Roadha Mihaaru
ގައިދީންގެ ފުރަތަމަ ރިހެބް ޕްރޮގްރާމް ނިންމާލައިފި

ގައިދީންނަށް ހާއްސަކޮށް ބޭއްވި ފުރަތަމަ ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމް ނިންމާލައިފި

23 އޯގަސްޓް 2022

މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލަށް ލާފައިވާ ގައިދީންނަށް ފަރުވާ ދިނުމަށް ކ. މާފުށި ޖަލުގައި ބޭއްވި ފުރަތަމަ ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމް މިއަދު ނިންމާލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލަށް ލާފައިވާ ގައިދީންނަށް ފަރުވާ ދިނުމަށް ކ. މާފުށި ޖަލުގައި ބޭއްވި ފުރަތަމަ ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމް މިއަދު ނިންމާލައިފި އެވެ.

މިއަދު މާފުށީ ޖަލުގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެ ޕްރޮގްރާމް ފުރިހަމަ ކުރި ގައިދީންނަށް ސެޓްފިކެޓް ހަވާލުކޮށްފަ އެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނައިބް ރައީސް ފައިސަލް ނަސީމެވެ. އެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް އަދި ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގުޅިގެން މާފުށީ ޖަލުގައި އެ ޕްރޮގްރާމް ފެށި މި އަހަރު ފެބްރުއަރީ މަހު 27 ގަ އެވެ.

ކަރެކްޝަންސް އިން ބުނީ މަސްތުވާތަކެއްޗާ ގުޅިގެން ހުކުމް ތަންފީޒުކުރަމުންދާ 40 ގައިދީންނާ އެކު އެ ޕްރޮގްރާމް ފެށި ނަމަވެސް، އެކި ސަބަބުތަކާ ހުރެ، އެ ޕްރޮގްރާމް ކާމިޔާބުކަމާ އެކު ފުރިހަމަކުރީ އޭގެ ތެރެއިން 32 ގައިދީން ކަމަށެވެ.

އެ ޕްރޮގްރާމްގެ ދެވަނަ މަރުހަލާގެ ތެރެއިން ކުރިއަށް ގެންދިޔަ ސެޓްފިކެޓް 1 އިން ހައުސް ވަޔަރިން އެންޑް އިލެކްޓްރިޝަން ކޯހުގެ ސެޓްފިކެޓާއި އަދި ޑްރަގް ރީހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރި ކަމުގެ ސެޓްފިކެޓް ވެސް ބައިވެރިންނަށް މިއަދުގެ ރަސްމިއްޔާތުގައި ހަވާލުކުރި ކަމަށް އެ އިދާރާ އިން ބުންޏެވެ.

ޕްރޮގްރާމް ފުރިހަމަ ކުރި ގައިދީންނަށް މަރުހަބާ ދަންނަވާ ނައިބް ރައީސް ވިދާޅުވީ މުޖުތަމައުގައި އެއްވެސް މީހަކާ މެދު ތަފާތުކުރުން ގެންގުޅެގެން ނުވާނެ ކަމަށެވެ. އަދި އެންމެންގެ އަމާޒަކަށް ވާންޖެހޭނީ، ޖަލުގައި ތިބި ގައިދީންނާއި ދޭތެރޭގައި އިހުތިރާމާއި އިހުސާންތެރިކަމާ އެކު އަމަލު ކުރެވި އެ މީހުން، އަނބުރާ މުޖުތަމައު އަށް އައުމުގެ ފުރުސަތު ހޯދައިދީ، އާއިލާތަކާ އެކު ދިރިއުޅެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރިހިބިލިޓޭޝަން ޕްރޮގްރާމްގެ މަގުސަދަކަށްވީ މަސްތުގެ ވަބާގައި ޖެހި، ޖަލު ހުކުމް ތަންފީޒުކުރަމުންދާ ގައިދީން ރިހިބިލިޓޭޓްކޮށް، ބޭނުންތެރި ބައެއްގެ ގޮތުގައި އެ މީހުން މުޖުތަމައަށް އަނބުރާ ނެރުމެވެ.

ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބި، ގައިދީން ޑިޓޮކްސިފައިކޮށް، ޑްރަގް ޓްރީޓްމަންޓް ދިނުމާއި ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ އިތުރުން ވަޒީފާގެ ހުނަރުތައް ވެސް އެ ޕްރޮގްރާމްގައި ދަސްކޮށްދިނެވެ.