އައްޑޫ ހައި ސްކޫލުގައި ޓީޗަރުންނަށް ހަނގާކުރުމަކީ ވަރަށް އާންމު ކަމެއް ކަމަށާއި ދަރިވަރުންގެ އަހުލާގު ހިފެހެއްޓުމުގައި އެ ސްކޫލުގެ މެނޭޖުމަންޓް ފެއިލްވެފައިވާ ކަމަށް ރާއްޖޭގެ ޓީޗަރުންގެ އެސޯސިއޭޝަން މިއަދު ބުނެފި އެވެ.
13 ޑިސެމްބަރ 2025
އައްޑޫ ހައި ސްކޫލުގައި ޓީޗަރުންނަށް ހަނގާކުރުމަކީ ވަރަށް އާންމު ކަމެއް ކަމަށާއި ދަރިވަރުންގެ އަހުލާގު ހިފެހެއްޓުމުގައި އެ ސްކޫލުގެ މެނޭޖުމަންޓް ފެއިލްވެފައިވާ ކަމަށް ރާއްޖޭގެ ޓީޗަރުންގެ އެސޯސިއޭޝަން މިއަދު ބުނެފި އެވެ.
އައްޑޫ ހައި ސްކޫލުގައި ޓީޗަރަކާއި ދަރިވަރެއްގެ ދެމެދުގައި ހިންގި މާރާމާރީއާ ގުޅިގެން ޓީޗަރުންގެ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ، އެއް ދަރިވަރެއްގެ ހައްގު އޮންނަ ފަދައިން ކްލާސްރޫމެއްގައި ދެން ތިބޭ ދަރިވަރުން ހައްގު ވެސް އޮންނާނެތީ، ދަރިވަރުންގެ ހައްގުގައި ތެދުވާ ޓީޗަރަކު ބަދުނާމުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
މިފަދަ މައްސަލަތަކުގައި ވާނުވާ ރަނގަޅަށް ނުބަލައި، ހަމައެކަނި ޓީޗަރަށް އަދަބު ދިނުމުގެ ސަބަބުންނާއި ދަރިވަރުންގެ ފަރާތުން ދިިމާވާ މި ބާވަތުގެ ކަންކަމުގެ ނަތީޖާއަކީ ތައުލީމީ ދާއިރާއަށް ލޯބިކުރާ ގާބިލު އެތައް ޓީޗަރުންނެއް ދާއިރާ ދެކެ ފޫހިވެ، ދާއިރާ ދޫކޮށް ދިއުން ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.
ޓީޗަރުންގެ އެސޯސިއޭޝަނުން ބުނި ގޮތުގައި، އެ ޖަމިއްޔާ އިން ބެލިބެލުމުން އައްޑޫ ހައި ސްކޫލުގައި ޓީޗަރުންނަށް އުނދަގޫ ކުރުމާއި ހަނގާކުރުމުގެ މައްސަލަތައް މީގެ ކުރިން ހިނގާފައިވެ އެވެ.
"އަދި މި ކަމަކީ އެ ސްކޫލުގައި އާންމު ކަމަކަށްވެ، ދަރިވަރުންނަށް އެއްވެސް ފިޔަވަޅެއް ނޭޅި ދިއުމުގެ އާހިރު ނަތީޖާއަކަށް މި ވީ، ޓީޗަރު ސްޓްރެސްވެ، އެހެން ދަރިވަރުންގެ ހައްގުގައި ކުރި މަސައްކަތުން ނުވަތަ ކުރެވުނު ކަމަކުން އެ ޓީޗަރަށް އަދަބު ލިިބި ސޯޝަލް މީޑިއާގައި ފަލީހަތްވުމެވެ،" އެ ބަޔާނުގައިވެ އެވެ.
ޓީޗަރުންގެ އެސޯސިއޭޝަނުން ބުނި ގޮތުގައި، އައްޑޫ ހައި ސްކޫލުގައި ޓީޗަރަކާއި ދަރިވަރެއްގެ ދެމެދުގައި އެ ހަމަނުޖެހުން ހިނގަން މެދުވެރިވި މައިގަނޑު ސަބަބަކީ ދަރިވަރެއްގެ ފޯނު މެދުވެރިކޮށް ކުލާސްރޫމުގެ ސްކްރީނަށް އަޅުވާފައިވާ ބޭއަދަބީ ވީޑިއޯއަކާ ގުޅިގެން ދަރިވަރުގެ ފޯނު އަތުލުމަށް ޓީޗަރު މަސައްކަތްކުރުމުންނެވެ.
