Roadha Mihaaru
ސާޖަންޓް އެޓް އާމްސްގެ މަގާމަށް ތޮލްހަތު

ސާޖަންޓް އެޓް އާމްސްގެ މަގާމަށް ތޮލްހަތު

27 މާޗް 2024

ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަގާމަށް ސިފައިންގޭގެ ކުރީގެ އިސް އޮފިސަރެއް ކަމަށްވާ ތޮލްހަތު ހަސަން އައްޔަން ކުރަން މިއަދު ފާސްކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަގާމަށް ސިފައިންގޭގެ ކުރީގެ އިސް އޮފިސަރެއް ކަމަށްވާ ތޮލްހަތު ހަސަން އައްޔަން ކުރަން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގައި މިއަދު ނެގި ވޯޓުގައި އެ މަގާމަށް ގ. ސާޓަނުގެ ތޮލްހަތު ހަސަން އައްޔަން ކުރުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެންބަރުންގެ އިއްތިފާގުންނެވެ.

އެންމެ ފަހުން އެމްއެންޑީއެފްގެ މޭޖާގެ ރޭންކުގައި ހުންނެވުމަށް ފަހު ރިޓަޔާ ކުރައްވާފައިވާ ތޮލްހަތަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ސްޓެލްކޯގެ ބޯޑަށް ވެސް އައްޔަން ކުރެއްވި ބޭފުޅެކެވެ.

އޭނާ ވަނީ 21 އަހަރު ވަންދެން ސިފައިންގެ މީހެއްގެ ގޮތުގައި ހިދުމަތް ކުރައްވައިފަ އެވެ.

މަޖިލީހުގެ އިދާރާގެ އޮނިގަނޑު ރާވާފައިވާ ގޮތުން ސާޖެންޓް އެޓް އާމްސްއަކީ، ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމުގެ މަގާމާ ޖެހިގެން ދެ ވަނައަށް އެންމެ އިސްވެރިޔާ އެވެ.

މީގެ ކުރިން މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަގާމުގައި ހުންނެވި މުހައްމަދު ހަލީމް މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އޮފީސްގައި ދައްކާ ވަހަކަތައް ސިއްރުން އަޑުއެހޭނެ ގޮތް ހެދި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ސަސްޕެންޑުކުރުމަށް ފަހު ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ.