Roadha Mihaaru
ނަމާދުކުރާ އަޑު ބޭރަށް ނީވޭގޮތް ހަދަން އަންގައިފި

ނަމާދުކުރާ އަޑު ލައުޑް ސްޕީކަރުން ބޭރަށް ނީވޭގޮތް ހަދަން ބައެއް މިސްކިތްތަކަށް އަންގައިފި

25 އޯގަސްޓް 2022

މިސްކިތްތަކުގައި ބަންގި ގޮވާ ސްޕީކަރުން، ނަމާދުކުރާ އަޑު ބޭރަށް ނީވޭގޮތް ހަދަން މާލޭގެ ބައެއް މިސްކިތްތަކުގެ އިމާމުންނަށް އަންގާފައިވާނެ ކަމަށާއި، އެ ގޮތަށް އެންގީ އެ ހިސާބުތަކުގައި ދިރިއުޅޭ އާންމުންގެ ފަރާތުން ތަކުރާރުކޮށް ޝަކުވާ ލިބެމުން ދާތީ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހް "މިހާރު" އަށް ވިދާޅުވީ، ބަންގި ގޮވުމަށް ފަހު ލައުޑް ސްޕީކަރު ނިއްވާލަން މާލޭގެ ބައެއް މިސްކިތްތަކުގެ އިމާމުންނަށް މިނިސްޓްރީ އަންގާފައިވާ ކަމަށެވެ. އެގޮތަށް އެންގީ ލައުޑް ސްޕީކަރު ޖައްސައިގެން ނަމާދުކުރާތީ އެ މިސްކިތްތައް ކައިރީގައި ދިރިއުޅޭ އާންމުންގެ ޝަކުވާ ލިބެމުން ދާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް، މިސްކިތުގެ އެތެރޭގައި ހުންނަ އެއްވެސް ސްޕީކަރެއް ނިއްވާލަން އަންގާފައި ނުވާނެ ކަމަށާއި އާންމު އުސޫލުގެ ތެރެއިން ނަމާދުކުރާ އަޑު މިސްކިތުގެ ބޭރަށް އިވުން ލާޒިމް ނޫން ކަމަށެވެ.

"ލައުޑް ސްޕީކަރު ކަނޑާނުލައި ނަމާދުކުރާތީ މިސްކިތް ކައިރީގައި ދިރިއުޅޭ ބައެއް މީހުންގެ ގޭގެ އަށް ވަރަށް ބާރަށް އަޑުއިވޭ. އެހެންވެ، ބައެއް މީހުންގެ ޝަކުވާ ލިބިފައި ހުރީ،" އޭނާ ވިދާޅުވި އެވެ.

މިނިސްޓްރީން ބުނި ގޮތުގައި އެގޮތަށް އެންގީ ޝަކުވާ ލިބޭ ހިސާބުތަކުގައި ހުރި މިސްކިތްތަކަށް އެކަންޏެވެ. ނަމަވެސް އެއީ ކޮން މިސްކިތްތަކެއް ކަމެއް އަދި ކިހާ މިސްކިތް ކަމެއް ނުބުނެ އެވެ.