Roadha Mihaaru
ބުލީގެ ޝިކާރައަކަށްވި ކުއްޖާ އަށް އެތައް ބައެއްގެ ލޯބި

ކުރުކަމުން ބުލީގެ ޝިކާރައަކަށް؛ މިހާރު އެތައް ބައެއްގެ ލޯތްބާއި އެހީ

22 ފެބުރުއަރީ 2020

އިސްކޮޅުން ކުރުމަކުން ސްކޫލްގައި ބުލީގެ ޝިކާރައަކަށް ވުމުން، ދުނިޔޭގައި އުޅެން ބޭނުން ނުވާ ކަމަށް ބުނެ އަސަރާ އެކު ދެއްކި ވާހަކަތައް ސޯޝަލް މީޑިއާގައި އާންމުކުރުމުން ސަމާލުކަމަށް އައި އޮސްޓްރޭލިއާގެ ނުވަ އަހަރުގެ ފިރިހެން ކުއްޖާގެ ދިފާއުގައި އެތައް ބަޔަކު ތެދުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިސްކޮޅުން ކުރުމަކުން ސްކޫލްގައި ބުލީގެ ޝިކާރައަކަށް ވުމުން، ދުނިޔޭގައި އުޅެން ބޭނުން ނުވާ ކަމަށް ބުނެ އަސަރާ އެކު ދެއްކި ވާހަކަތައް ސޯޝަލް މީޑިއާގައި އާންމުކުރުމުން ސަމާލުކަމަށް އައި އޮސްޓްރޭލިއާގެ ނުވަ އަހަރުގެ ފިރިހެން ކުއްޖާގެ ދިފާއުގައި އެތައް ބަޔަކު ތެދުވެއްޖެ އެވެ.

ކްއަޑޭން ބޭލެޒްގެ ވީޑިއޯއެއް އޭނާގެ މަންމަ ޔެރާކާ ބޭލެޒް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން ބުނީ އޭނާ ދަރިފުޅަކީ ކޮންމެ ދުވަހަކު ސްކޫލްގައި ބުލީއާ ކުރިމަތިލާން ޖެހިފައިވާ ކުއްޖެއް ކަމަށާއި އެކަމުގެ ސަބަބުން އެ ކުއްޖާގެ ހާލަތު ވަރަށް ގޯސްވެފައިވާ ކަމަށެވެ.

"މިކަމަކާ ހުރެ ދަރިފުޅި ބޭނުން ވަނީ މަރުވާން. ދުނިޔެ ދެކެ އޭނާ ވަނީ ފޫހިވެފައި. އޭނާގެ ލޮލުން ކަރުނަ ހިކޭ ދުވަހެއް ނާދޭ،" ޔެރާކާ ބުންޏެވެ.

މި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވާ އެކު، އޮސްޓްރޭލިއާ އަށް ނިސްބަތްވާ ހޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ހިއު ޖެކްމަން ފަދަ އެތައް ބަޔަކު ވަނީ ކްއަޑޭން އަށް ހިތްވަރުދީ ވާހަކަ ދައްކައިފަ އެވެ. އަދި އެންމެން ވެސް ތިބީ އެ ކުއްޖާއާ އެކުގައި ކަމަށް ބުންޏެވެ. އެގޮތުން ސޯޝަލް މީޑިއާގައި އަންނަނީ ކްއަޑޭން އަށް ހިތްވަރު ދިނުމުގެ ގޮތުން #ވީސްޓޭންޑްވިތުކްއަޑޭންގެ ނަމުގައި ކެމްޕޭން ވެސް ކުރަމުންނެވެ.

"ވުލްވުރިން" ގެ ކެރެކްޓާ ކުޅޭ ޖެކްމަން ވީޑިއޯއަކާ ކުރި ޓްވީޓެއްގައި ބުނީ ކްއަޑޭންއާ އެކު އޭނާ އަބަދު ވެސް ވާނެ ކަމަށާއި އޭނާ އަކީ މިހާރު ކްއަޑޭންގެ ރައްޓެއްސެއް ކަމަށެވެ.

