Roadha Mihaaru

ސަޕޯޓަރުންގެ ނުރުހުން ޒަބީއަށް، ކުޅުންތެރިން ބުނަނީ އޭނާގެ ފަހަތުގައި އެބަތިބީމޭ

މެންޗެސްޓާ ސިޓީ އަތުން 2-1 އިން ބަލިވި ރެއާލް މެޑްރިޑްގެ ދަށް ފޯމު އެންމެ ފަހުން ޔޫރަޕަށް ވެސް ފުޅާވެއްޖެ އެވެ.

ސަޕޯޓަރުންގެ ނުރުހުން ޒަބީއަށް ކުޅުންތެރިން ފަހަތުގައި
ހުސެއިން ހަބީބް
ހުސެއިން ހަބީބް

11 ޑިސެމްބަރ 2025

މެންޗެސްޓާ ސިޓީ އަތުން 2-1 އިން ބަލިވި ރެއާލް މެޑްރިޑްގެ ދަށް ފޯމު އެންމެ ފަހުން ޔޫރަޕަށް ވެސް ފުޅާވެއްޖެ އެވެ.

ރޭ ވީ ބައްޔަކީ އަމިއްލަ ދަނޑު ބޭނެބެއޫގައި ވިދިދިގެން ތިންވަނަ ބައްޔެވެ. މިއީ މި ހަފުތާތެރޭ އެ ދަނޑުގައި ރެއާލް ބަލިވި ދެވަނަ ފަހަރެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ރޭ ސެލްޓަވީގޯ އަތުން ވީ ބައްޔަކީ މި ސިލްސިލާގައި ރެއާލްއަށް ކުރިމަތިވި އެންމެ ހިތްދަތި ބައްޔެވެ. މޮޅު ނުވެވޭތީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން މަލާމާތް ރައްދުވާނެކަން ޒަބީ އަށް އެނގެ އެވެ.

"އަމިއްލަ ދަނޑުގައި މޮޅު ނުވެވޭނަމަ ސަޕޯޓަރުން ތުބުންފުމެ އަޅޭލެވުމަކީ ވެދާނެ ކަމެއް،" މެޗަށް ފަހޒަބީ ބުންޏެވެ. ބުންޏެވެ. "އެންމެ ބޭނުންވި ވަގުތު ސަޕޯޓަރުންގެ ފަރާތުން ޓީމަށް ލިބުނު ހިތްވަރު އަހަރެމެންނަށް އިހުސާސް ކުރެވުނު. ނަމަވެސް ނިމުމުގައި ތުބުން ފުމެ ހަޅޭލަވާނަމަ އެއީ ކީއްވެގެންކަން ވެސް އަހަރެމެންނަށް ވިސްނޭ. މިތަނުގައި ޑިމާންޑްތައް އެހާ ބޮޑުވާނެ."

ޒަބީ އަށް ސަޕޯޓަރުންގެ ޕްރެޝަރު އޮތަސް، ބައެއް ކުޅުންތެރިން ބުނީ ޓީމު އޮތީ އެނާގެ ފަހަތުގައި ކަމަށެވެ.

މިޑްފީލްޑަރު ޖޫޑެ ބެލިންހަމް ބުނީ ޒަބީއާ ކުޅުންތެރިންނާ ރަނގަޅު ގުޅުމެއް އެބައޮތް ކަމަށެވެ.

" އަހަރެން އޭނާއާ ވަރަށް ގާތް ގުޅުމެއް ބާއްވަން. އެހެން ކުޅުންތެރިންނާ ވެސް އެ ގުޅުން އެބައޮތް،" ޓީއެންޓީ ސްޕޯޓްސް އަށް ދިން އިންޓަވިއުގައި ބެލިންހަމް ބުންޏެވެ.

"ސީޒަންގެ ފުރަތަމަ މަރުހަލާގެ މެޗުތަކަށް ފަހު ޓީމުގެ އެތެރޭގައި ވަރަށް ރަނގަޅު މަޝްވަރާތަކެއް އަހަރެމެން ކުރިން. އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް އަހަރެމެން ވަނީ ބަލިވެފަ އެކަމަކު އެއްވެސް މީހަކު ޝަކުވާއެއް ނުކުރޭ (ކޯޗާ މެދުއެއް)."

ޓީމުގެ ގޯލްކީޕަރު ޓިބޯ ކޯޓްއާ ބުނީ ސިޓީގެ މެޗަކީ ޒަބީ އަށް އޮތް އިމްތިހާނެއް ނޫން ކަމަށެވެ. އޭނާ ބުނީ ލަލީގާގައި ހީނުކުރާ ވަރަށް ޕޮއިންޓް ރެއާލް އަތުން ގެއްލުމުގެ ކަންބޮޑުވުން އެބައޮތް ކަމަށެވެ. އެކަމަކު ޗެމްޕިއަންސް ލީގުގައި ވެސް އަދިވެސް އެ ޓީމު އޮތީ ރަނގަޅު ހިސާބެއްގައި ކަމަށް ކޯޓުއާ ބުންޏެވެ.

"މިރޭ [ރޭ] ވެސް އަހަރެމެން ދައްކައިދީފިން އަހަރެމެން މިތިބީ މެނޭޖަރު [ކޯޗު] ގެ ފަހަތުގައިކަން،" ކޯޓުއާ ބުންޏެވެ.

ސިޓީން މެޗު ކާމިޔާބު ކުރީ ރެއާލްގެ ރޮޑްރިގޯ ލީޑްނަގައިދީފައި ވަނިކޮށް ފަހަތުން އަރައެވެ. ރޮޑްރިގޯގެ އެ ލަނޑަކީ 32 މެޗަށް ފަހު އޭނާ ޖެހި ފުރަތަމަ ލަނޑެވެ. ސިޓީ އަށް ނަތީޖާ ހަމަހަމަކޮށް ދިނީ ނިކޯ އޮރައިލީ އެވެ. އަދި ޕެނަލްޓީއަކުން އެ ޓީމަށް ލިޑް ނަގައިދިނީ އާލިން ހާލަންޑެވެ.