Roadha Mihaaru
މޮންޓްޕެލިއޭ ކޮޅަށް ދެ ލަނޑު ޖަހައި ނޭމާގެ ފޯމުގައި

މޮންޓްޕެލިއޭ ކޮޅަށް ދެ ލަނޑު ޖަހައި ނޭމާގެ ފޯމުގައި

14 އޯގަސްޓް 2022

ޕެރިސް (އޮގަސްޓް 14) - ބްރެޒިލްގެ ފޯވާޑް ނޭމާގެ ދެ ލަނޑާ އެކު ޕީއެސްޖީ އިން ފްރެންޗް ލީގުގައި އެޓީމު ކުޅުނު ދެ ވަނަ މެޗުގައި 5-2 އިން މޮންޓްޕެލިއޭ ބަލިކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޕެރިސް (އޮގަސްޓް 14) - ބްރެޒިލްގެ ފޯވާޑް ނޭމާގެ ދެ ލަނޑާ އެކު ޕީއެސްޖީ އިން ފްރެންޗް ލީގުގައި އެޓީމު ކުޅުނު ދެ ވަނަ މެޗުގައި 5-2 އިން މޮންޓްޕެލިއޭ ބަލިކޮށްފި އެވެ.

ނޭމާ ވަނީ މި ސީޒަނުގައި ޕީއެސްޖީ މިހާތަނަށް ކުޅުނު ތިން މެޗުގައި ވެސް ލަނޑު ޖަހައިފަ އެވެ. އެންމެ ފުރަތަމަ ސީޒަން ހުޅުވަން ކުޅުނު ފްރެންޗް ސުޕަ ކަޕް މެޗުގައި ވެސް ދެ ލަނޑު ޖެހި އިރު، ލީގުގެ ފުރަތަމަ މެޗުގައި ވެސް ލަނޑެއް ޖެހި އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ޖެހި ދެ ލަނޑާ އެކު ނޭމާ ވަނީ މި ސީޒަނުގައި ކުޅުނު ތިން މެޗުން ފަސް ލަނޑު ޖަހައިފަ އެވެ. އަދި އޭނާ ވަނީ ތިން ލަނޑު ޖަހަން އެހީވެދީފަ އެވެ.

ރޭގެ މެޗުގައި އެ ޓީމުގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ އަނިޔާއިން ރަނގަޅުވެ، ސީޒަންގައި ފުރަތަމަ ފަހަރަށް ކުޅެން ނުކުމެފައި ވާއިރު، އޭނާ އަށް ވަނީ ޕީއެސްޖީ އަށް ލީޑު ނަގައިދޭން ވެސް ފުރުސަތު ލިބިފަ އެވެ. ޕީއެސްޖީ އަށް ލީޑު ލިބުނީ 39 ވަނަ މިނިޓުގައި މޮންޓްޕެލިއޭ އަށް ލޯނު އުސޫލުން ކުޅޭ ޑިފެންޑަރު ފަލަޔޭ ސަކޯ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.

ޕީއެސްޖީ އިން ލީޑު ހޯދިތާ ތިން މިނިޓު ފަހުން ލިބުނު ޕެނަލްޓީ އެއްގައި އެޓީމަށް ލީޑު ނަގައިދިނީ ނޭމާ އެވެ. މިއީ ވެސް މޮންޓްޕެލިއޭގެ ކުޅުންތެރިއެއް އަތުގައި ބޯޅަ ޖެހިގެން ދިން ޕެނަލްޓީއެކެވެ.

ދެ ވަނަ ހާފުގައި، މެޗުގެ 51 ވަނަ މިނިޓުގައި ޕީއެސްޖީގެ ތިން ވަނަ ލަނޑު ޖަހައިދިނީ ނޭމާ އެވެ. އަރިމަތިން ހުސްވި އަޝްރަފް ހަކީމީ އަށް އެމްބާޕޭ ޖައްސާލި ބޯޅަ އޭނާ ގޯލު ކުރިމައްޗަށް ނަގައިދިނުމުން ނޭމާ އެ ބޯޅަ ގޯލަށް ގޮނުވާލީ ޑައިވިން ހެޑާއަކުންނެވެ.

މޮންޓްޕެލިއޭގެ ފުރަތަމަ ލަނޑު 58 ވަނަ މިނިޓުގައި ޖަހައިދިނީ ކުރިން ސަންޑަލެންޑަށް ޕްރިމިއާ ލީގުގައި ކުޅުނު ޓިއުނީޝިއާގެ ފޯވާޑް ވަހްބީ ޚަރްޒީ އެވެ. ނަމަވެސް އެ ޓީމުގެ މިޑްފީލްޑަރު ޖޯޑަން ފެރީ ހެދި ބޮޑު ގޯހެއްގެ ފައިދާ ނަގައި 69 ވަނަ މިނިޓުގައި އެމްބާޕޭ ވަނީ ޕީއެސްޖީގެ ހަތަރުވަނަ ލަނޑު ޖަހައިދީފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައި ވަނިކޮށް ލިއޮނެލް މެސީ ތަނަވަސް ކުރި ފުރުސަތެއްގައި ނޭމާ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކުރަން ގޯލެއް ޖަހައިފަ އެވެ. ނަމަވެސް ވީއޭއާރު ބެލުމަށް ފަހު ރެފްރީ ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

ޕީއެސްޖީގެ ފަސް ވަނަ ލަނޑު ނޫނޯ މެންޑޭޒްގެ އެހީތެރިކަމާ އެކު 88 ވަނަ މިނިޓުގައި ޖަހައިދިނީ ރެނާޓޯ ސަންޗޭސް އެވެ. މިއީ އޭނާ ޕީއެސްޖީގެ ޖާޒީގައި އަލަށް ކުޅެން ނުކުތްތާ މިނިޓެއް ފަހުން ޖެހި ގޯލެކެވެ.

މޮންޓްޕެލިއޭގެ ދެ ވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި، ގޯލްކީޕަރު ޖިއަންލުއިޖީ ޑޮނަރޫމާ ކައިރިން ނައްޓާފައި ޖަހައިދިނީ އެ ޓީމުގެ ޒުވާން ފޯވާޑް އެންޒޯ ޗާޓޯ އެވެ.