Roadha Mihaaru
ފުރަތަމަ ފަހަރަށް އަރަބިއްޔާގެ ދަރިވަރުން ގަދަ10 އަށް

ފުރަތަމަ ފަހަރަށް އަރަބިއްޔާ ސްކޫލުގެ ހަ ދަރިވަރަކު ގަދަ 10 އަށް

19 މެއި 2023

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ގަދަ 10ގައި ފުރަތަމަ ފަހަރަށް އަރަބިއްޔާ ސްކޫލުގެ ހަ ދަރިވަރަކު ހިމެނިއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ގަދަ 10ގައި ފުރަތަމަ ފަހަރަށް އަރަބިއްޔާ ސްކޫލުގެ ހަ ދަރިވަރަކު ހިމެނިއްޖެ އެވެ.

އަރަބިއްޔާ ސްކޫލުން ކިޔަވާ ދަރިވަރުންނަށް ކުރިން ގަދަ 10ގައި ވާދައެއް ނުކުރެވެ އެވެ. އެ ސްކޫލުގެ ދަރިވަރުންނަށް އޯލެވެލް އަދި އޭލެވެލްގެ ގަދަ 10ގައި ވާދަ ކުރެވޭ ގޮތަށް ގަދަ 10 ހޮވުމުގެ އުސޫލު ބަދަލުކުރީ މިދިޔަ މަހު އެވެ.

ގަދަ 10ގައި ހިމެނުނު ދަރުވަރުންނާއި އެ ދަރިވަރުން ހިމެނުނު ރޭންކްތައް:

- ހައްވާ ޒައިހާ ހަބީބު (ދެ ވަނަ)

- އައިޝަތު ދާއިން އަހުމަދު ޝަރީފު (ދެ ވަނަ)

- އަހުމަދު ޒައުލް (ތިން ވަނަ)

- އައިޝަތު ލައިޝާ، ޝިހާމް (ހަތަރު ވަނަ)

- އަބްދުއްރަހަމާނު ބިން އަހްމަދު ސަމީރު (ހަތް ވަނަ)

- އައިޝަތު ނަދާ (ހަތް ވަނަ)

އެ ސްކޫލުގެ ދަރިވަރު އަބްދުﷲ ސަރޫފް މުހައްމަދު ވަނީ، ހައި އެޗީވާސްއަށް ރައީސް ދެއްވާ ހާއްސަ އިނާމު ހާސިލްކޮށްފަ އެވެ. މިއީ އެ ސްކޫލުގެ ދަރިވަރަކަށް އެ އިނާމް ލިބުނު ފުރަތަމަ ފަހަރެވެ.

ރައިސް ދެއްވާ ހާއްސަ ސްކޮލާޝިޕް ހާސިލްކުރި، އަބްދުﷲ ސަރޫފް މުހުއްމަދަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިނާމް ދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައިސް ދެއްވާ ހާއްސަ ސްކޮލާޝިޕް ހާސިލްކުރި، އަބްދުﷲ ސަރޫފް މުހުއްމަދަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިނާމް ދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް

އެ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އައިޝާ އަޒްމާ ވިދާޅުވީ ގަދަ 10ގައި އަރަބިއްޔާއަށް ބައިވެރިވެވޭ މިނިސްޓްރީން ނިންމި ނިންމުމަށްފަހު ގިނަ ދަރިވަރުންތަކެއް އެ އިނާމް ހާސިލް ކުރުމަކީ ސްކޫލަށް ލިބުނު ފަހުރެއް ކަމަށެވެ.

އެއީ އެ ސްކޫލްގެ ދަރިވަރުންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިފަދަ އަގުހުރި ފުރުސަތެއް ދަރިވަރުންނަށް ފަހިވެގެން ދިޔުމަކީ އެ ދަރިވަރުން ކުރި ބުރަ މަސައްކަތުގެ އަގުވަޒަންކުރުމާއި، އެފަދަ ނަތީޖާތައް ހޯދުމަށް އެހެން ދަރިވަރުންނަށް ހިތްވަރާއި އެކު މަސައްކަތްކޮށް، ފޮނި ކާމިޔާބަކަށް ވާސިލްވުމަށް ހުޅުވައިލަދިން އަގުހުރި ފުރުސަތެއްގެ ގޮތުގައި ދެކެން،" އޭނާ ވިދާޅުވި އެވެ.

ޑެޕިއުޓީ ޕްރިންސިޕަލް ވިދާޅުވީ އެ ސްކޫލުގެ ދަރިވަރުންނަށް ގަދަ 10ގައި ބައިވެރިވުމަށް އެންމެ ބުރަ މަސައްކަތެއް ކޮށްދެއްވާފައި ވަނީ އެ ސްކޫލު ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސެއިން ސައީދު ކަމަށެވެ.

އެ ސްކޫލުގެ ދަރިވަރުންނަށް ގަދަ 10ގައި ބައިވެރިވުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި އެ ސްކޫލުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށާއި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.

ގާތްގަނޑަކަށް 1،000 ދަރިވަރުން ކިޔަވަމުން އަންނަ އަރަބިއްޔާ ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް ގަދަ 10ގައި ބައިވެރި ނުވެވޭ ކަމަކީ އެ ސްކޫލުގެ ބެލެނިވެރިން އަބަދުވެސް ކުރަމުން އަންނަ ޝަކުވާއެކެވެ. އޭލެވެލް އަދި އޯލެވެލް ކިޔަވައިދެމުން އަންނަ އެ ސްކޫލުގައި ގަދަ 10އެއް ނުހޮވި ނަމަވެސް ސްކޫލުގެ އެންމެ މޮޅު ދަރިވަރުން ކޮންމެ އަހަރަކު ވެސް ހޮވަ އެވެ.