Roadha Mihaaru
ކުއްޖާއަށް އަނިޔާކުރުމުގައި ބައިވެރިވީ ކުޑަކުދިން

ކުއްޖާއަށް އަނިޔާކުރުމުގައި ބައިވެރިވީ ކުޑަކުދިން

06 އެޕްރީލް 2024

އއ. ރަސްދޫގެ މިސްކިތެއްގެ ތެރޭގައި ރޭ ކުޑަކުއްޖަކަށް އަނިޔާކުރުމުގައި ބައިވެރިވީ ވެސް ކުޑަކުދިން ކަމަށް ފުލުހުން ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އއ. ރަސްދޫގެ މިސްކިތެއްގެ ތެރޭގައި ރޭ ކުޑަކުއްޖަކަށް އަނިޔާކުރުމުގައި ބައިވެރިވީ ވެސް ކުޑަކުދިން ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާގެ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނީ މިހާތަނަށް ފުލުހުން ކުރި މަސައްކަތުން އެކަން ކުރި ކަމަށް ތުހުމަތު ކުރެވޭ ކުދިން ދެނެގަނެވިފައިވާ ކަމަށެވެ. އެއީ 13 އަހަރު އަދި 14 އަހަރުގެ ދެ ކުދިން ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި ވީޑިއޯ އިން ފެންނަ މަންޒަރުތަކަކީ ބަލަން އުނދަގޫ އަދި ކުޑަކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެ ކަހަލަ މަންޒަރުތަކަކަށް ވާތީ، ވީޑިއޯ އެކަކު އަނެކަކަށް ހިއްސާކޮށް، ސޯޝަލް މީޑިއާގައި ދައުރު ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

"އަނިޔާ ލިބުނު ކުއްޖާއަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ކުރަމުންދާ ވާހަކަ އެންމެހައި ފަރާތްތަކުގެ މައުލޫމާތަށްޓަކާ ދަންނަވަމެވެ،" ފުލުހުންގެ މެސެޖުގައިވެ އެވެ.

ރަސްދޫން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި، އަނިޔާ ލިބުނު ކުއްޖާ އަކީ އެ އަތޮޅު މަތިވެރީގެ ކުއްޖެކެވެ. އެ ކުއްޖާ ރަސްދު އަށް ދިޔައީ އާއިލާ އެކު ޗުއްޓީ އަށެވެ.

މިކަން ހިނގާފައި ވަނީ ރޭ ތަރާވިސް ނަމާދު ގަޑީގަ އެވެ. ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއެއް އިން ވެސް، އެ މިސްކިތުގައި ނަމާދުކުރާ އަޑު އިވެ އެވެ.

ވީޑިއޯއެއްގައި ފެންނަނީ މިސްކިތެއްގެ ފާހާނާގެ ތެރޭގައި ކުޑަކުއްޖަކަށް ބުލީކޮށް، އެ ކުއްޖާގެ ގައިގައި އެހެން ކުދިންތަކެއް ގޮށްމުށުންނާއި ކޮޅުފައިން ޖަހައި އަނިޔާކުރާ ތަނެވެ. އެ ކުއްޖާގެ ކޯމަތީގައި ވަރަށް ބާރަށް ޖެހުމުން ރޯން ވެސް ފަށަ އެވެ. އަދި ވަރަށް ހަޑިހުތުރުބަހުން އެ ކުއްޖާ ދިމާލަށް ދެން ތިބި ކުދިން އެއްޗެހި ކިޔަ އެވެ.

އެ ކުއްޖާގެ އަތުގައި އޮތް ފެންފުޅި އަތުލައި ބޮލަށް އަޅާލާ މަންޒަރު ވެސް ވީޑިއޯ އިން ފެނެ އެވެ.

އަނިޔާނުކޮށް އޭނާ ދޫކޮށްލަން އެދި އެ ކުއްޖާ ކުޑަކަކޫ މައްޗަށް ތިރިވެ އާދޭސް ވެސް ކުރެ އެވެ.

ކުއްޖާ އަށް އަނިޔާކުރި މައްސަލާގައި ރަސްދޫގެ އާންމުން ވަނީ ކުއްޖާ އަށް އަނިޔާކުރުމުގައި ބައިވެރިވި ކުދިންގެ ގެތައް ކައިރިއަށް މިރޭ ދަންވަރު އެއްވެ ނުރުހުން ވެސް ފާޅުކޮށްފަ އެވެ.

މި މައްސަލަ ފެންމަތިވުމުން ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ވެސް މިރޭ އެކްސްގައި ޕޯސްޓެއް ކުރެއްވި އެވެ.

"ކުޑަކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ފުލުހުންގެ ސަމާލުކަމަށް އައިސްފައި. މިކަން ކުރި ފަރާތްތައް ހޯދައި އަވަހަށް ފިޔަވަޅު އެޅުމަށް ފުލުހުން ދަނީ މަސައްކަތްކުރަމުން. މިފަދަ ކަންކަން މުޖުތަމައުގައި ހިންގާ ފަރާތްތަކާ މެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅިގެންދާކަން ޔަގީންކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.