ނަފްސާނީ މައްސަލަތައް އިތުރުވެ މެންޓަލް ހެލްތު ސެންޓަރުން ފަރުވާ ހޯދަން ނަން ނޯޓުކޮށްފައި ތިބި މީހުންގެ އަދަދު ހާހަކަށް ވުރެ މައްޗަށް އަރައިފި އެވެ.
21 ޑިސެމްބަރ 2020
ނަފްސާނީ މައްސަލަތައް އިތުރުވެ މެންޓަލް ހެލްތު ސެންޓަރުން ފަރުވާ ހޯދަން ނަން ނޯޓުކޮށްފައި ތިބި މީހުންގެ އަދަދު ހާހަކަށް ވުރެ މައްޗަށް އަރައިފި އެވެ.
އައިޖީއެމްއެޗުގައި ހުންނަ މެންޓަލް ހެލްތު ސެންޓަރުން "މިހާރު" އާ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ އޮކްޓޯބަރު މަހާ ހަމައަށް އެކަނި ވެސް އެ ސެންޓަރުން 14،365 ކޮންސަލްޓޭޝަންގެ ހިދުމަތް ދީފައި ވެ އެވެ. އެއީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ތިން ގުނަ އިތުރުވުމެކެވެ.
މިދިޔަ އަހަރުގެ ޖެނުއަރީން އޮކްޓޯބަރު މަހާ ހަމައަށް 4،406 ކޮންސަލްޓޭޝަން ހިދުމަތް ދީފައި ވެ އެވެ. މިދިޔަ އަހަރު މުޅި ޖުމްލަ 7،053 ކޮންސަލްޓޭޝަން ހިދުމަތް ދީފައި ވެ އެވެ. މިދިޔަ އަހަރު އެއް މަހެއްގައި އެންމެ ގިނަ އަދަދަކަށް ފަރުވާ ދިނީ ޑިސެމްބަރު މަހެވެ. އެ މަހު ދީފައިވަނީ 740 ކޮންސަލްޓޭޝަނެވެ.
ނަމަވެސް ކޮވިޑް-19 ގެ ހާލަތު ކުރިމަތިވެ، އެތައް ބައެއްގެ ދިރިއުޅުމަށް އަސަރުކުރުމުގެ ނަތީޖާއަކީ ނަފްސާނީ މައްސަލަތައް އިތުރުވުމެވެ. މެންޓަލް ހެލްތު ސެންޓަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ޖެނުއަރީ މަސް ފިޔަވައި އެހެން ހުރިހާ މަހެއްގައި ފަރުވާ ދިން އަދަދު ހާހަކަށް ވުރެ އިތުރެވެ. ޖެނުއަރީ މަހު ކޮންސަލްޓޭޝަންގެ ހިދުމަތް އުޅެނީ 813ގަ އެވެ.
މިހާތަނަށް މެންޓަލް ހެލްތު ސެންޓަރުން ކޮންސަލްޓޭޝަންގެ ހިދުމަތް އެންމެ ގިނައިން ދީފައިވަނީ މިިދިޔަ ޖޫން މަހެވެ. އެ މަހުގެ ތެރޭގައި އެކަނި ވެސް 2،150 ކޮންސަލްޓޭޝަން ހިދުމަތްދީފައި ވެ އެވެ.
ނަފްސާނީ ބައްޔަށް ހާއްސަ ސަމާލުކަމެއް ދީ އެފަދަ ފަރުވާދޭނެ ވަކި މަރުކަޒެއް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. އެކަމަކު ރާއްޖޭގައި ނަފްސާނީ ބަލީގެ ހާލަތު އޮތް މިންވަރާ އެއްވަރަށް ފަރުވާ ނުދެވި، އެތައް ބަޔަކު ތިބީ ކިއޫގަ އެވެ. ވެއިޓިން ލިސްޓުގެ ނިސްބަތަށް ބަލާއިރު އެންމެ ފުރަތަމަ ސްޓޭޖާ ހަމައަށް ދިއުމަށް ވެސް މަހަކަށް ވުރެ ގިނަ ދުވަސް ނަގާނެ އެވެ.
