Roadha Mihaaru
ލަންދޫ ބޯޓު އަޑިއަށް، ބޯޓުގައި ތިބި މީހުން ގާފަރަށް

ލަންދޫ ބޯޓު އަޑިއަށް، ބޯޓުގައި ތިބި 30 މީހުން ގާފަރަށް ގެންގޮސްފި

31 އޯގަސްޓް 2022

މާލެ އިން ފުރައިގެން ނ. އަތޮޅަށް ދަތުރުކުރަނިކޮށް، މިއަދު ހެނދުނު ފަރަށް އެރި ލަންދޫ ބޯޓުގައި ތިބި މީހުން ކ. ގާފަރަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލެ އިން ފުރައިގެން ނ. އަތޮޅަށް ދަތުރުކުރަނިކޮށް، މިއަދު ހެނދުނު ފަރަށް އެރި ލަންދޫ ބޯޓުގައި ތިބި މީހުން ކ. ގާފަރަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެ ބޯޓު ގާފަރު ފަރަށް އަރައި، ދިޔަވި ކަމުގެ ރިޕޯޓް ލިބުނީ މިއަދުގެ ހެނދުނު 11 ޖަހާކަށް ހާއިރު ކަމަށް ސިފައިން ބުންޏެވެ.

"ފަރަށް އެރި ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ގާފަރު މީހުންގެ އިތުރުން އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ އެހެން އުޅަނދުތައް ވެސް އަންނަނީ ހަރަކާތްތެރިވަމުން. ކޯސްޓްގާޑުން މިހާރު އަންނަނީ އެ ސަރަހައްދަށް ދަތުރުކުރަމުން،" ސިފައިން ބުންޏެވެ.

ގާފަރު ކައުންސިލުގެ މެމްބަރު މުހައްމަދު ސައްމާން "މިހާރު" އަށް ވިދާޅުވީ އެ ބޯޓުން ދަތުރުކުރި 30 މީހުން އެ ރަށަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ. އެ އެންމެން ހާލު ވެސް ރަނގަޅު ކަމަށް ވިދާޅުވި އެވެ.

"ދެ ބިދޭސީން ފިޔަވައި އެ ބޯޓުގައި ތިބީ ހުސް ދިވެހިން. އެންމެ އަންހެނެއް. އެއީ ކުޑަކޮށް ބަލި މީހެއް ވީމާ މަރުކަޒަށް ގެންގޮސްފައި ވަނީ. އެކަމަކު ހާލު ހަމަ ރަނގަޅު،" އޭނާ ވިދާޅުވި އެވެ.

ސައްމާން ވިދާޅުވިގޮތުގައި، ގާފަރުގައި އެ މީހުންނަށް ތިބޭނެ ތަންތަން ވެސް މިހާރު ވަނީ ހަމަޖައްސައިދީފަ އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ބޯޓުގައި ގިނަ އަދަދެއްގެ ގޭސްފުޅިތައް ހުއްޓެވެ. އެ އެއްޗެހި އޮޔާ ދާތަން ވީޑިއޯ އިން ފެނެ އެވެ. ގާފަރުގެ މަސް ދޯންޏަކުން އެ އެއްޗެހި ނެގުމުގެ މަސައްކަތް ކުރަމުން އަންނަތަން ވެސް ފެނެ އެވެ.

ލަންދޫ ބޯޓު ފަރަށް އެރިއިރު، މި ދުވަސްވަރު ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެފައި ވާތީ ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މެޓް އޮފީހުން އެންމެފަހުން ބުނި ގޮތުގައި މިއީ މުޅި ރާއްޖެ އަށް ވެސް ވިއްސާރަކޮށް، ކަނޑުތައް ގަދަވާނެ ހަފުތާއެއް ކަމަށް ލަފާކުރެވެ އެވެ.