Roadha Mihaaru

ސާއިލް: އެ ދުވަސް ގެނެވޭނެ!

01 ސެޕްޓެމްބަރ 2022

ނަފްސާނީ މައްސަލަތައް ތަހައްމަލުނުކުރާ ޒަމާނެއް ޒުވާން ނޫސްވެރިޔާ އަހުމަދު ސާއިލް އަލީގެ ހަނދާނަކަށް ނާދެ އެވެ. އޭނާގެ ކުޑައިރުގެ ހަނދާނަކީ ވެސް ގޯސްކަމެއް ވެދާނެތީ އެކަމާ ހާސްވެ، ބިރުގަނެގެން އުޅުމެވެ.

ސާއިލްގެ 28 އަހަރުވީ މި ހަޔާތުގައި ޗައިލްޑްހުޑް އެންޒައިޓީން ފެށިގެން ޑިޕްރެޝަނާއި އޯސީޑީ ބަލި ތަޖުރިބާކޮށް، އެކަމަށް ފަރުވާ ހޯދައިފި އެވެ. އެ ދަތުރުގައި، އެންމެ ލޯބިން ކުރަމުން ދިޔަ ނޫސްވެރިކަން ހުއްޓާލާނެ ކިތައްމެ ކަމެއް ކުރިމަތިވެއްޖެ އެވެ.

ނަމަވެސް، އެންމެ އުއްމީދީ ނޫސްވެރިޔާގެ އެވޯޑާއި އިޖުތިމާއީ ދާއިރާއިން އެންމެ މޮޅު ނޫސްވެރިޔާގެ މަގާމު ހޯދި ސާއިލް މިހާރު ވަނީ ޑޮކްޓަރުންނާއި އާއިލާ އަދި ގާތް ރައްޓެހިންގެ އެހީގައި ބައްޔާއެކު އުޅެން ދަސްކޮށްފަ އެވެ.

އެ އުނދަގޫތަކުން އަރައި ގަންނަން ލިޔުނު "އެ ދުވަސް ގެނެވޭނެ" ފޮތުގައި ނަފްސާނީ ބަލިތަކުގައި ސާއިލް ކުރި ތަޖުރިބާ އަދި އެ ބަލިތަކާ ގުޅޭ ތަފްސީލުތައް ގެނެސްދީފައިވެ އެވެ. މިއީ، ނަފްސާނީ ބައްޔަށް ހާއްސަކޮށްގެން ރާއްޖޭގައި ލިޔުނު ފުރަތަމަ ފޮތެވެ.