Roadha Mihaaru

ޝުކުރު

އާދިއްތަ ދުވަހާ ގުޅޭ

ޝުކުރު
ބިންމާ އިބްރާހިމް ވަހީދު
ބިންމާ އިބްރާހިމް ވަހީދު

24 އޯގަސްޓް 2022

އާދިއްތަ ދުވަހާ ގުޅޭ

"ހެޕިބާތުޑޭ ހޭންޑްސަމް ބޯއި!" މަލްސާ ބުންޏެވެ.

އުސައިދުގެ ގޮތަކީ، މީހަކު ދޭހައި އެއްޗެއް ނުހިފުމެވެ. ގާތުގައި އަހަރެން ހުރިއްޔާ އަހަރެންގެ މޫނަށް ބަލައިލުމެވެ. އަހަރެންގެ ރުހުންލިބިގެން ނޫނީ އުސައިދު ހަދިޔާ ގަބޫލެއް ނުކުރާނެއެވެ. ތަންކޮޅެއް ކުރިން މަލްސާއަށް އޮންނާނީ އެ މަންޒަރު ފެނިފައެވެ. އެހެނަސް އައިޕެޑު ދިން ދުވަހު އުސައިދު ކަންތައްކުރީ އެހެންޏާ ނުކުރާ ގޮތަކަށެވެ. ހަމަ އެކަނި ހަދިޔާ ގަބޫލުކުރުން އެކަންޏެއް ނޫނެވެ. މަލްސާ ގައިގަ ނިކަން ލޯބިން ބައްދައިލިއެވެ. އަހަރެންގެ ހިތް ނިކަން ބާރަށް ތެޅިގަތެވެ. ހިތަށް މޭ ކުޑަވެގެން ހާސްވި ކަހަލައެވެ. އަހަންނަށް ވުރެ ބޮޑަށް މަލްސާ ހައިރާންވިއެވެ. އެއިން އެނގެނީ މަލްސާ ވެސް އެ ފަދަ ރައްދަކަށް އުންމީދު ނުކޮށް ހުރި ކަމެވެ.

"ތެންކިޔޫ މަންމާ!" އުސައިދު ބުންޏެވެ.

ދަރިފުޅުގެ ލޯތްބަށް ފެންބޮވައިފައިހުރި މަލްސާގެ ހިތް ފުރިގެން ބަންޑުންވިއެވެ. ވިހެއި ފަހުން ލޮލުގެ ކުޑަކޮޅުން ވެސް ބަލައިނުލި މީހާއަށް އެހައި ލޯބި ލިބުނު އިރު، ލޮލަށް ވެއްޓުނު ކުނިކޮޅެއްހެން އުސައިދު ގެންގުޅުނު އަހަންނަށް މި ލިބުނީ ކޯޗެއް ހެއްޔެވެ؟ އެ ވަރުގެ އަނިޔާއެއް އަހަރެންގެ ހިތަށް އުސައިދު ދިނީ ކީއްވެގެން ހެއްޔެވެ؟ އުސައިދާއި މަލްސާ ވަރަށް ގިނަ ވާހަކަދެއްކިއެވެ. ޖެހި ތަނބެއްހެން އަހަރެން ބާކީވެފައި ހުރީއެވެ. އެ ތަނުގައި އަހަރެން ނެތް ކަހަލައެވެ.

