Roadha Mihaaru
މެސީގެ އެހީއާއެކު އެމްބާޕޭ ލީގު ރެކޯޑަކާ އެއްވަރުކޮށްފި

މެސީގެ އެހީއާއެކު އެމްބާޕޭ ލީގު ރެކޯޑަކާ އެއްވަރުކޮށްފި

22 އޯގަސްޓް 2022

ލިލް، ފްރާންސް (އޮގަސްޓް 22) - ފްރާންސް ލީގުގައި ރޭ ލިލް އަތުން 7-1 އިން ޕީއެސްޖީ މޮޅުވި މެޗުގައި، އެ ޓީމުގެ ފޯވާޑް ކީލިއަން އެމްބާޕޭ ލަނޑު ޖަހައި ލީގުގެ ތާރީހުގައި ޖެހި އެންމެ އަވަސް ލަނޑުގެ ރެކޯޑާ އެއްވަރުކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލިލް، ފްރާންސް (އޮގަސްޓް 22) - ފްރާންސް ލީގުގައި ރޭ ލިލް އަތުން 7-1 އިން ޕީއެސްޖީ މޮޅުވި މެޗުގައި، އެ ޓީމުގެ ފޯވާޑް ކީލިއަން އެމްބާޕޭ ލަނޑު ޖަހައި ލީގުގެ ތާރީހުގައި ޖެހި އެންމެ އަވަސް ލަނޑުގެ ރެކޯޑާ އެއްވަރުކޮށްފި އެވެ.

މެޗު ފެށި ގޮތަށް ލިއޮނަލް މެސީ ދިން ހިތްގައިމު ޕާހަކުން އެމްބާޕޭ މި ލަނޑު ޖެހީ އަށް ވަނަ ސިކުންތުގަ އެވެ.

ލީގުގައި އެންމެ އަވަސް ލަނޑު ޖެހުމުގެ ރެކޯޑް އެމްބާޕޭ ހިއްސާކުރަނީ 1992 ވަނަ އަހަރު ރެކޯޑް ހެދި މައިކަލް ރިއޯއާ އެވެ.

އެމްބާޕޭ، މެޗުގެ އަށްވަނަ ސިކުންތުގައި ޖެހި ލަނޑު..

އެމްބާޕޭ ގޯލު ޖެހީ އިދިކޮޅު ޓީމުން މެޗު ފެށި އިރު ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ޕްރެސް ކުރަން ތައްޔާރަށް ތިއްބާ ހައި ލައިންގެ ފަހަތަށް މެސީ މަތިން ދިން ބޯޅަ ހޯދައި، ލިލްގެ ކީޕަރު ބޯޅަ ހޯދަން ކުރިއަށް އެރި ވަގުތު އެއްފަހަރުން ޖަހައި އޭނާގެ ބޯ މަތިން ގޯލު ތެރެއަށް ފޮނުވާލައިގެންނެވެ.

މެޗުގެ 27 ވަނަ މިނިޓުގައި ޕީއެސްޖީގެ ދެވަނަ ލަނޑު ޖެހީ މެސީ އެވެ. އޭނާ މި ލަނޑު ޖެހީ އަލަށް ގެނައި ޑިފެންޑަރު ނޫނޯ މެންޑޭސް އާ އެކު އުފެއްދި އެޓޭކެއްގަ އެވެ. ނޭމާ ދިން ޕާހަކުން 39 ވަނަ މިނިޓުގައި އެޓީމުގެ ތިންވަނަ ލަނޑު ޖެހީ އަޝްރަފް ހަކީމީ އެވެ. އަދި މެސީ ދިން ބޯޅައެއްގައި ފުރަތަމަ ހާފް ނިމުމުގެ ކުރިން ނޭމާ ވެސް ވަނީ ގޯލު ޖަހައި، ހަތަރު ގޯލުގެ ލީޑެއް ނަގައިފަ އެވެ.

ދެ ވަނަ ހާފު ފެށިގެން ހަތްވަނަ މިނިޓުގައި އަޝްރަފް ހަކީމީ ދިން ބޯޅައަކުން ޕީއެސްޖީގެ ފަސް ވަނަ ލަނޑު ވެސް ޖެހީ ނޭމާ އެވެ. އޭގެ ދެ މިނިޓު ފަހުން ޖޮނަތަން ބަމްބާ، ލިލް އަށް ލަނޑެއް ޖަހައިދިން ނަމަވެސް، އެމްބާޕޭ ވަނީ ފުރިހަމަ ވަގުތުގެ ކުޅުން ނިމުމުގެ ކުރިން އިތުރު ދެ ލަނޑު ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ.

އެމްބާޕޭ މެޗުގައި ޖެހި ދެވަނަ ލަނޑު ކާމިޔާބުކުރީ 66 ވަނަ މިނިޓުގައި، ނޭމާ އާއެކު އުފެއްދި ކައުންޓާ އެޓޭކެއްގަ އެވެ. އަދި ހެޓްރިކް ފުރިހަމަ ކުރި ލަނޑު ފުރުހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައި ވަނިކޮށް އެމްބާޕޭ ޖެހީ ވެސް ނޭމާ ދިން ބޯޅައެއްގަ އެވެ.

ލީގު ދިފާއުކުރަން ނުކުތް ޕީއެސްޖީ އިން ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުންވެސް އެޓީމު މޮޅުވެފައި ވާއިރު، 17 ގޯލު ކާމިޔާބު ކޮށްފައި ވެއެވެ. ލިލް އަށް 2020/21 ސީޒަނުގެ ފްރާންސް ލީގު ކާމިޔާބުކޮށްދިން ކޯޗު ރިސްޓޮފް ގަލްޓިއާ އާއެކު ޕީއެސްޖީ އިން ކުޅުނު ފުރަތަމަ ދެ މެޗުގައި ވެސް ވަނީ ފަސް ލަނޑު ޖަހައިފަ އެވެ.