"ތިއީ ހަމަ ވަރަށް ހިތްވަރުގަދަ ކުއްޖެއް. އަދި ކޮންމެ މީހަކީ ވެސް ހިތްހެޔޮ އޯގާތެރި މީހަކަށްވާން ޖެހޭ،" ޖެކްމަން ބުންޏެވެ.

ކްއަޑޭންގެ މަންމަ ކިޔައިދިން ގޮތުގައި ދަރިފުޅުގެ ސިފައާ ހެދި އެ ކުއްޖާ އަށް ސްކޫލްގެ ތެރޭގައި މަލާމާތާއި ފުރައްސާރައިގެ ޝިކާރައަކަށްވުމަކީ ހިތަށް ކުޅަދާނަވާވާރުގެ ކަމެއް ނޫނެވެ. އެކަމަކުު ދަރިފުޅު ބަލައި ސްކޫލަށް ދާ ކޮންމެ ދުވަހަކީ ހިތްދަތިކަމުގެ ވޭނާ އިތުރަށް ކުރިމަތިލާން ޖެހޭ ދުވަހެއް ކަމަށް ބުންޏެވެ. އެގޮތުން ދަރިފުޅާ ދިމާ އަށް އެކިއެކި ނަންނަމުން ގޮވާ އަޑު އިވުމަކީ ހިތްފަޅައިގެންދާ ވަރުގެ ކަމެއް ކަމަށް ބުންޏެވެ.

"ހެޔޮ ނުވާނެ ކޮންމެ މީހަކު ވެސް އެ މީހެއްގެ ދަރިންނާއި އާއިލާ އާއި ރައްޓެހިންނަށް ބުލީ އަކީ ކިހާ ވަރެއްގެ ކަމެއްކަން ކިޔައިދީ ހޭލުންތެރިކަން އުފައްދަން ޖެހޭ." ކްއަޑޭންގެ މަންމަ ބުންޏެވެ. "މިއީ ވަރަށް ވޭންހުރި ކަމެއް."

އޭނާގެ މި ވާހަކަތައް ހިއްސާކުރުމާ އެކު ޓްވިޓާގައި ވަރަށް ގިނަ ބެލެނިވެރިން އަންނަނީ އެ މީހުންގެ ދަރިންނަށް ވެސް ކުރިމަތިލާން ޖެހިފައިވާ މިފަދަ އެތައް ވާހަކަތަކެއް ހިއްސާކުރަމުންނެވެ. އަދި ބުލީކުރުމަކީ ކިހާ ނުރައްކާތެރިކަމެއްކަން އެފަދަ ކަމެއް އަމިއްލަ އަށް ތަޖުރިވާކުރެވެމުން ނޫނީ ގިނަ ބަޔަކަށް އިހުސާސް ނުކުރެވޭނެ ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ. މީގެ އިތުރުން ބައެއް މީހުން ވަނީ އެ މީހުންގެ ދަރިން ކްއަޑޭންއާ އެކު ތިބިކަން ވީޑިއޯ މެސެޖްތަކުން ހިއްސާކޮށްފަ އެވެ.

ކްއަޑޭން އަށް ކުރިމަތިވެފައިވާ ހިތްދަތިކަމުން ލުއެއް ހޯދައިދޭން އެމެރިކާގެ މަޝްހޫރު ކޮމީޑިއަން ބްރެޑް ވިލިއަމްސް ވެސް ވަނީ ގޯ މީ ފަންޑް ޕޭޖް މެދުވެރިކޮށް ފަންޑް ރެއިޒިން ހަރަކާތެއް ވެސް ފަށައިފަ އެވެ. އެގޮތުން 24 ގަޑިއިރު ނުވަނީސް އެ ކެމްޕޭނަށް ވަނީ 170،000 އަށް ވުރެ ގިނަ ޑޮލަރު ލިބިފަ އެވެ. ބްރޭޑް ބޭނުން ވަނީ ކްއަޑޭން އާއި އާއިލާ ހިތްހަމަޖައްސައިލަން ޑިޒްނީ ލޭންޑަށް ފޮނުވައި ދޭށެވެ.