Roadha Mihaaru
ނޭމާގެ ލަނޑުން މޮނާކޯ އަތުން ޕީއެސްޖީ އަށް ޕޮއިންޓެއް

ނޭމާގެ ލަނޑުން މޮނާކޯ އަތުން ޕީއެސްޖީ އަށް ޕޮއިންޓެއް

29 އޯގަސްޓް 2022

ޕެރިސް (އޮގަސްޓް 29) - ފްރެންޗް ލީގުގެ ޗެމްޕިއަން ޕީއެސްޖީ އާއި މޮނާކޯ ކުޅުނު މެޗު އެއްވަރުވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޕެރިސް (އޮގަސްޓް 29) - ފްރެންޗް ލީގުގެ ޗެމްޕިއަން ޕީއެސްޖީ އާއި މޮނާކޯ ކުޅުނު މެޗު އެއްވަރުވެއްޖެ އެވެ.

ޕީއެސްޖީން މެޗަށް ނުކުތީ ލީގުގައި ފުރަތަމަ ކުޅުނު ތިން މެޗު ވެސް ފަސޭހަ ކަމާ އެކު ކާމިޔާބު ކޮށްގެންނެވެ. ޕީއެސްޖީގެ ދަނޑުގައި ކުޅުނު މި މެޗުގައި ވެސް އާދައިގެ މަތިން ނޭމާ އާއި ލިއޮނެލް މެސީ އަދި ކިލިއަން އެމްބާޕޭ ސްޓާޓު ކޮށްފައި ވިއަސް ލަނޑެއް ޖަހަން އެ ޓީމަށް ފަސޭހައެއް ނުވި އެވެ.

މޮނާކޯ އިން ލީޑު ނެގީ 20 ވަނަ މިނިޓުގައި އެޓީމަށް ކުޅޭ ޖަރުމަބް ފޯވާޑް ކެވިން ވޮލަންޑް ޖެހި ލަނޑުންނެވެ. މީގެ އިތުރުން ބްރެޒިލް ޑިފެންޑަރު ކަޔޯ ހެރިންކު ފޮނުވާލި ހިލޭ ޖެހުން ކީޕަރު ޖިއާންލުއިޖީ ޑޮންނަރޫމާ ދިފާއު ކުރި އެވެ.

ޕީއެސްޖީ އިން ފޮނުވާލި ފުރަތަމަ ނުރައްކާތެރި ހަމަލާގައި، މެސީ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އަދި ދަނޑީގައި ޖެހިފައި އަލުން ކުޅުމުގެ ތެރެއަށް އައި ބޯޅަ އެމްބާޕޭ ފޮނުވާލުމުން އެ ބޯޅަ ވެސް އަމާޒުވީ ގޯލު ދަނޑިއަށެވެ.

ދެވަނަ ހާފުގައި މޮނާކޯގެ ކެޕްޓަން، އޭރިއާ ބޭރުން ލިބުނު ހުސް ފުރުސަތެއްގައި ކީޕަރު ކައިރިން ނައްޓާފައި މަތިން ފޮނުވާލި ބޯޅަ ގޯލާ އަމާޒެއް ނުވި އެވެ. އަދި މެސީ އާއި ނޭމާ ވެގެން ހޯދި ފުރުސަތެއްގައި ނޭމާ ފޮނުވާލި ބޯޅަ މޮނާކޯގެ ކީޕަރު އެލެކްޒެންޑާ ނުބެލް ދިފާއު ކުރިއިރު، ރެނާޓޯ ޗަންޗޭޒް އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ބޭރަށް ދިޔައީ ގޯލު ދަނޑި ކައިރިންނެވެ.

ޕީއެސްޖީ އިން އެއްވަރުކުރި ލަނޑު ޕެނަލްޓީއަކުން ނޭމާ ކާމިޔާބު ކޮށްދިނީ މެޗުގެ 70 ވަނަ މިނިޓުގަ އެވެ. މޮނާކޯގެ ޑިފެންޑަރު ގުއިލާމޯ މަރިޕާން، ނޭމާ އަށް ފައުލް ކުރުމުން ރެފްރީ އެންމެ ފުރަތަމަ އެއީ ޕެނަލްޓީއެއް ނޫން ކަމަށް ނިންމި ނަމަވެސް، ޕެނަލްޓީ ދިނީ ވީއޭއާރު ބެލުމަށް ފަހު އެވެ.

މިއީ ލީގުގައި އެންމެ ފަހުން އެ ޓީމު ކުޅުނު ފަސް މެޗުގައި ނޭމާ ޖެހި ހަ ވަނަ ލަނޑެވެ. މި ސީޒަނުގައި ކުޅުނު ހަތަރު މެޗާއި، މިދިޔަ ސީޒަނުގެ ފަހު މެޗުގައި ވެސް ނޭމާ ލަނޑު ޖެހި އެވެ. މީގެ އިތުރުން ސީޒަން ފަށަން ކުޅުނު ފްރެންޗް ސުޕަ ކަޕް މެޗުގައި ނޭމާ ވަނީ ދެ ލަނޑު ޖަހައިފަ އެވެ.

ޕީއެސްޖީ އިން އެއްވަރު ކުރި ފަހުން އެޓީމުގެ އަޝްރަފް ހަކީމީ ދުރުން ފޮނުވާލި ހަމަލާއެއް ވެސް ވަނީ ގޯލު ދަނޑިއަށް އަމާޒު ވެފަ އެވެ. އަދި ފަހު ވަގުތު އެމްބާޕޭ އަށް މުޅިން ހުސްކޮށް ލިބުނު ފުރުސަތެއްގައި ފޮނުވާލި ބޯޅަ ދިފާއު ކުރީ، ޖަރުމަންގެ ބެޔާން މިއުނިކުން ލޯނު އުސޫލުން މޮނާކޯ އަށް ކުޅެމުން އަންނަ ކީޕަރު ނުބެލް އެވެ.