އައިޖީއެމްއެޗުން ނަން ނޯޓު ކުރުމަށްފަހު އެންމެ ފުރަތަމަ ދައްކަން ޖެހޭނީ ސައިކޭޓްރިސްޓަކަށެވެ. ދޭނެ ފަރުވާއަކާއި އެ ފަރުވާ ގެންދާނެ ގޮތެއް ކަނޑައަޅާނީ އޭގެ ފަހުންނެވެ.
ބައިނަލްއަގުވާމީ ނަފުސާނީ ސިއްހަތުގެ ދުވަހު ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރަނގަޅު ފެންވަރުގެ ނަފުސާނީ ފަރުވާ ލިބެން ހުރުމުގެ މުހިއްމުކަން ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ފާހަގަވެއްޖެ ކަމަށެވެ. ރާއްޖޭގެ ކަންކޮޅުތަކަށް ނަފުސާނީ ފަރުވާގެ ވަސީލަތްތައް ފުޅާކުރަން ސަރުކާރުން ތައްޔާރަށް އޮތް ކަމަށް ވެސް، މިދިޔަ އޮކްޓޯބަރު 10 ގައި ކުރެއްވި ޓްވީޓުގައި އެ މަނިކުފާނު ވިދާޅުވި އެވެ.
އެ ސެންޓަރުން މި ވަގުތު ދެމުން އަންނަނީ މައިގަނޑު ހަތަރު ހިދުމަތެކެވެ. އެއީ ސައިކޭޓްރީ ސާވިސް، ސްޕެޝަލައިޒްޑް ސައިކޮލޮޖީ އަދި ސައިކޯތެރަޕީ ސާވިސް، ސޯޝަލް ސާވިސަސް ވޯކް އަދި އޮކިއުޕޭޝަނަލް ތެރަޕީ ސާވިސް އެވެ. އެ ފަރުވާތައް ދިނުމަށް ހަތަރު ސައިކޭޓްރިސްޓް، ދެ ސައިކޮލޮޖިސްޓް، ދެ ސައިކޯތެރަޕިސްޓް، އޮކިއުޕޭޝަނަލް ތެރަޕިސްޓަކާއި ސޯޝަލް ސާވިސަސް ދެ ވޯކަރުން މަސައްކަތް ކުރެ އެވެ.
އައިޖީއެމްއެޗުން ޑޮކްޓަރަށް ދައްކަން ގިނަ ދުވަސް ނަގާތީ، ބޮޑު އަގު ދައްކައިގެން ނަމަވެސް އަމިއްލަ ހޮސްޕިޓަލްތަކާއިި ކްލިނިކްތަކުން ވެސް މީހުން އަންނަނީ ނަފްސާނީ ފަރުވާ ހޯދަމުންނެވެ. ޕްރައިވެޓް ކްލިނިކަކުން ސައިކެޓްރިސްޓަކަށް ދައްކަން އާންމުކޮށް 500-600 ރުފިޔާގެ ފީއެއް ނަގަ އެވެ.
ނަފްސާނީ ބަލީގެ ފަރުވާ އެހެން ހަރުފަތަކަށް!
ކުރުމުއްދަތެއްގައި 2500 މީހުން ނަފްސާނީ ފަރުވާ ހޯދި
ނަފުސާނީބަލީގެ މީހުންނަށް ފަރުވާދޭ މަރުކަޒެއް ހުޅުވައިފި
ރާއްޖޭގެ ފުރަތަމަ މެންޓަލް ހެލްތު ކޮންފަރެންސް ފަށައިފި
މެންޓަލް ހެލްތު ސެންޓަރުގެ ކިއު 500 އަށް ދަށްވެއްޖެ
ނަފްސާނީ ބައްޔަށް އައިޖީއެމްއެޗްގައި ހާއްސަ ވޯޑެއް
މެންޓަލް ހެލްތު ސެންޓަރުގެ ކިއޫ ކުޑަކުރެވޭތޯ ބަލަނީ
ނަފްސާނީ ބަލީގެ 3،000 މީހުން އަދިވެސް ކިއޫގައި!
ފަރުވާ ނުދެވި ބަލި އިތުރަށް ބޮޑުވުމުގެ ބިރު!
ނަފްސާނީ ފަރުވާދޭ މަރުކަޒަށް ދެއްކުން މެދުކަނޑާލައިފި