Roadha Mihaaru
އޯ ލެވެލްގެ ނަތީޖާއިން ކުރިއެރުންތަކެއް ވަނީ ހޯދާފައި

އޯ ލެވެލްގެ ނަތީޖާއިން ކުރިއެރުންތަކެއް ވަނީ ހޯދާފައި: އެޑިއުކޭޝަން މިނިސްޓްރީ

22 ޖެނުއަރީ 2019

މިދިޔަ އަހަރުގެ އޯ ލެވެލް އިމްތިހާނުގައި ދަރިވަރުން ރަނގަޅު ނަތީޖާއެއް ހޯދާފައިވާ ކަމަށާއި އަދި ވަކިވަކި މާއްދާތަކުން ކުރިއެރުންތަކެއް ވެސް ލިބިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މިދިޔަ އަހަރުގެ އޯ ލެވެލް އިމްތިހާނުގައި ދަރިވަރުން ރަނގަޅު ނަތީޖާއެއް ހޯދާފައިވާ ކަމަށާއި އަދި ވަކިވަކި މާއްދާތަކުން ކުރިއެރުންތަކެއް ވެސް ލިބިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އޯލެވެލް އިމްތިހާނުގެ ނަތީޖާގެ މައުލޫމާތު ހިއްސާކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ، މަޖުބޫރު ހަތަރު މާއްދާގައި ހިމެނޭ އިސްލާމާއި ދިވެހިން ފާސްވި ނިސްބަތް، އޭގެ ކުރީ އަހަރަށް ވުރެ ރަނގަޅު ކަމަށެވެ. އެގޮތުން ދިވެހި މާއްދާއިން ފާސްވި ދަރިވަރުންގެ އަދަދު 86.1 ޕަސެންޓުގައި އުޅޭއިރު އިސްލާމުން ފާސްވީ 82.9 ޕަސެންޓު ދަރިވަރުންނެވެ.

ހިސާބުން ފާސްވި އަދަދު 2017 ވަނަ އަހަރު 60 ޕަސެންޓުގައި ހުރިއިރު މިދިޔަ އަހަރު އުޅެނީ 59.8 ޕަސެންޓުގަ އެވެ. އިނގިރޭސިން ފާސްވި އަދަދު އޭގެ ކުރީ އަހަރަށް ވުރެ ކުޑަކޮށް ދަށްވިއިރު މިދިޔަ އަހަރު ފާސްވީ 59.8 ޕަސެންޓެވެ.

މިދިޔަ އަހަރު 5،433 ދަރިވަރުން އޯ ލެވެލް އިމްތިހާނުގައި ބައިވެރިވިއިރު އޭގެ ތެރެއިން ހުރިހާ މާއްދާއެއް ހަދާފައިވަނީ 4،571 ދަރިވަރުންނެވެ. ބާކީ ތިބި 862 ކުދިން ބައިވެރިވެފައި ވަނީ ދަސްވާރާއި ބީޓެކުގަ އެވެ. އެހެންވެ މި ނަތީޖާ އައިސްފައިވަނީ ދަސްވާރާއި ބީޓެކުގެ 862 ދަރިވަރުުން ނުހިމަނަ އެވެ.

ސައިންސް ސްޓްރީމުގައި ހިމެނޭ، ކެމިސްޓްރީ މާއްދާއިން 84.5 ޕަސެންޓް، ފިޒިކްސް އިން 82.9 ޕަސެންޓް، ބަޔޮލޮޖީ އިން 80.4 ޕަސެންޓު ދަރިވަރުން ވަނީ ފާސްވެފަ އެވެ. އޭގެ ކުރީ އަހަރު ބަޔޮލޮޖީން ފާސްވި އަދަދު އުޅެނީ 79.5ގަ އެވެ.

