Roadha Mihaaru
މަޖުބޫރުވާ ދާއިރާތަކުން ކުދިންގެ ހުނަރު ނުފެނިދާނެ

މީހުން މަޖުބޫރުކުރުވާ ދާއިރާތަކުން ކުރިއަށް ދާއިރު ކުއްޖާގެ ހުނަރު ނުފެނިދާނެ: ރައީސް

24 އޯގަސްޓް 2022

މަތީ ތައުލީމު ހާސިލުކުރާއިރު ކުރިއަށް ދާން ވާނީ އެ ކުއްޖަކު ބޭނުންވާ ދާއިރާއަކުން ކަމަށާއި އެހެން މީހުން މަޖުބޫރުކޮށްގެން ވަކި ކަމެއް ކުރުމަކީ އެ ކުއްޖާގެ ކިބައިގައި ހުންނަ ހުނަރު ނުފެނިދާ ސަބަބެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މަތީ ތައުލީމު ހާސިލުކުރާއިރު ކުރިއަށް ދާން ވާނީ އެ ކުއްޖަކު ބޭނުންވާ ދާއިރާއަކުން ކަމަށާއި އެހެން މީހުން މަޖުބޫރުކޮށްގެން ވަކި ކަމެއް ކުރުމަކީ އެ ކުއްޖާގެ ކިބައިގައި ހުންނަ ހުނަރު ނުފެނިދާ ސަބަބެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ޓޮޕް އެޗީވާސް އެވޯޑް ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިިދާޅުވީ ކިޔަވައިގެން ރަނގަޅު ނަތީޖާ ހާސިލުކުރާ ކުދިންގެ އަގު ވަޒަން ކުރަނީ ވަރަށް މުހިއްމު މަގްސަދެއްގައި ކަމަށާއި ކިޔަވައިގެން މޮޅުވުމަށް އިތުރު ފުރުސަތުތައް ހޯދައިދެނީ ވެސް ވަރަށް މުހިއްމު އަމާޒެއްގައި ކަމަށެވެ.

ހުނަރުވެރި އުފެއްދުންތެރި ޖީލެއް ބިނާކުރުމަށް އެ މަސައްކަތްކުރާއިރު ރައީސް ވިދާޅުވީ ދަރިވަރުން ހޯދި ފޮނި ކާމިޔާބީން ރަމްޒުކޮށްދެނީ އެ އަމާޒަށް ވާސިލުވުމަށް ދަރިވަރުން ކަމަރު ބަނދެފައިވާ މިންވަރު ކަމަށެވެ. އެކަމަކު ފާއިތުވި ދެ އަހަރަކީ ކޮވިޑްގެ ސަބަބުން ދަތި އުނދަގޫ ދެ އަހަރު ކަމަށާއި އެ ދަތިކަމުގެ ތެރެއިން އެހާ ފުރިހަމަ ނަތީޖާއެއް ހާސިލުކުރީ އެކުދިންގެ ހިތްވަރުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި، މިދިޔަ ދެ އަހަރު ތިޔަ ދަރިވަރުން ކުރި ބުރަ މަސައްކަތަކީ، ދަތި އުނދަގޫ ހާލަތްތަކަށް ކެތްތެރިވެ، ހިތްވަރާއެކު އާ އަޒުމެއްގައި ކަންކަމާ ކުރިމަތިލުމުގެ ވަރަށް ފުރިހަމަ ނަމޫނާއެއް. އަދި އެއީ އަޒުމެއް އޮތިއްޔާ، ކިތަންމެ ބޮޑެތި ހުރަސްތަކެއް ގިރާކޮށްފައިވެސް، ކާމިޔާބީގެ އައްސޭރި އަތުވާނެ ކަމުގެ ވަރަށް އަލިގަދަ ހެއްކެއް،" ރައީސް ވިދާޅުވި އެވެ.

ޓޮޕް އެޗީވާސް އެވޯޑްގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ރައީސް އޮފީސް

ޓޮޕް އެޗީވާސް އެވޯޑްގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ ރަނގަޅު ނަތީޖާއެއް ހާސިލުކުރާއިރު ހަނދާނުގައި ބަހައްޓަން ޖެހޭ އަނެއް ކަމަކީ މޮޅު ކުއްޖަކަށް ވުމަށް ފޮތުގެ ތައުލީމުން ރަން ވަނަ ހާސިލުކުރުމުން އެކަނި ނުފުދޭ ކަަމަށެވެ. ކޮންމެ އިންސާނަކީ ތަފާތު އިންސާނެއް ކަމަށާއި އެ ތަފާތުތަކާ އެކު ކޮންމެ ކުއްޖެއްގެ ކިބައިގައި ވެސް ތަފާތު ގާބިލުކަމެއް ހުންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެހެންވެ މުއައްސަސާތަކާއި މައިންބަފައިން ވެސް މަސައްކަތްކުރަންވީ ކުދިންގެ ކިބައިގައި ހުރި ގާބިލުކަން ދެނެގަނެ، އެ ހުނަރުތައް އިތުރަށް ތަރައްގީކުރުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"މާތް ﷲ އަޅުގަނޑުމެން ކޮންމެ މީހަކަށް ދެއްވި 20 އިނގިލި ވެސް، އެއް އިނގިލި އަނެއް އިނގިއްޔާ ތަފާތު. އެހެންވިޔަސް، އެއިން ކޮންމެ އިނގިއްޔަކީ އޭގެ ޒާތުގައި މުހިންމު ގުނަވަނެއް. ހަމަ އެ ތަފާތު އަޅުގަނޑުމެންގެ އިންސާނުންގެ މެދުގައިވެސް ހުންނާނެ. އެ ތަފާތާއެކު ކޮންމެ ކުއްޖެއްގެ ކިބައިގައި ވެސް ތަފާތު ގާބިލުކަމެއް ހުންނާނެ."

