އޮންލައިންކޮށް ޓީޗިން ކޯސްތައް ކުރިއަށް ނުގެންދެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން އާއްމުކުރި "އީ-ލާނިން ގައިޑްލައިން"ގައި ބުނެފި އެވެ.
28 އޯގަސްޓް 2022
އޮންލައިންކޮށް ޓީޗިން ކޯސްތައް ކުރިއަށް ނުގެންދެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން އާއްމުކުރި "އީ-ލާނިން ގައިޑްލައިން"ގައި ބުނެފި އެވެ.
އެ އޮތޯރިޓީން މިދިޔަ ބުދަ ދުވަހު ގެޒެޓުކުރި ގައިޑްލައިންގައި ވަނީ އީ-ލާނިން ނުވަތަ އޮންލައިންކޮށް ކިޔަވައިދިނުމަށް ޝަރުތުހަމަވާ ކޯސްތަކާއި އެ ގޮތަށް ކިޔަވައިނުދެވޭނެ ކޯސްތައް ވަކިން ފާހަގަކޮށްފަ އެވެ.
އީ-ލާނިން ކަމަށް ބުނެފައިވަނީ ބްލެންޑެޑް މޯޑު (ކޮންޓެންޓުގެ 30-80 ޕަސެންޓް އޮންލައިން ގެންދާ) އަދި ހުރިހާ ފިލާވަޅެއް އޮންލައިންކޮށް ނަގައިދޭ މެތަޑަށެވެ.
މަތީ ތައުލީމުގެ ގާނޫނުގެ ދަށުން ހަދާފައިވާ ގައިޑްލައިން ބުނާގޮތުން އޮންލައިންކޮށް ކުރިއަށް ނުގެންދެވޭނީ؛
- ޑޮކްޓަރުކަމުގެ ކޯހާއި ޑެންޓިސްޓްރީ ކޯސް
- މަސައްކަތްކުރުމަށް ހާއްސަ ލައިސެންސެއް ބޭނުންވާ ހެލްތު ސައިންސަސް ގުޅޭ ކޯސް
- ނާސިން ކޯސް
- ގުރުއާން އަދި އެއާ ގުޅޭ ދާއިރާތައް
- ޓެކްނިކަލް އަދި ވޮކޭޝަނަލް ތައުލީމް
- އިންޖީނިއަރިން
- އާކިޓެކްޗާ
- ޓީޗިން
ޓީޗިން ކޯސް އޮންލައިންކޮށް ކުރިއަށް ނުގެންދެވޭނެ ކަމަށް އެމްކިއުއޭގެ ގައިޑްލައިންއިން ކަނޑައެޅިއިރު، ރާއްޖޭގެ ބައެއް ކޮލެޖުތަކުގައި މިހާރު ވެސް އަންނަނީ ޓީޗިންގެ އެކި ކޯސްތައް އޮންލައިންކޮށް ކިޔަވައިދެމުންނެވެ.
ނަމަވެސް، މި ގައިޑްލައިން އާއްމުކުރި ދުވަހުން ފެށިގެން އެއަށް އަމަލުކުރަން ފެށުމުން މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން އޮންލައިންކޮށް ކިޔަވައިދިނުމާ ގުޅޭ ކަންކަން ހަމަޖައްސަން ޖެހޭނީ އާ ގައިޑްލައިނާ އެއްގޮތަށެވެ. އެކަމަކު، އޮންލައިންކޮށް ގެންދަން މީގެ ކުރިން ހުއްދަ ދީފައިވާ ޕްރޮގްރާމަށް ވެސް ބަދަލުތައް ގެނެސް، ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި މި ގައިޑްލައިނަށް ފައްތަން ޖެހޭނެ ކަމަށް ބުންޏެވެ.
އެއާ ހިލާފަށް ކުރިއަށްގެންދާނަމަ ފުރަތަމަ ފަހަރު ލިޔުމުން ނޯޓިސް ދިނުމަށްފަހު، ދެ ވަނަ ފަހަރު އެކަން ތަކުރާރުވާނަމަ 10،000ރ. އިން ޖޫރިމަނާކުރެވޭނެ އެވެ. އަދި ގައިޑްލައިނާ ހިލާފަށް ކިޔަވައިދޭކަން ތިން ވަނަ ފަހަރު ފަޅާއަރައިފިނަމަ އެ ކޯހަކަށް ދީފައިވާ ހުއްދަ ބާތިލްކުރާނެ ކަމަށް ވެސް އެ އުސޫލުގައި ބުންޏެވެ.
