސް އިން ބުނަމުން ދިޔައީ "އިބޫ ނޫން ގޮތެއް" ކަމަށެވެ.

"އަޅުގަނޑުމެން މިއަދު ބޭނުންވަނީ ބަރުލަމާނީ ނޫން ގޮތެއް،" ނިޒާމީ ވޯޓެއް ނެގުމަށް ވަގުތު ބޭކާރު ކުރުމުގެ ބަދަލުގައި އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ތައްޔާރުވުން މާ ރަނގަޅު ވާނެ ކަން ފާހަގަކުރައްވައި އިބުރޭ ވިދާޅުވި އެވެ.

އިބުރޭގެ ވާހަކައަށް އޭގެ ފަހުން ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުން ވެސް ބާރު ދެއްވި އެވެ. އަދި ބަރުލަމާނީ ނިޒާމާ ދެކޮޅު ހެދުމުގެ އިތުރުން އެމްޑީޕީން މިހާރު ބޭނުންވަނީ "ނަޝީދު ނޫން ގޮތެއް" ކަމަށް ވެސް ހަރު އަޑުން ވަރަށް ގިނަ ބޭފުޅުން ވިދާޅުވި އެވެ.

މީގެ އިތުރުން، ނިޒާމީ ވޯޓެއް ނަގަން އެތައް މިލިއަން ރުފިޔާއެއް ދައުލަތުގެ ބަޖެޓުން އިސްރާފު ނުކޮށް، މަޖިލީހުގެ ތެރެއިން އެ ގަރާރު ނަފީ ކުރަން އިތުރު ގަރާރެއް ވައްދަން ބައެއް ބޭފުޅުން ގޮވާލެއްވި އިރު، އެހެން ބޭފުޅުން އެދިވަޑައިގަތީ ޑިމޮކްރެޓްސްގެ "ސައިޒު" ރަނގަޅަށް ދައްކައިލަން މި މަހު ވޯޓު ނެގުމަށެވެ.

މެމްބަރުންގެ ވާހަކަތަކުން ގައުމީ މަޖިލީހުގެ ރޫހު ހުރި ގޮތް ވަރަށް ސާފު ކަމަށް ވިދާޅުވެ، ރިޔާސަތުން އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަނީ ސެކްރެޓޭރިއަޓުގެ ފަރާތުން ގަރާރެއް ހުށަހަޅުއްވައިފަ އެވެ.

އެ ގަރާރުގައި ބުނީ، ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމާ މެދު އާންމު ވޯޓެއް ނަގާ ނަމަ، އެމްޑީޕީން ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރާނެ ކަމަށެވެ.

އެ ގަރާރު ފާސްކޮށްފައިވަނީ، އެ ވަގުތު ބައްދަލުވުމުގައި ތިއްބެވި 90 މެމްބަރުންގެ އިއްތިފާގުންނެވެ.

ބަރުލަމާނީ ނިޒާމުގެ ވޯޓާ ގުޅޭ ގޮތުން ޑިމޮކްރެޓްސްއިން ހުށަހެޅި ގަރާރު މަޖިލީހުން ފާސްކޮށް، އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާ އިރު އެ ކޮމިޝަނުން ފުރަތަމަ ހުށަހެޅި ތާރީހަކީ މި މަހުގެ 29 ގައި ބަރުލަމާނީ ވޯޓު ނެގުމަށެވެ.

އެކަމަކު ރައްޔިތުންނާ އަހަންވީ ކޮން ސުވާލެއް ކަން އެ ގަރާރުން ސާފު ނުވާތީ އެކަން ސާފު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މަޖިލިހުގެ އިދާރާ އަށް ސިޓީއެއް ފޮނުވައިފަ އެވެ. އެ ކަމަށް ރައްޔިތުން ހޭލުންތެރި ކުރުމަށާއި އެހެނިހެން އިންތިޒާމުތައް ހަމަޖައްސައި، ގަވައިދު ހަދައި ބަޖެޓު ހޯދުމަށްޓަކައި އިތުރު ވަގުތު ބޭނުންވާ ކަމަށް އެ ސިޓީގައި ބުންޏެވެ.

"...މި އެންމެހާ ކަންކަމަށް ހޭދަވާނެ ކަމަށް ލަފާކުރެވޭ މުއްދަތުތަކަށް ބަލާއިރު، އެންމެ އަވަހަށް ވޯޓު ނެގުން ކުރިއަށް ގެންދެވޭނެ ތާރީހު ތިޔަ އިދާރާއަށް ފަހުން އަންގާނެ ކަމުގައި ދަންނަވަން،" މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވި ސިޓީގައި އީސީން ބުންޏެވެ.

އެ ސިޓީ އާ ގުޅޭގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ދިޔަ ބަހުސްގައި ޑިމޮކްރެޓްސްގެ މެމްބަރުން ވެސް ވަނީ އަވަސް އަރުވާލައިގެން މި މަސް ނިމުމުގެ ކުރިން ވޯޓެއް ނަގަން ނުފެންނަ ކަމަށް ވިދާޅުވެފަ އެވެ.