އެ އެސޯސިއޭޝަނުން ބުނީ އައްޑޫ ހައި ސްކޫލުގައި ހިނގި ހާދިސާއާ ގުޅިގެން އެ ޖަމިއްޔާ އިން ބެލިބެލުމުން ފާހަގަވި އެންމެ މުހިންމު ކަމަކީ އެ ސްކޫލުގެ ދަރިވަރުން ބެލެހެއްޓުމުގައި ސްކޫލުގެ މެނޭޖްމަންޓް ފެއިލްވެފައިވާކަން ކަމަށެވެ. އަދި މެނޭޖްމަންޓް ފެއިލްވުމުގެ ސަބަބުން ހިނގާ މި ބާވަތުގެ ކަންކަމުގައި ޓީޗަރުން ކަތިލެވުމަކީ އެ އެސޯސިއޭޝަނުން ބަލައިގަންނަ ކަމެއް ނޫން ކަމަށް ބަޔާނުގައި ބުންޏެވެ.
މި މައްސަލާގައި އައްޑޫ ހައި ސްކޫލްގެ މެނޭޖުމަންޓް ފެއިލްވެފައިވާކަން އެނގޭ އެއް ހެއްކަކީ ދަރިވަރުން ކުލާސްތަކަށް ފޯނު ގެންދިއުމަށް ހުއްދަ ދީފައި އޮތުމާއި ސްކޫލުގައި ފޯނު ގެންގުޅޭ އުސޫލެއް ހެދިފައި ނެތުމުގެ ސަބަބުން ދަރިވަރުން ފޯނުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.
ކަންބޮޑުވުންތަކާ އެކު، އެ އެސޯސިއޭޝަނުން ބުނި ގޮތުގައި، ރާއްޖެއަށް ވުރެ ތަހުޒީބު ގައުމުތަކުގައި ވެސް ސްކޫލަށް ފޯނު ގެންދިޔަސް، ކުލާސްރޫމަށް ފޯނު ނުވެއްދެ އެވެ. ދަރިވަރުންނަށް ކުލާހަށް ދެވެނީ ފޯނު ބާއްވަން ހާއްސަކޮށްފައިވާ ތަނެއްގައި ފޯނު ބޭއްވުމަށް ފަހުގަ އެވެ. ދަރިވަރުން ސްކޫލުގައި ފޯނު ގެންގުޅޭ އުސޫލެއް ރާއްޖޭގައި ވެސް ހަދައި، އެ އުސޫލު ދަރިވަރުންނަށް ސާފުކޮށްދީފައި އޮންނަން ޖެހެ އެވެ.
އެ އެސޯސިއޭޝަނުން ވަނީ މި މައްސަލާގައި ވަކި ފަރާތަކަށް ބުރަ ނުވެ، މައްސަލަ ބަލައި، ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅަން އެޑިއުކޭޝަން މިނިސްޓްރީއަށް ގޮވާލައިފަ އެވެ.
އައްޑޫ ހައި ސްކޫލުގައި ޓީޗަރަކާއި ދަރިވަރެއްގެ ދެމެދުގައި މިދިޔަ ބުދަ ދުވަހު ހިނގި ތަޅާފޮޅުމުގެ ވީޑިއޯ އާންމުވުމާ އެކު، އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޓީޗަރު ސަސްޕެންޑުކޮށް މައްސަލަ ޕޮލިހަށް ހުށަހަޅައިފަ އެވެ. ޓީޗަރުގެ ގައިގައި ދަރިވަރު ވެސް ޖަހާ މަންޒަރު ވީޑީއޯ އިން ފެނެ އެވެ.
އެ މައްސަލާގައި ދަރިވަރަށް ފިޔަވަޅު ނާޅައިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެ ދަރިވަރަށް ފިޔަވަޅު އަޅައިފަ އެވެ. އަހުލާގު ކިޔަވައިދޭ ޕްރޮގްރާމެއްގައި ބައިވެރިކޮށް އެ ޕްރޮގްރާމް ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑްކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މާފަށް އެދެންދެން ދަރިވަރު ސަސްޕެންޑްކޮށްފި
މިހިސާބަށް ދިޔައިރު ވެސް ޓީޗަރުންނަށް ހިމާޔަތެއް ނެތް!
ދަރިވަރެއްގެ ގައިގައި ތަޅައިގަތް ޓީޗަރެއްގެ މައްސަލައެއް
އައްޑޫގައި ކިޔަވައިދޭތާ 23އަހަރުވީ ޓީޗަރަކު ނިޔާވެއްޖެ
ދިރާސީ ކަލަންޑަރު ޑިޖިޓަލައިޒްކޮށްފި
ޑޮލަރު ލިމިޓްގެ ކަންބޮޑުވުން އެޑިއުކޭޝަން މިނިސްޓްރީއަށް
އޭއައިއިން ކިޔަވައިދޭން ޓީޗަރުން ތަމްރީނުކުރަނީ
މި އަހަރުގެ ޕްރިންސިޕަލުންގެ ކޮންފަރެންސް ފަށައިފި
ކިޔަވައިދިނުން ހަރުދަނާކުރާ ބަޔަކަށް ޓީޗަރުން ވާންޖެހޭ
ޓީޗިން ޑިގްރީ ހަދާއިރު ޝަރުތަކާއެކު ސްޓައިޕެންޑް ދެނީ