Roadha Mihaaru
ޗެރިޓީ މެޗުގައި ބާސާ އާއި ސިޓީ އެއްވަރު

ނާރުގެ ބައްޔަށް ފައިސާ ހޯދަން ކުޅުނު މެޗުން ބާސާ އާއި ސިޓީ އެއްވަރު

25 އޯގަސްޓް 2022

ބާސެލޯނާ (އޯގަސްޓް 25) - ނާރުގެ ބަލިތަކަށް ފައިސާ ހޯދަން ކުޅުނު ޗެރިޓީ މެޗުގައި ބާސެލޯނާ އާއި މެންޗެސްޓާ ސިޓީ 3-3 އިން ރޭ އެއްވަރު ވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބާސެލޯނާ (އޯގަސްޓް 25) - ނާރުގެ ބަލިތަކަށް ފައިސާ ހޯދަން ކުޅުނު ޗެރިޓީ މެޗުގައި ބާސެލޯނާ އާއި މެންޗެސްޓާ ސިޓީ 3-3 އިން ރޭ އެއްވަރު ވެއްޖެ އެވެ.

ބާސާގެ ކޭމްޕް ނޯ ސްޓޭޑިއަމްގައި 90،000 އަށް ވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މެޗު ހާއްސަވި އެކަކީ ބާސާގެ ކުރީގެ ގޯލް ކީޕަރު އަދި ކުރީގެ އެސިސްޓެންޓް ކޯޗު ހުއާން ކާލޯސް އުންޒުއޭ އަށެވެ. ފެބްރުއަރީ 2020 ގައި އޭނާ އަށް ވަނީ ނާރުގެ ބައްޔެއް ޖެހިފަ އެވެ.

ރޭ ގެ މެޗު ފެށުމުގެ ކުރިން ފުރޮލީ ގޮނޑީގައި އޭނާ ދަނޑަށް ނުކުތުމުން ބާސާގެ ސަޕޯޓަރުން ވަނީ އޭނާ އަށް އިހުތިރާމު އަދާކޮށްފަ އެވެ. ސްޕެއިންގެ ގައުމީ ޓީމުގެ މިހާރުގެ ކޯޗު ލުއިސް އެންރީކޭގެ ބާސާގައި މަސައްކަތް ކުރި އިރު އޭނާގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރި އުންޒުއޭ ވަނީ އެންރީކޭ ބާސާ އަށް ހޯދައިދިން ކާމިޔާބުތަކުގައި ހިއްސާ ވެފަ އެވެ. ރޭގެ މެޗު ނިމެންދެން ފުރޮލީ ގޮނޑީގައި އޭނާ އިނީ ބާސާގެ ކޯޗު ޒަވީ ހެނާންޑޭޒް ކައިރީގަ އެވެ. އެއީ ބާސާގެ އޮނަރަރީ ކޯޗެއްގެ ގޮތުގަ އެވެ.

ކުޅުންތެރިޔެއްގެ ގޮތުގައި ޒަވީ ބާސާގައި ހޭދަ ކުރި ފަހު އަހަރުތަކުގައި ޒަވީ ވަނީ އުންޒޭގެ އިރުޝާދުގެ ދަށުން މަސައްކަތް ކޮށްފަ އެވެ.

ބާސާ އާއި ސިޓީ ރޭ ކުޅުނު މެޗުގެ ތެރެއިން

ބާސާ އާއި ސިޓީ ރޭ ކުޅުނު މެޗުގެ ތެރެއިން

ރޭ ގެ މެޗަކީ ދެ ޓީމުގެ ކޯޗުން ކަމަށްވާ، ސިޓީގެ ކޯޗު ޖޯސެފް ޕެޕް ގާޑިއޯލޯ އާއި ބާސާގެ ޒަވީ ހެނާންޑޭޒް އަށް ވެސް ހާއްސަ މެޗެކެވެ. ގާޑިއޯލާގެ ކޯޗު ކަމުގެ ދަށުން ބާސާ އަށް ކުޅުނު ޒަވީ ކޯޗެއްގެ ގޮތުގައި ގާޑިއޯލާ އާ ދެކޮޅަށް ނުކުތް ފުރަތަމަ މެޗަކީ ރޭ ގެ މެޗެވެ. ދެ ޓީމުން ވެސް ފުރުސަތު ދިނީ ޒުވާން ކުޅުންތެރިންނަށާއި އާންމުކޮށް ފުރަތަމަ 11 ގައި ނުހިމަނާ ކުޅުންތެރިންނަށެވެ.

މެޗުގެ 21 ވަނަ މިނެޓްގައި ސިޓީ އަށް ލީޑް ނަގައިދިނީ ހޫލިއަން އަލްވަރޭޒް އެވެ. އޭގެ ފަހުން ޕިއާ އެމްރިކް އޮބާމަޔަން ވަނީ ބާސާ އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ރޭގެ މެޗަކީ ޗެލްސީ އަށް ބަދަލުވުމުގެ ކުރިން ބާސާގެ ޖޯޒީގައި އޮބާމަޔަން ކުޅުނު ފަހު މެޗެވެ.

މެޗުގައި އަނެއް ހަތަރު ލަނޑު ފެނުނީ ދެވަނަ ހާފުގަ އެވެ. ބާސާގެ ފްރެންކީ ޑި ޔޯން އެ ޓީމަށް ލީޑް ނަގައިދިނީ 66 ވަނަ މިނެޓްގަ އެވެ. އޭގެ ހަތަރު މިނެޓް ފަހުން ސިޓީގެ ކޯލް ޕަލްމާ އެ ޓީމަށް ނަތީޖާ އެއްވަރުކޮށް ދިނެވެ. މެންފިސް ޑިޕާއީ 79 ވަނަ މިނެޓްގައި ބާސާ އަށް ލީޑް ނަގައިދީފައި ވަނިކޮށް މެޗުގެ ފަހު ވަގުތު ރިޔާދު މަހްރޭޒް ވަނީ ލިބުނު ޕެނަލްޓީ އަކުން ސިޓީ އަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.