އެ ގައިޑްލައިންގައި ވެސް ބުނީ އެހެން ގޮތްގޮތަށް ވުރެ ބައެއް މާއްދާތައް އޮންލައިންކޮށް ކިޔަވައިދިނުމަކީ ފަސޭހަ ކަމެއް ކަމަށެވެ. ނަމަވެސް ބައެއް ދާއިރާތައް އޮންލައިންކޮށް ކިޔަވައިދިނުމަކީ ގުޅޭ ކަމެއް ނޫން ކަމަށް ބުންޏެވެ.
އެމްކިއުއޭގެ ސީއީއޯ ޑރ. އަބްދުލް ހަންނާނު ވަހީދު "މިހާރު" އަށް މިއަދު ވިދާޅުވި އޮންލައިންކޮށް ކުރިއަށް ނުގެންދެވޭނެ ކޯސްތައް ކަނޑައަޅާފައިވަނީ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރުމަށްފަހު ކަމަށެވެ.
އެ ލިސްޓުގައި ޓީޗިން ހިމަނާފައިވަނީ، ތައުލީމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޓީޗާސް ރަޖިސްޓްރޭޝަން ބޯޑުގެ މަޝްވަރާގެ މަތިން އަދި ގުރުއާނާއި އެއާ ގުޅޭ ކޯސްތައް އޮންލައިންކޮށް ނުގެންދެވޭނެ ކަމަށް ނިންމީ، ގުރުއާނާ ބެހޭ މަރުކަޒު އަދި ގާރީންނާ ބައްދަލުކުރުމަށްފަހު އޭނާ ވިދާޅުވި އެވެ.
ނަމަވެސް އެފަދަ ކައުންސިލަކުން ނުވަތަ ބޯޑަކުން، އެކަމާ ގުޅޭ ކޯހެއް އޮންލައިންކޮށް ކުރިއަށްގެންދެވޭނެ ކަމަށް ކަނޑައަޅައިފިނަމަ އެ އުސޫލުން ކިޔަވައިދެވޭނެ ކަމަށް އެމްކިއުއޭއިން ބުންޏެވެ.
"މިސާލަކަށް ނާސިން ކައުންސިލުން މި ނިންމީ ނާސިންގެ ކޯސްތައް އޮންލައިންކޮށް ގެންދެވިދާނެ ކަމަށް. އެގޮތަށް ނިންމައިފިއްޔާ އޮންލައިންކޮށް ގެންދެވޭނެ،" އޭނާ ވިދާޅުވި އެވެ.
"ފޭކް" ބިދޭސީ ޓީޗަރުން އުޅުނަސް ނުދައްކާ ވާހަކައަކަށް
އޮންލައިން ޓީޗިން ކޯސް ހިންގޭ އަމުރު އިސްތިއުނާފަށް
ދަރިވަރަކު ގްރޫމްކުރި ޓީޗަރު ވަޒީފާއިން ވަކިކޮށްފި
ރީރަޖިސްޓްރީނުކުރާ 101 ތަނެއްގެ ސަނަދު ގަބޫލުނުކުރާނެ
އެސަސްމަންޓްތަކުން 50 ޕަސެންޓް ހޯދުން ލާޒިމް ކޮށްފި
ރެކޯޑް އަދަދެއްގެ މީހުން މިއަހަރު ޓީޗިން ޑިގްރީ ހަދަނީ
ޓީޗިން ކިޔަވާ 135 ދަރިވަރުންނަށް ސްކޮލާޝިޕް ދީފި
250 ބައިވެރިންނާއެކު ޓީޗަރުންގެ ކޮންފަރެންސް ފަށައިފި
ޓީޗަރުންގެ ދުވަހަށް ފައިސާ ނުނަގަން އަންގައިފި
ތައުލީމީ ދާއިރާ ރަނގަޅު ކުރަން ބޮޑު މަޝްރޫއެއް!