ގެއަށް އައި އިރު އަހަރެންނަށް ހުރީ ފާޑެއްގެ ގޮތެއްވެފައެވެ. ނޭވައަކީ ނޭނގި ލެވޭ އެއްޗެކެވެ. އަހަރެން ޖެހުނީ ނޭވާލާށެވެ. ގާތުގައި ހުންނަ މީހާ ދެ ފަހަރަށް ބުނީމައި ނޫނީ އަހަންނަކަށް އެއްޗެއް އަޑެއްނީވެއެވެ. އެތެރެހަށި ހުރީ ފުރިފައެވެ. އިރުއިރުކޮޅާ ވައިލެވެއެވެ. ކޮޅަށް ހުންނަން އުނދަގޫވެގެން ސޯފާގައި އިށީނދެލީމެވެ. އަހަރެންނާ ޖެހިގެން އުސައިދު އިށީނެވެ. އައިޕެޑު ނަގައިގެން އެޔާ ކުޅެން މަސައްކަތްކުރިއެވެ. އޭނަ އެ ކަން ކުރީ އަހަރެންގެ ހިތަށް އިތުރަށް ތަދުކުރުމުގެ ނިޔަތަކު ނޫނެވެ. އެ ކަން ޔަގީނެވެ. އެކަމަކު އަހަރެންގެ ހާލަތު ހައްތަހާވީ ގޯހެވެ. ވަރަށް ހިތްވަރުން ތެދުވެގެން، ނުވެއްޓެން މަސައްކަތްކުރަމުން ކޮޓަރިއަށް ވަދެފައި އެނދުގައި އޮށޯވެލީމެވެ. އަހަންނަށް ހީވަނީ ފަންގިފިލާގައި ރާޅެއް ދުވާހެންނެވެ. އެނދު ހީވަނީ، ގަދަ ކަނޑެއްގައި ދުވެފައިދާ ދޯންޏެއްހެންނެވެ. އަހަރެން އޮތީ ދެ އަތުން ގޮދަޑީގައި ހިފާއްޓައިގެންނެވެ. އެހެން ނޫން ނަމަ އެނދުން ވެއްޓުނީހެވެ. އެކަކަށް ވެސް ނުގޮވާ އެހެން އޮންނަން މަސައްކަތްކުރީމެވެ. އިރުކޮޅަކުން ރަނގަޅުވެދާނެކަމަށް ހީކުރީމެވެ. ނުވިއެވެ. ވިއްޔާ ވީ ގޯހެވެ. ކެތްނުކުރެވިގެން އަލްވާނަށް ފޯނުކުރީމެވެ.

"ވަރަށް އަވަހަށް ގެއަށް އައިސްބަލަ!" އަހަރެން ބުނީމެވެ.

ކަމުގެ ބޮޑުކަން އަލްވާން ދަނެގަތީ އަހަރެންގެ ރާގުންނެވެ. އިސާހިތަކު އަލްވާން ގެއަށް އައެވެ. ވީ ގޮތް އޮޅުންފިލުވަން މަސައްކަތްކުރިއެވެ. އަހަރެން ބޭނުންވީ ނުބުނާށެވެ. ވަކި ވަރަކަށް ވުރެ ބޮޑަށް ހިތުގަޖެހުމުން އެހެން މީހެއްގެ ހަމުދަރުދީ ބޭނުން ނުވާ ފަހަރު އާދެއެވެ. އެއީ އެ ފަދަ ފަހަރެކެވެ.

"ހީވަނީ މިއަދު ފެން ނުބޮވޭތީ ވީ ގޮތެއްހެން،" އަހަރެން ބުނީމެވެ. "އަލްވާން މި ތާ ކައިރީގަ އިށީނދޭ! އިރުކޮޅަކުން ރަނގަޅުވެދާނެ."

އަހަންނަށް ބުނެވުނީ ނުބައިކޮށެވެ. ތެދަށް ބުނާ ނަމަ، ރަނގަޅަށް ދޮގެއްހަދައިލަން ވެސް އެ ވަގުތު އަހަންނަށް ނޭނގުނީއެވެ. ފެން މަދުވެގެން އުޅޭ މީހަކު ބުނާނީ ފެން ގެނެސްދޭށޭއެވެ. އަލްވާނަށް އެ ކަން ވިސްނުނެވެ. އަހަރެންގެ މަގަތުގައި އޮށޯވެލިއެވެ.

"ހައިބާ ނުޖެހޭނެ އަހަންނަށް ކަމެއް ފޮރުވާކަށް އިނގޭ!" ވަރަށް ލޯތްބާ އެކުގައި އަލްވާން ބުންޏެވެ. "މަލްސާ ކީކޭ ކިއީ؟"

އަހަރެންގެ ސިކުނޑި ހީވަނީ ފެޅިދާނެހެންނެވެ. ލުއިކުރަން ބޭނުން ނަމަ، އޮތް ހަމަ އެކަނި ގޮތަކީ އަލްވާނަށް ކިޔައިދިނުމެވެ. އަކުރުން އަކުރަށެވެ. ފިލިން ފިއްޔަށެވެ. އަހަރެން ކިޔައިދިނީމެވެ.