އަމީނިއްޔާ ސްކޫލުގެ ދަރިވަރުންތަކެއް: މިދިޔަ އަހަރުގެ އޯ ލެވެލްގެ ނަަތީޖާއިން ރާއްޖެއިން ވަނީ ކުރިއެރުންތަކެއް ހޯދާފައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނޭ --ފޮޓޯ: ނިޝާން އަލީ/ މިހާރު

އަމީނިއްޔާ ސްކޫލުގެ ދަރިވަރުންތަކެއް: މިދިޔަ އަހަރުގެ އޯ ލެވެލްގެ ނަަތީޖާއިން ރާއްޖެއިން ވަނީ ކުރިއެރުންތަކެއް ހޯދާފައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނޭ --ފޮޓޯ: ނިޝާން އަލީ/ މިހާރު

ބިޒްނަސް ސްޓްރީމުން، އެންމެ ގިނަ ދަރިވަރުން ފާސްވެފައިވަނީ އިކޮނޮމިކްސް އިންނެވެ. އެގޮތުން އެ މާއްދާއިން 79.5 ޕަސެންޓް، ކޮމާސް އިން 65 ޕަސެންޓް، އެކައުންޓިން އިން 75.7 ޕަސެންޓް އަދި ބިޒްނަސް ސްޓަޑީޒް އިން 77 ޕަސެެންޓް ދަރިވަރުން ވަނީ ފާސްވެފަ އެވެ.

އާޓްސް ސްޓްރީމުގައި ހިމެނޭ ލިޓްރެޗާ އިމްތިހާނުގައި ބައިވެރިވި ހުރިހާ ދަރިވަރުން ވަނީ އެ މާއްދާއިން ފާސްވެފަ އެވެ. ރަޝީދު ވިދާޅުވި ގޮތުގައި ލިޓްރެޗާއިން 2017 ވަނަ އަހަރާ ބަލާއިރު މިދިޔަ އަހަރު ބޮޑު ކުރިއެރުމެއް ހޯދާފައި ވެ އެވެ. ޖޯގްރަފީން ވެސް މިދިޔަ އަހަރު ވަނީ 77 ޕަސެންޓް ދަރިވަރުން ފާސްވެފަ އެވެ.

ރަޝީދު ވިދާޅުވީ އާޓްސް ސްޓްރީމުގައި ބައިވެރިވާ ދަރިވަރުންގެ އަދަދު މަދުވުމުން އެއް ދަރިވަރެއްގެ ނަތީޖާއިން ވެސް، އެ ސްޓްރީމުގެ މުޅި ނަތީޖާ ދައްކާގޮތް ބަދަލުވާ ކަމަށެވެ.

ކޮމްޕިއުޓާ ސްޓަޑީޒްގެ ނަތީޖާއަށް ބަލާއިރު، އެ މާއްދާއިން 86 ޕަސެންޓް، ޓްރެވެލް އެންޑް ޓޫރިޒަމް އިން މިއަހަރު ވަނީ 70 ޕަސެންޓް ދަރިވަރުން ފާސްވެފަ އެވެ.

މިދިޔަ އަހަރުން ފެށިގެން އޯ ލެވެލްގެ ގަދަ 10 ހޮވަމުން އަންނަނީ އާ އުސޫލުގެ ތެރެއިންނެވެ. އެއީ އިސްލާމާއި ދިވެހިން އޭ ސްޓާ ދޭން ފެށުމުންނެވެ. އެހެންވެ މި ދެ އަހަރުގެ ތެރޭގައި ގަދަ 10ގައި ހިމެނުނު ދަރިވަރުންގެ އަދަދަކަށް މާ ބޮޑު ބަދަލެއް ނާދެ އެވެ. މި އަހަރު 376 ދަރިވަރުން އޯ ލެވެލް ގަދަ 10ގައި ހިމެނުނުއިރު، 2017 ވަނަ އަހަރު އެ އަދަދު އުޅުނީ 375ގަ އެވެ.

އާ އުސޫލުގެ ކުރިން އޯ ލެވެލް ގަދަ 10ގައި ހިމެނޭ ދަރިވަރުންގެ އަދަދު އުޅުނީ 500 އިން މަތީގަ އެވެ.