Roadha Mihaaru
އައްޑޫގައި ޑްރަގްގެ މައްސަލަ ބޮއްސުންލައިފި: ނިޒާރު

އައްޑޫގައި ޑްރަގްގެ މައްސަލަ ބޮއްސުންލައިފި، ދައުލަތް ފެއިލްވެއްޖެ: ނިޒާރު

27 އޯގަސްޓް 2022

އައްޑޫގައި މަސްތުވާތަކެތީގެ ކަންކަން ބޮއްސުންލައިފި ކަމަށާއި އެ މައްސަލަ ހައްލުކުރަން ދައުލަތް ފެއިލްވެފައިވާ ކަމަށް ވިދާޅުވެ އެ ސިޓީގެ މޭޔަރު އަލީ ނިޒާރު މިއަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އައްޑޫގައި މަސްތުވާތަކެތީގެ ކަންކަން ބޮއްސުންލައިފި ކަމަށާއި އެ މައްސަލަ ހައްލުކުރަން ދައުލަތް ފެއިލްވެފައިވާ ކަމަށް ވިދާޅުވެ އެ ސިޓީގެ މޭޔަރު އަލީ ނިޒާރު މިއަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

މަސްތުވާތަކެތީގެ މައްސަލަ އަށް ހައްލެއް ނުލިބި، ރާއްޖެ ހަލާކުވަނީ ކަމަށް ވިދާޅުވެ، ނިޒާރު ކަންބޮޑުވުން ފާޅުކުރައްވައި ކުރެއްވި ޓުވީޓަކާ ގުޅިގެން "މިހާރު"ން ގުޅުމުން އޭނާ ވިދާޅުވީ އައްޑޫގައި މަސްތުވާތަކެއްޗާއި މާރާމާރީ އާއި ވައްކަމާ ފޭރުމުގެ މައްސަލަތައް ފާއިތުވި މަހެއްހާ ދުވަސް ތެރޭގައި އިންތިހާ އަށް އިތުރުވެ، ރައްޔިތުން ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައިވާ ކަމަށެވެ.

"ފޭރުމާއި ވައްކަމާއި ޑްރަގް ބޭނުންކުރުން އާންމު ކަމަކަށް ވެއްޖެ. ރޯމާ ދުވާލު ތަންތަން ފަޅައި ވައްކަންކޮށް، މީހުންނަށް ބިރުދައްކާ ފޭރި، މާރާމާރީ ވެސް އެހާ ގިނަވެއްޖެ. އެއީ އަޅުގަނޑުގެ ކަންބޮޑުވުމަކީ،" ނިޒާރު ވިދާޅުވި އެވެ.

"ދައުލަތް ފެއިލްވެފައިވާ އޮތުމުން ކަންކަން އެހާ ހިސާބަށް މި ދިޔައީ. އައްޑޫ އެކަންޏެއް ނޫން، ފުވައްމުލަކާއި ރާއްޖޭގެ އެހެން ރަށްރަށް ވެސް ހަމަ އެ ހާލެއްގައި. އެންމެފަހުން ރައްޔިތުން ގޮސް ހުސްވެ، ގާނޫނު އަތަށް ނަގަން ފަށާތަން މިހާރު މި ފެންނަނީ."

ނިޒާރު ވިދާޅުވީ އެ މައްސަލައިގައި މިއަދު ވެސް ހޯމް މިނިސްޓްރީގެ އިސްވެރިންނާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާ ބައްދަލުކުރައްވައި، މަޝްވަރާކުރެއްވި ކަމަށެވެ. ސީޕީ މި ވަގުތު ހުންނެވީ ވެސް އައްޑޫގަ އެވެ.

"އައްޑު އަށް މި ވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކުށްވެރިން ބަންދުކޮށްފައި ތިބޭނެ ތަނެއް ނެތުން. އެންމެ 20 މީހުންގެ ޖާގައިގެ ތަނެއް ހުރީ. އެހެންވެ، އެންމެފަހުން އެ މީހުންނަށް އަދަބެއް ނުދެވި ދޫވާތަން މި ފެންނަނީ،" އޭނާ ވިދާޅުވި އެވެ.

"މިހާރު ވެސް އައްޑޫގައި ޑްރަގާއި ވައްކަމާ ފޭރުމުގައި އެންމެ އިސްކޮށް އުޅޭ މީހުން އެ ތިބީ ދޫވެފައި."

ނިޒާރު ވިދާޅުވި ގޮތުގައި ސީޕީއާ އެކު ބޭއްވި ބައްދަލުވުމުގައި އައްޑު އަށް ފުލުހުންނާއި ވަސީލަތްތައް އިތުރުކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު، އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި އެއްވެސް ސަރުކާރަކުން އެ މައްސަލަ ހައްލުކުރަން އަދިވެސް އެދެވޭ ގޮތެއް ފިޔަވަޅުތަކެއް ނާޅަ އެވެ. އައްޑޫ މިއަދު އެ ހާލަތަށް ވެއްޓިފައި އޮތީ ވެސް މި ސަރުކާރާއި ކުރީ ސަރުކާރުތަކުގެ "ފެއިލިއާގެ" ސަބަބުން ކަމަށް އޭޭނާ ގަބޫލުކުރައްވަ އެވެ.

"ދައުލަތުގެ ހުރިހާ ކަމާބެހޭ މުއައްސަސާތައް ޒިންމާދާރުނުވެ މި މައްސަލަ ދުވަހަކު ވެސް ހައްލެއް ނުވާނެ. އަޅުގަނޑު މި ކަންބޮޑުވުން ފާޅުކޮށްފިން އެކި ފަހަރު މަތިން. އަޑުއަހާނެ، ޒިންމާވާނެ ބަޔަކު އެބަ ތިބިތޯ؟،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ އާއި ފަރުވާގެ ނިޒާމް ވެސް އޮތީ ބޮއްސުންލައިފަ އެވެ. ފުލުހުންގެ އެކި އޮޕަރޭޝަންތަކުގައި މި އަހަރު ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތެވެ. ރާއްޖެ އަށް އެތެރެކުރަން އުޅެނިކޮށް މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ކަސްޓަމްސް އިން ވަނީ 69 ކިލޯގެ ޑްރަގްސް އަތުލައިގެންފަ އެވެ. ރާއްޖެ އެތެރެކޮށް އޭގެ ވިޔަފާރީކުރަމުން ދަނިކޮށް ވެސް ގިނަ އަދަދެއްގެ ޑްރަގްސް އަތުލައިގަތެވެ.

މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ހައްޔަރުކުރާ އެތައް ބަޔަކަށް އެކި ސަބަބުތައް މެދުވެރިވެ އަދަބު ނުދެވުމުގެ ޝަކުވާ ބޮޑެވެ. އަދި ރާއްޖޭގައި ޑްރަގް ރިހެބް ފަރުވާގެ ނިޒާމު ވެސް އެންމެ ފުރިހަމަ ގޮތުގައި ނެތުމުގެ ކަންބޮޑުވުން އެބައޮތެވެ.