".. އަހަންނަށް ވަރިހަމަ އުސައިދަށް ސަތޭކަ އައިޕެޑު ދިނަސް،" އަހަރެން ބުނީމެވެ. "އެކަމަކު އަހަންނަށް ދުވަހަކު ވެސް ނުގޮވާހާ ލޯބިން، މަންމާއޭ ކިޔާފަ މަލްސާއަށް ގޮވާލީމަ... އަހަންނަށް އެ ވަގުތު ހިން ވެސް ދިރުވާނުލެވުނު."

ރޯން ފެށުނީ އެ ހިސާބުންނެވެ. ހީވީ ގަނޑުވެފައި ހުރި ކަރުނަތަކެއް ވިރިގެން އޮހިގަތްހެންނެވެ. އަހަރެން ހުއްޓުވާކަށް އަލްވާން ނޫޅެއެވެ. އޭނަގެ މޭމަތީގައި އަހަރެން ބާއްވައިގެން، ބޮލުގައި ފިރުމާލަފިރުމާލާ އޮތީއެވެ. ބަނދުވެފައި ހުރި އުދާސްތައް ބޭރަށް އޮހިގެން ނޫނީ ހިތަށް ހަމަޖެހުން ނުލިބޭނެކަން، އަހަރުމެން ދެ މީހުންނަށް ވެސް އެނގެއެވެ.

އަލްވާނަކީ އަަހަރެންގެ ހިޔަންޏެވެ. އެހީ ބޭނުންވާ ކޮންމެ ވަގުތަކު އެންމެ ގާތުގައި އޭނަ ހުރެއެވެ. އެ ރޭ އަލްވާން ހީވީ އަހަރެންގެ އެއް އަތްހެންނެވެ. ހިތަށްއެރިއެވެ. ހިތްދަތިވެފައި ހުންނަ ވަގުތަކީ، ފިރިމީހާ ކިހައި ލޯބިވާކަން ވަޒަންކޮށްލަން ލިބޭ ރަނުގެ ފުރުސަތެކެވެ. އަލްވާން ނެތް ނަމަ އަހަންނަށް ވަރަށް ބޮޑުވަރުވީހެވެ.

އެ ދުވަހުގެ ފަހުން އަހަރެން ހަމަހެނެއް ހިޔެއްނުވެއެވެ. މާ ބޮޑަށް މާޔޫސްވީކަން ނޭނގެއެވެ. ލޯބީގެ ހަތިޔާރަކަށް މަލްސާ ބޭނުންކުރީ ފައިސާއެވެ. ކުޑަކުދިންގެ ނަޒަރުގައި އެއީ ލޯތްބެވެ. އަހަންނަކީ މުއްސަނދި މީހެއް ނޫނެވެ. އެ ވާދަވެރިކަމުން، ބޮޑުތަނުން އަހަރެން ބަލިވީއެވެ. އަހަންނަކީ ނުބައި މަންމައެއް ނޫނެވެ. އުސައިދު ދެރަކުރާކަށް އަހަންނަކަށް ނުކެރޭނެއެވެ. ކެރުނު ނަމަ އަހަރެން މޮޅުވީހެވެ. އުސައިދު ހުރީ އަހަރެން ކައިރީގައެވެ. ހެނދުނު ހޭލާ އިރު އައިޕެޑު ގެއްލުނީމައި އުސައިދު ކުރާނީ ކީއް ހެއްޔެވެ؟ މަލްސާގެ ނުބައި ވާހަކަ، ސައުވީސް ގަޑި އިރު ދައްކައިގެން އުސައިދުގެ ހިތާ ވެސް ކުޅެލެވުނީހެވެ. ހަމަ ނުކެރުނީއެވެ. އަހަންނަކީ މަލްސާއެއް ނޫނެވެ.

