Roadha Mihaaru
ދަރިވަރަކަށް އަނިޔާކުރާ ވީޑިއޯ ދައުރުނުކުރަން އަންގައިފި

ތިނަދޫގައި ދަރިވަރަކަށް އަނިޔާކުރާ ވީޑިއޯ ދައުރުނުކުރަން ފުލުހުން އަންގައިފި

23 އޯގަސްޓް 2022

ގދ. ތިނަދޫގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގެ ކްލާސްރޫމެއްގައި އޯޓިސްޓިކް ދަރިވަރެއްގައި ގައިގައި ތަޅައި އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުނުކުރަން ފުލުހުން މިއަދު އަންގައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގދ. ތިނަދޫގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގެ ކްލާސްރޫމެއްގައި އޯޓިސްޓިކް ދަރިވަރެއްގައި ގައިގައި ތަޅައި އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުނުކުރަން ފުލުހުން މިއަދު އަންގައިފި އެވެ.

ފުލުހުން ކުރި ޓުވީޓެއްގައި ބުނީ، ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރާ ގާނޫނުގެ ދަށުން ކުއްޖެއްގެ ކަރާމާތަށް އުނިކަމެއް އަންނާނެ ފަދަ ޒާތީ މައުލޫމާތާއި ވީޑިއޯ އަދި ފޮޓޯ އާންމުކުރުމަކީ މަނާކަމެއް ކަމަށެވެ.

"ސްކޫލެއްގެ ކުލާސްރޫމެއްގައި ދަރިވަރުންތަކެއް މާރާމާރީ ހިންގާ ވީޑިއޯއެއް ދައުރުކުރަމުން ދާތީ މިއީ ކުޑަކުދިންގެ ކަރާމާތަށް އުނިކަމެއް އަންނާނެ ފަދަ ކަމަކަށް ވާތީ އެއްވެސް މީޑިއާއަކުން ނުވަތަ އެއްވެސް މީހަކު އެއްވެސް ގޮތަކަށް އެ ވީޑިއޯ ދައުރުނުކުރުމަށް މި ސާވިސް އިން އިލްތިމާސްކުރަން،" ފުލުހުން ބުންޏެވެ.

ތިނަދޫގައި ދަރިވަރަކު، ކްލާހުގެ އެހެން ދަރިވަރަކަށް އަނިޔާކުރި މައްސަލަ ބަލަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވެސް ބުންޏެވެ. އިތުރު ތަފުސީލެއް ނުދެއްވަ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ގޮނޑީގައި އިށީނދެގެން އިން ފިރިހެން ކުއްޖެއްގެ ކައިރިއަށް އެހެން ކުއްޖަކު ގޮސް މޮނީޓަރު ފޮތެއް އަތުލައި، ވާހަކަދައްކަން ތިބޭ ތަނެވެ. އެ ދައްކާ ވާހަކަ ސާފު ނުވިޔަސް، އެ ފޮތް ދެން ހުރި ކުއްޖާގެ އަތުން އަތުލަން އޭނާ މަސައްކަތްކުރެ އެވެ.

އެގޮތަށް ތިބުމަށް ފަހު އެ ފިރިހެން ކުއްޖާ، އިށީނދެގެން އިން ކުއްޖާގެ ގައިގައި ފޮތާއި ދަބަހުން ތަޅައި ގަނެ އެވެ. އެ ވަގުތު އެ ދެ ކުދިން ދުރުކުރަން ކްލާސް ރޫމުގައި ދެން ތިބި ދަރިވަރުން މަސައްކަތް ކުރެ އެވެ.

އެއީ ކޮން އިރަކު ހިނގި ކަމެއްކަން ޔަގީންވާ ގޮތެއް ނުވި އެވެ.