Roadha Mihaaru

ޕްރެޝަރުގައި ހުރި ޒަބީ އަށް ގާޑިއޯލާގެ ހަމްދަރުދީ

ރެއާލް މެޑްރިޑްގައި ޕްރެޝަރުގައި ހުރި ކޯޗު ޒަބީ އަލޮންސޯ އަށް، މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ހަމްދަރުދީވާކަން ފާޅުކޮށްފި އެވެ.

ޕްރެޝަރުގައި ހުރި ޒަބީ އަށް ގާޑިއޯލާގެ ހަމްދަރުދީ
ހުސެއިން ހަބީބް
ހުސެއިން ހަބީބް

10 ޑިސެމްބަރ 2025

ރެއާލް މެޑްރިޑްގައި ޕްރެޝަރުގައި ހުރި ކޯޗު ޒަބީ އަލޮންސޯ އަށް، މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ހަމްދަރުދީވާކަން ފާޅުކޮށްފި އެވެ.

ރެއާލުން އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން މޮޅު ވެވުނީ ދެ މެޗުންނެވެ. އާދިއްތަ ދުވަހު ސެލްޓަ ވީގޯ އަތުން ބާނެބެއުގައި ވީ ބައްޔާ އެކު ޒަބީގެ މަގާމާ މެދު ސުވާލު އުފެދިފައިވާކަމަށް މީޑިއާތަކުން ރިޕޯޓް ކުރި އެވެ.

އެ މެޗަށް ހަތަރު ދުވަހަށް ފަހު ވެސް ޒަބީ އަށް އޮތް ޕްރެޝަރު ކުޑައެއް ނުވި އެވެ. އެ ޕްރެޝަރުގައި ހުރެ ޗެމްޕިއަންސް ލީގުގައި ރެއާލުން މިރޭ ސިޓީއާ ދެކޮޅަށް ނުކުންނާނެ އެވެ.

ކުރިން ޒަބީ އަށް ކޯޗުކޮށްދިން ގާޑިއޯލާ ބުނީ ޒަބީ އަށް ރެއާލްގައި އޮތް ހާލަތާ މެދު ހަމްދަރުދީ ވާ ކަމަށެވެ. އޭނާ ބުނި ގޮތުގައި ރެއާލް އާއި ބާސެލޯނާ އަކީ ކޯޗުކޮށް ދޭން އެންމެ އުނދަގޫ ދެ ޓީމެވެ.

މިދިޔަ ސީޒަނުގައި ސިޓީގައި އޭނާ ހޯދި ފަދަ ދަށް ނަތީޖާތަކެއް މެޑްރިޑްގެ ކޯޗަކަށް ހުރެ ހޯދިނަމަ އޭނާގެ ވަޒީފާ ގެއްލޭނެ ކަމަށް ގާޑިއޯލާ ބުންޏެވެ.

"ދެ އަހަރު އޭނާ [ޒަބީ] އާ އެކުގައި މަސައްކަތް ކުރުމުން އަހަރެން ހަމްދަރުދީވަން. އޭނާއާ އެކު މަސައްކަތް ކުރަން ލިބުމަކީ ވަރަށް ބޮޑު ތަޖުރިބާއެއް،" ބެޔާން މިޔުނިކްގައި ދެ ސީޒަނުގައި ޒަބީ އަށް ކޯޗުކޮށްދިން ގާޑިއޯލާ ބުންޏެވެ.

"ބާސެލޯނާ އާއި ރެއާލް މެޑްރިޑަކީ ކޯޗުކަން ކުރަން އެންމެ އުނދަގޫ ކްލަބްތައް. (އެއީ) ޕްރެޝަރާ (އެ ދެ ކްލަބްގެ ވަށައިގެން އޮތް) މާހައުލުގެ ސަބަބުން.

"މިދިޔަ ސީޒަންގައި އަހަރެން ހޯދި ފަދަ ނަތީޖާތަކެއް މިތަނުގައި ހޯދި ނަމަ އަހަރެން ވަޒީފާއިން ވަކިކުރީސް."

ގާޑިއޯލާ ބުނީ ރެއާލްގައި އޮންނަ ޕްރެޝަރު ޒަބީ އަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ. އޭނާ ބަޔާނަށް 2014 ގައި ބަދަލުވީ ފަސް އަހަރު ރެއާލް އަށް ކުޅުމަށް ފަހު އެވެ.

ޒަބީ އަށް އެންމެ ބޮޑު ޕްރެޝަރަކީ ޓީމުގެ މުހިންމު ކުޅުންތެރިން އަނިޔާގައި ތިބުމެވެ. އެ ޓީމުގެ ޑިފެންސްގެ ގިނަ ކުޅުންތެރިން ތިބީ އަނިޔާގަ އެވެ. އެންމެ ފޯމުގައި ހުރި ކުޅުންތެރިޔާ ކިލިޔަން އެމްބާޕޭ އަށް ވެސް މިރޭގެ މެޗުގައި ކުޅެވޭނެ ކަމާމެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

ބާނެބެއުގައި މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން ދަންވަރު 1 ޖަހާއިރު އެވެ.