މަލްސާއާއި އުސައިދުގެ ގުޅުން ރަނގަޅުވަމުން އައެވެ. ހަލުވިކަމާ އެކުގައެވެ. އުސައިދުގެ އުމުރާ ނުގުޅޭ ވަރުގެ އަގު ބޮޑު ފޯނެއް މަލްސާ ގަނެދިނެވެ. އެހެން ކުއްޖަކު އޭގައި އަތްލާކަށް ވެސް އުސައިދު ބޭނުމެއް ނޫނެވެ. މަލްސާގެ ގެއަށް ދާން، ކޮންމެ ދުވަހަކު އުސައިދު ބޭނުންވެއެވެ. އެންމެ ދުވަހަކު ވެސް އެ ގެއަށް ފޮނުވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެހެނަސް ހިފާއްޓާނީ ކިހިނެއް ހެއްޔެވެ؟ ލޯތްބަކީ ގަދަކަމުން ހޯދޭ އެއްޗެއް ހެއްޔެވެ؟ އެ ގެއަށް ދާ ދުވަހަކު ވިއްޔާ އުސައިދު އަންނަނީ ކައިގެންނެވެ. އަހަންނަށް ދުވަހަކު ވެސް ނުދެވޭހާ މީރު އެއްޗެއްސެވެ. އަގު ބޮޑު އެއްޗެއްސެވެ. ނުވާ ތާކަށް، ގެއަށް އައިސް ލިސްޓު ވެސް ކިޔައިލައެވެ. އުމުރު ދުވަހު އަހަރެން ދިން ތަރުބިއްޔަތު، ދެތިން ދުވަހުން ވެއްޔާ މޮޑެވުނީއެވެ. އެ ވަރަށް އުސައިދު ބަދަލުވެދާނެކަމަކަށް އަހަރެން ހިޔެއްނުކުރަމެވެ.

އަށާރަވަނަ އުފަންދުވަސް ކައިރިވަމުންއައި އިރު، އުސައިދު ދާނީ މަލްސާ ގާތަށްކަން އަހަންނަށް ކަށަވަރުވިއެވެ. އަލްވާނަށް ވެސް އެ ކަން އެނގެއެވެ. އަހަރެން ދެރަވާނެތީ، އަލްވާން ގަސްތުގައި އެ ވާހަކަނުދެއްކީއެވެ. ކޮންމެވެސް ވަރަކަށް އަހަންނާ މަޝްވަރާކުރި ނަމަ އަލްވާން ބޭޒާރެއް ނުވީހެވެ. އަހަރެން ހިތަށްއެރިއެވެ. އުސައިދު އިހުތިޔާރުކުރާނީ މަލްސާހެން ހީވެގެން އަހަރެންގެ ބަލިހާލު ބޮޑުވާ އިރު، އެ ނިންމުން އޭނަ ނިންމާ ވަގުތު އަހަންނަށް ވާނީ ކިހިނެއް ހެއްޔެވެ؟ އޭގެ ކުރިން މަލްސާ ގާތަށް އުސައިދު ފޮނުވައިލަންވީ ހެއްޔެވެ؟ އޭރުން ހިތަށް ތަންކޮޅެއް ލުއިވެދާނެކަމަށް ޓަކައެވެ. އަލްވާންގެ ވިސްނުން ތަފާތެވެ. އެންމެ ފަހު ވަގުތާ ހަމައަށް ވެސް އަލްވާން ހުރީ އަހަންނަށް ހިތްވަރުދޭ ގޮތަށެވެ. އޭނައަށް މުހިންމީ އަހަންނެވެ. އުސައިދެއް ނޫނެވެ. އަބަދު ވެސް އެ ކަން އޮތީ އެ ގޮތަށެވެ. އަހަރެން ހީ ވެސް ނުކުރާ ކަހަލަ ނިންމުމެއް އަލްވާން ނިންމިއެވެ.

"އަހަރެން ބޭނުން ވާހަކައެއްދައްކަން،" ދުވަހެއްގެ މެންދުރު ގެއަށް އައިސް އަލްވާން ބުންޏެވެ. "އަހަންނަށް އެނގޭ އުސައިދު މި ގެއިން ގޮއްސިއްޔާ ހައިބާ ކިހާ ދެރަވާނެކަން. އެ ދުވަހުން އަހަންނަށް ހައިބާ ސަލާމަތް ނުކޮށްދެވިދާނެ. ފަހުން އެ ކަމާ ގިލްޓީވުމުގެ ބަދަލުގަ، ހިނގާ އެހެން ވިޔަ ނުދެމާ!"

އަލްވާން ބުނަން އުޅޭ އެއްޗެއް އަހަންނަކަށް ނޭނގެއެވެ. ވީމާ، ބަލަހައްޓައިގެން ހުރީމެވެ.

"ހިނގާ ލަންކާއަށް ފުރަން،" އަލްވާން އެދުނެވެ. "ލޯނެއް އޯކޭވެއްޖެ! އެ ކަމާ ހައިބާ ވިސްނާނެކަމެއް ނެތް. އެއް ދުވަހުން ޕާސްޕޯޓުގެ ކަންތައް ހަމަޖެހޭނެ. މާދަމާ ހިނގާ ފުރަމާ!"

