Roadha Mihaaru
ހަލީމް ވަކިކުރީ މަޖިލިސް ބަގްކުރަން އުޅުނު މައްސަލާގައި

ހަލީމް ވަކިކުރީ މަޖިލިހުގެ އިދާރާ ބަގުކުރަން އުޅުނު މައްސަލާގައި

25 އޯގަސްޓް 2022

މުސާރަ ލިބޭ ގޮތަށް ދޮޅު އަހަރަށް ވުރެން ގިނަ ދުވަހު ސަސްޕެންޑްކޮށްފައި ބެހެއްޓުމަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ ސާޖެންޓް އެޓް އާމްސް މުހައްމަދު ހަލީމް އިއްޔެ މަގާމުން ވަކިކުރީ، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކޮޓަރިތަކެއް ބަގުކުރަން އުޅުނު މައްސަލައިގައި ޒިންމާ އަދާކުރައްވާފައި ނުވާ ކަމުގެ ތުހުމަތުގައި ކަން އެނގިއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މުސާރަ ލިބޭ ގޮތަށް ދޮޅު އަހަރަށް ވުރެން ގިނަ ދުވަހު ސަސްޕެންޑްކޮށްފައި ބެހެއްޓުމަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ ސާޖެންޓް އެޓް އާމްސް މުހައްމަދު ހަލީމް އިއްޔެ މަގާމުން ވަކިކުރީ، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކޮޓަރިތަކެއް ބަގުކުރަން އުޅުނު މައްސަލައިގައި ޒިންމާ އަދާކުރައްވާފައި ނުވާ ކަމުގެ ތުހުމަތުގައި ކަން އެނގިއްޖެ އެވެ.

މަޖިލީހަށް އައްޔަންކުރާ ތިން މަގާމުގެ ތެރެއިން ދެ ވަނަ އަށް އެންމެ އިސް މަގާމުގެ ގޮތުގައި ކަނޑައަޅާފައިވާ ސާޖެންޓް އެޓް އާމްސް ވަކިކުރި ސަބަބެއް މަޖިލީހުގެ އިދާރާ އިން މިހާތަނަށް ނުބުނެ އެވެ. އޭނާގެ މައްސަލަ އާއްމު ކޮމިޓީން ބެލީ ވެސް ސިއްރު ކޮށްގެންނެވެ.

ހަލީމަށް ތުހުމަތުކުރި މައްސަލަ ކޮމިޓީން ބަލަން ފެށީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲގެ ކޮޓަރީގައި ބަގުކުރާ އާލާތްތަކެއް ހަރުކޮށްގެން ވާހަކަތައް އަޑުއަހަން އުޅެފައިވާ މައްސަލަ ފެންމަތިވުމުންނެވެ. އެކަން ކުރަން އުޅުނީ ކޮން ބައެއްކަން ނޭނގުނަސް ހަލީމްގެ މައްސަލައަކަށްވީ، މަޖިލީހުގެ ސެކިއުރިޓީ އިންޗާޖަކަށް ހުންނަވައި، އެ ކަން ސީރިއަސް ކަމެއްގެ ގޮތުގައި އޭނާ ނުންގެވުން ކަން އެނގިފައިވެ އެވެ.

ކޮމިޓީން ތުހުމަތުކުރާ ގޮތުގައި އެއީ މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅާފައިވާ އޭނާގެ މަގާމުގެ ޒިންމާ އާއި މަސްއޫލިއްޔަތު އަދާނުކުރެއްވުމެވެ.

އެ މައްސަލައިގައި އޭނާ މަގާމުން ވަކިކުރަން އިއްޔެ މަޖިލީހުން ފާސްކުރީ ކޮމިޓީން އެގޮތަށް ނިންމަން ލަފާދިންތާ ވަރަށް ގިނަ ދުވަސްތަކެއް ފަހުންނެވެ. މަހަކު 32،000ރ. ގެ މުސާރައެއް ލިބިވަޑައިގަންނަވާ ސާޖެންޓް އެޓް އާމްސްއާ ދޭތެރޭގައި ދޮޅު އަހަރު ފިޔަވަޅު ނާޅައި މުސާރަ ލިބޭ ގޮތަށް ބެހެއްޓި މައްސަލައިގައި ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.

ރައްޔިތުން މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު މިއަދު ވިދާޅުވީ މުސާރަ ލިބޭ ގޮތަށް ހަލީމް ސަސްޕެންޝަންގައި ގިނަ ދުވަހު ހުރީ، ތުހުމަތުކުރި މައްސަލައިގައި ބަލަން ޖެހޭ ކަންކަން ހުރެގެން ކަމަށެވެ.

"މަޖިލީހަށް އައްޔަންކުރާ ތިން އޮފިސަރުންގެ ތެރެއިން ސާޖެންޓް އެޓް އާމްސް ވަކިކުރާއިރު ބަލަން ޖެހޭ ކަންތައްތަކެއް ހުންނާނެ. އެ ކަންކަމަަށް ވަގުތު ނެގީ،" ޒިޔާއު ވިދާޅުވި އެވެ.

އާއްމު ކޮމިޓީން ނިންމާފައި ވަނީ މަޖިލީހުގެ ގަވާއިދުގެ 18 ވަނަ މާއްދާގައި އޭނާއާ މަތިކޮށްފައިވާ ޒިންމާ އަދާނުކުރެއްވުމުގެ އިތުރުން ގާބިލްކަން ނެތުމާއި ފަރުވާ ކުޑަކޮށްފައިވާ ކަމަށެވެ. އެހެންވެ، އޭނާ މަގާމުގައި ބެހެއްޓުމަށް އިތުރަށް ނުފެންނަ ކަމަށެވެ.

ސާޖެންޓް އެޓް އާމްސްގެ މަގާމު އޮކްޓޫބަރު 31، 2013 ގައި އުފެއްދީއްސުރެ މިއަދާ ހަމައަށް ވެސް އެ މަގާމުގައި ހުންނެވީ ހަލީމެވެ. އޭނާއަކީ މަޖިލިހުގެ އިދާރާގައި މަސައްކަތް ކުރައްވަން ފެއްޓެވުމުގެ ކުރިން އެމްއެންޑީއެފްގައި ވަރަށް ޒަމާންވަންދެން ހިދުމަތް ކުރެއްވި ބޭފުޅެކެވެ.