Roadha Mihaaru
ސްކޭމް ހުއްޓުވާ އެންޓަނާގެ ބޭނުން ނުކުރެވޭ:ކަރެކްޝަންސް

ސްކޭމް ހުއްޓުވަން މާފުށީގައި ބެހެއްޓި އެންޓަނާގެ ބޭނުމެއް ނުކުރެވޭ: ކަރެކްޝަންސް

24 ޖުލައި 2024

ސްކޭމް މައްސަލަތަކާ ގުޅިގެން މާފުށީ ޖަލުގައި ބެހެއްޓި އެންޓަނާގެ ބޭނުން ނުކުރެވޭ ކަމަށް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސްކޭމް މައްސަލަތަކާ ގުޅިގެން މާފުށީ ޖަލުގައި ބެހެއްޓި އެންޓަނާގެ ބޭނުން ނުކުރެވޭ ކަމަށް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ އެސްއޯއީ ކޮމިޓީގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވީ، ފުލުހުންނާއި ޓެލެކޮމިއުނިކޭޝަން އިދާރާ އާއި ޕްރިޒަންސްއާ އެކު ސްކޭމްތައް ހުއްޓުވަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. މާފުށީ ޖަލުގައި އެންޓަނާއެއް ބެހެއްޓީ ވެސް އެ މަސައްކަތުގެ ތެރޭގައި ކަމަށާއި އެކަމަކު އޭގެ ބޭނުން އެކަށީގެންވާ ގޮތެއްގައި އަދި ނުހިފޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އިބްރާހިމް ވިދާޅުވި ގޮތުގައި އެންޓަނާ އަށް ހިޓުވާ ންމަބަރުތަކުގެ މައުލޫމާތު ދޭން، ގާނޫނީ މައްސަލަތަކާ ހެދި ދިރާގާއި އުރީދު އަށް އުނދަގޫ ކަމަށް އެ ދެ ތަނުން ވަނީ އަންގައިފަ އެވެ.

"އުރީދޫން ވެސް އަދި ދިރާގުން ވެސް ނެގި މައްސަލައަކީ ގާނޫނީ މައްސަލަތަކެއް ހުރުމާ އެކު، އެ އެންޓަނާ އަށް ހިޓުވާ ހުރިހާ ނަންބަރުތަކެއްގެ ވެރިފިކޭޝަން ފުލުހުންނަށް ދޭން އުނދަގޫވާ ކަމަށް،" އޭނާ ވިދާޅުވި އެވެ.

އިބްރާހިމް ވިދާޅުވީ، އެ އެންޓަނާ ޖެހުމުން ޖަލުގައި ރޭންޖް ނުލިބި، ކުރިން ހުރި ބައެއް ގޮޅިތަކަށް ވެސް މިހާރު ރޭންޖު ލިބޭ ކަމަށެވެ.

"އެހެންވީމާ، އެ އެންޓަނާ އަށް ހިޓުވާ ނަންބަރުތައް ލިބޭތޯ އެނގޭނީ ފުލުހުންނަށް. އަޅުގަނޑުމެންގެ އެއްވެސް އޮފިސަރެއް ނޫނީ މުވައްޒަފެއް ވެސް މިހާރު ބޭނުން ކުރާނީ ނަންބަރު ޕޮލިހުންނަށް ދީގެން. އެ އެންޓަނާ ހިޓު ވަންޏާ އެނގޭނެ މުވައްޒަފުން ބޭނުން ކުރާ ނަންބަރެއްތޯ ނުވަތަ ނޫންތޯ،" އޭނާ ވިދާޅުވި އެވެ.

އިބްރާހިމް ވިދާޅުވީ، މިހާރު ވެސް ޖަލުން ސްކޭމް ކޯލުތައް ކުރުމުގެ ފުރުސަތު އޮވެދާނެ ކަމަށާއި ދުނިޔޭގެ އެއްވެސް ޖަލެއްގައި އެފަދަ ކަންކަން އެއްކޮށް ބްލޮކް ކުރެވިފައި ނެތް ކަމަށެވެ.

"އަޅުގަނޑުމެން ވެސް މަސައްކަތް ކުރަމުން މިދަނީ ޖަލަށް ކޮންޓްރަބޭންޑްސް [ގަވައިދާ ހިލާފަށް ތަކެތި ވެއްދުން] ވަންނަ މިންވަރު މިނިމައިޒް ކުރުމަށްޓަކައި. އަޅުގަނޑުމެން އެއްވެސް އިރެއްގައި ނުދަންނަވާނަން ޖަލަށް ކޮންޓްރަބޭންޑްސް އެއްކޮށް ހުއްޓުވޭނެ އެކޭ،" އޭނާ ވިދާޅުވި އެވެ.

އިބްރާހިމް ވިދާޅުވި ގޮތުގައި، އެކަން މަދު ކުރުމަށްޓަކައި އޮފިސަރުން އިތުރަށް ސްކޭންކޮށް، ޖަލަށް ވެއްދޭ އެއްޗިއްސަކީ ކޮބައިތޯ ވަރަށް ރަނގަޅަށް ބަލަ އެވެ.

ބޮޑެތި ސްކޭމްތައް މާފުށީ ޖަލުން ހިންގަ އެވެ. އޮޅުވާލައިގެން ފައިސާ ފޭރިގަންނަ މި މައްސަލަތަކުގައި މާފުށީ ޖަލުގެ ގައިދީންނާ އެކު ކަރެކްޝަނަލް ސާވިސްގެ ޖަލު އޮފިސަރުންގެ ވެސް ބައިވެރިވުން އޮތް ކަން ތަހުގީގަށް ވަނީ ފާހަގަކުރެވިފައި ކަމަށް ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ވަނީ ބުނެފަ އެވެ.

މި ފަހުން މާފުށީ ޖަލުގައި ހިންގި އޮޕަރޭޝަނެއްގައި، ކަރެކްޝަނަލް ސާވިސްގެ 13 އޮފިސަރަކު ވެސް ހައްޔަރުކޮށްފައި ވެ އެވެ.