އެމަނިކުފާނު ވިދާޅުވީ ގައުމު ބިނާކުރަން ފެށުމުގެ އަޒުމުގައި އެ ދަރިވަރުން އެންމެ ފުރަތަމަ ކުރަންވީ ކަމަކީ އަމިއްލަ ނަފްސު ބިނާކުރުން ކަމަށެވެ. ގައުމަށްޓަކައި އުފައްދާނީ ކޮން ކަހަލަ ޝަހުސިއްޔަތެއްކަން ކަނޑައަޅައި އިލްމީ ގާބިލުކަމާއި ފަންނީ ހުނަރުވެރިކަން ލިބިގަތުމަށް މަސައްކަތްކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

އެންމެ ފަސޭހައިން ހާސިލުކުރެވޭ ޑިގްރީއަކަށް ވިސްނުމުގެ ބަދަލުގައި އެ ކުއްޖާ ކުރިއަށް ދާން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމަށް ރައީސް އިލްތިމާސްކުރެއްވި އެވެ.

މިއަދު ތިޔައިން ކޮންމެ ކުއްޖަކަށް ވެސް އެނގޭނެ، ތިމަންނާ ކުރިއަށް ދާން އެންމެ ބޭނުންވަނީ ކޮން ދާއިރާއަކުން ކަން. ވަކި މީހަކު މަޖުބޫރު ކޮށްގެން ވަކި ކަމެއް ކުރަން އުޅުމަކީ، ތިމާގެ ކިބައިގައި ހުންނަ ހުނަރު، ބައެއް ފަހަރު އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުން ނުކުރެވިދާނެ ކަމެއް -- ރައީސް

ރައީސް ވިދާޅުވީ ދިރިއުޅުމަށް ރަނގަޅު ބިންގަލެއް އެޅޭނީ އެކުއްޖަކު އެންމެ ޝައުގުވެރިވާ ދާއިރާއަކުން ކުރިއަށް ދެވިގެން ކަމަށެވެ. ކޮންމެ ދާއިރާއަކީ ވެސް ކުރިއަށް ދިއުމުގެ ފުރުސަތުތައް ހުރި ދާއިރާތައް ކަމަށާއި ބޭނުންވަނީ ވަޒީފާތައް އަދާކުރާނެ ތައުލީމީ ދިވެހި ޒުވާނުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ޓޮޕް އެޗީވާސް އެވޯޑު ހާސިލުކުރި ބައެއް ދަރިވަރުން-- ފޮޓޯ: ރައީސް އޮފީސް

ޓޮޕް އެޗީވާސް އެވޯޑު ހާސިލުކުރި ބައެއް ދަރިވަރުން-- ފޮޓޯ: ރައީސް އޮފީސް

ތަރައްގީ ލާމަރުކަޒުވެގެން ދާވަރަކަށް ވަޒީފާ އާއި ޒަރޫރީ ހިދުމަތްތައް ހޯދަން ހިޖްރަކުރާ މިންވަރު ވެސް ދަށްވަމުން އަންނަކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ދަރިވަރުން ވިސްނަންވީ އެންމެ މުހިއްމު އެއް ކަމަކީ އެ ކުއްޖެއްގެ އަމިއްލަ ރަށުގައި މައިންބަފައިނާއި އާއިލާއާ އެކުގައި ތިބެގެން ގައުމަށް ހިދުމަތް ކުރެވެން އޮތް ގޮތެއް ހޯދުމަށް ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ އެވޯޑް ހާސިލުކުރި ދަރިވަރުން އެކުދިންގެ އިލްމުގެ ބޭނުން ހެޔޮ ގޮތުގައި ހިފައިގެން ގައުމަށް އެންމެ ބޭނުންވާ ދާއިރާތަކުން ހުނަރުވެރިންނަށް ވުމަށް އިލްތިމާސް ކުރައްވައިފަ އެވެ. އަދި ބެލެނިވެރިންނާއި ޓީޗަރުންނަށް ގޮވާލައްވާފައި ވަނީ ވެސް އިލްމު ލިބިފައިވާ ހިކްމަތްތެރި ޖީލެއް ބިނާކުރުމަށެވެ.