Roadha Mihaaru

އައްޑޫގެ އެންމެ ބޮޑު އެއް ޑްރަގު ޑީލަރު އަބުޗާ އުމުރަށް ޖަލަށް

އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ)ގެ މައްޗަށް އުމުރުގެ ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

އައްޑޫގެ އެންމެބޮޑު އެއް ޑްރަގު ޑީލަރު އުމުރަށް ޖަލަށް
ނާޒިމް ހަސަން
ނާޒިމް ހަސަން

20 މެއި 2025

އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ)ގެ މައްޗަށް އުމުރުގެ ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

އުމުރު ދުވަހުގެ ހުކުމުގެ ގޮތުގައި ބަލާ 25 އަހަރުގެ ހުކުމެއް އަބުޗާގެ މައްޗަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އިއްވީ ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއްގައި ހިންގި ޝަރީއަތްތަކަށް ފަހު އިއްޔެ އެވެ.

ފުލުހުން 2020 ވަނަ އަހަރު އޮކްޓޯބަރު މަހު އައްޑޫގައި ހިންގި އޮޕަރޭޝަނެއްގައި 61 ކިލޯގެ ޑައަމޯފިން އަދި 17.97 ކިލޯގެ މެޓަމްފެޓަމިން ރެސިމޭޓް ޑްރަގާ އެކު އަބުޗާ އަތުލައިގަތީ ކަނޑުމަތިންނެވެ. އޭނާއާ އެކު އިތުރު 17 މީހަކު ވެސް އެ އޮޕަރޭޝަނުގައި ހައްޔަރުކުރި އެވެ.

އެ އޮޕަރޭޝަނުގައި އަބުޗާ ޑިންގީއެއްގައި މަސްތުވާތަކެތި ހިފައިގެން ދަނިކޮށް ކަނޑުމަތިން ހުއްޓުވަން ފުލުހުން މަސައްކަތް ކުރި ވަގުތު، މަސްތުވާތަކެތި ހުރި ގޯނިތައް ކަނޑަށް އުކައި ވެސްލި އެވެ. އެކަމަކު، ފުލުހުން ކަނޑަށް ފުންމާލައިގެން އެ ތަކެތި ނެގުމަށް ފަހު އަބްޗާ ހައްޔަރުކުރި އެވެ.

މި މައްސަލައާ ގުޅިގެން އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދެ ދައުވާއެއް އަބްޗާގެ މައްޗަށް އުފުލިއިރު، އޭނާ ވަނީ ދައުވާތަކަށް އިއުތިރާފުވެ ދައުލަތާ އެކު އެއްބަސްވުމެއް ހަދައިފަ އެވެ. އިއުތިރާފުގެ މައްޗަށް ބަލައި، އަބްޗާގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅިއިރު، އޭނާގެ މައްޗަށް 50 އަހަރުގެ ޖަލު ހުކުމެއް އާދެ އެވެ.

އިއުތިރާފުވުމުން ދިން ލުޔެއްގެ ގޮތުގައި 50 އަހަރުގެ ޖަލު ހުކުމް ވަނީ 25 އަހަރަށް ކުޑަކޮށްފަ އެވެ. މައްސަލައާ ގުޅިގެން އޭނާ ބަންދުގައި ހުންނަތާ ހަތަރު އަހަރުވެފައި ވާތީ ދެން އޭނާ ޖަލުގައި ހޭދަކުރަން ޖެހޭނީ 21 އަހަރެވެ.

ފުލުހުން ތުހުމަތުކުރާ ގޮތުގައި އަބްޗާ އަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ އެއް ނެޓްވޯކްގެ އެންމެ އިސް ފަރާތެވެ.

ފުލުސް އޮފީހުން ކުރިން އާއްމުކޮށްފައިވާ މައުލޫމާތުތަކުގައިވާ ގޮތުން އަބުޗާ އަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި މީގެ ކުރިން އަށް ފަހަރަކު ހައްޔަރުކޮށްފައިވާ މީހެކެވެ. މަސްތުވާތަކެތީގެ އިތުރުން ޖަމާއަތް ހަދައިގެން ރޭޕްކުރުމުގެ މައްސަލައެއްގައި ވެސް ހައްޔަރުކޮށްފައިވެ އެވެ. އަދި މާރާމާރީ ހިންގުމުގެ ދެ މައްސަލައަކާއި ނުރުހުމުގައި ބަދުއަހުލާގީ އަމަލު ހިންގަން އުޅުނު މައްސަލައަކާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދެ މައްސަލައެއްގައި ވެސް ހައްޔަރުކޮށްފައިވެ އެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި 2019 ވަނަ އަހަރުގެ މެދު ތެރޭގައި އޭނާ ހައްޔަރުކުރުމުން ވެސް ކޯޓާ ހިސާބުން ދޫވީ އެވެ. ކޮނޑުގައި އަޅުވައިގެން ތިބި ދަބަސްތަކަކުން މަސްތުވާތަކެތި ފެނުނު މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ކުށަށް އިންކާރު ކުރަމުން ބުނެފައި ވަނީ، އެ ފަހަރު ދައުވާ އުފުލި މަސްތުވާތަކެތީގެ މައްސަލައާ ގުޅުން ހުރި މީހެއް ނޫން ކަމަށެވެ. އެ މައްސަލައިގައި ހިމެނޭ މީހަކު އެހީތެރިކަމަށް އެދުމުން ލޯންޗުގައި ގެންގޮސްދިނީ ކަމަށް ބުންޏެވެ.

އަބުޗާގެ ނެޓްވޯކުން އެ ފަހަރު ވެސް މަސައްކަތްކޮށްފައި ވަނީ، އެ މަސްތުވާތަކެއްޗަކީ އެތަނުން އެކެއްގެ އެއްޗެއް ކަމަށް ބުނެ އެ މީހާ އޭގެ ޒިންމާ ނަގައި ދެން ތިބި އެންމެން ސަލާމަތްކުރާށެވެ. މުއްދަތު މަޖިލީހުގައި އެކަކު އެތަކެއްޗާ ހަވާލުވެ އެހެން އެންމެން އިންކާރުކުރީ އެވެ.