އަހަރެންގެ ދިގު އިންތިޒާރު ނިމުމަކަށް އައީއެވެ. ހިތަށްއެރިއެވެ. ދެރިޔަސް ހެވެވެ. މީހަކު އަހަރެން މެރިޔަސް ހެވެވެ. ދާނީއެވެ. އުސައިދަކީ އަހަރެންގެ ދަރިއެކެވެ. އޭނައެއް ނުދޭނަމެވެ. މަލްސާއަށް ކުރެވުނުހައި ކަމެއް އޭނަ އެބަ ކުރެއެވެ. އަހަރެން ވެސް ކުރެވެން ހުރި ހުރިހައި ކަމެއް ކުރަން ޖެހޭނެއެވެ.

"ހިނގާ ފުރަން!" އަހަރެން އެއްބަސްވީމެވެ.

ޕާސްޕޯޓު ހަދަން ބަލައިލި އިރު އައިޑީކާޑު އޮތީ މުއްދަތު ހަމަވެފައެވެ. ފަށަން ޖެހުނީ އެ ހިސާބުންނެވެ. އަހަރުމެން ފުރަން އުޅޭކަން އެކަކަށް ވެސް ނާންގަމެވެ. އެހެނަސް، އައިޑީކާޑު ޔުނިޓާއި، އިމިގްރޭޝަންގައި މަލްސާގެ ކިހައި ރައްޓެހިންނެއް އެބަ ތިބި ހެއްޔެވެ؟ ތައުފީގާ ކިހައި ގުޅުމެއް އޮވޭ ހެއްޔެވެ؟ އެޔެއް ނޭނގެއެވެ. އަހަންނަށް އޮތީ އެންމެ ހިތްވަރެކެވެ. އެނގުނަސް އެ މީހުންނަކަށް އަހަންނެއް ނުއެއް ހުއްޓުވޭނެއެވެ. އަހަރެން މަނާކަމެއް ނުކުރަމެވެ.

ޕާސްޕޯޓު ފޮޓޯ ނަގަން ގޮސް ހުއްޓައި ތައުފީގު އެ ތަނަށް ވަނެވެ. ކިހައި އެހެން ކަހަލަ އިއްތިފާގެއް ހެއްޔެވެ؟ ތައުފީގު އައީ އޭނަގެ ކަމަކު ނޫނެވެ. ރައްޓެއްސަކާ އެކުގައި އޭނަ ވެސް އައީއެވެ.

"ޕާސްޕޯޓު ހައްދަނީތަ؟" އުސައިދު ގާތުގައި ތައުފީގު އެހިއެވެ. "ކޮން ތާކަށް ދަނީ؟"

އަހަރެން ހާސްނުވި ނަމަ ކިހައި ރަނގަޅުވީސް ހެއްޔެވެ؟ އިސްކޫލު ކަމަކު ފޮޓޯއެއް ބޭނުންވެގެންކަމަށް އަހަރެން ހެދުނީމެވެ. ސަބަބު ގަބޫލުކުރެވޭނެއެވެ. މައްސަލައަކީ އަހަރެން ހާސްވެފައި ހުރި ވަރެވެ. އިސްކޫލު ކަމަކު ފޮޓޯއެއްނަގަން އެހައި ހާސްވާކަށް ނުޖެހޭނެއެވެ. ތައުފީގުގެ މޫނުމަތިން ފެނުނީ ޝައްކުގެ އަލާމާތްތަކެވެ.

ތައުފީގު ދިމާވި ވާހަކަ އަލްވާން ގާތަކު ނުބުނަމެވެ. ފުރަން އޮތީ މެންދުރެއްގައެވެ. ހެނދުނު ނުވައެއްޖެހި ތަނާ އުސައިދު ދުވެފައި އައެވެ. އޭނަ އަތުގައި އޮތް ފޯނު އަހަންނަށް ދިއްކޮށްލިއެވެ. އަހަރެން ކަންފަތްޖެހީމެވެ.

"މިހެން ދަމުން ހިތަށްއެރީ އުސައިދު ގޮވައިގެން އައިސްކްރީމެއް ބޯލަން ދާންވެއްޖޭ!" މަލްސާ ބުންޏެވެ. "ހެޔޮތަ؟"

ނުނިމޭ