Roadha Mihaaru
ޔުނައިޓެޑްގެ ޓްރާންސްފާގެ ރެކޯޑް ޓެން ހާގް މުގުރާލައިފި

ޔުނައިޓެޑްގެ ޓްރާންސްފާގެ ރެކޯޑް ޓެން ހާގް މުގުރާލައިފި

01 ސެޕްޓެމްބަރ 2022

މެންޗެސްޓާ (ސެޕްޓެމްބަރު 1) - ކޯޗު އެރިކް ޓެން ހާގްގެ ޕްލޭނަށް ފެތޭ ކުޅުންތެރިން ގަތުމަށް މެންޗެސްޓާ ޔުނައިޓެޑުން އެ ކްލަބްގެ ޓްރާންސްފާގެ ރެކޯޑް މުގުރާލައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މެންޗެސްޓާ (ސެޕްޓެމްބަރު 1) - ކޯޗު އެރިކް ޓެން ހާގްގެ ޕްލޭނަށް ފެތޭ ކުޅުންތެރިން ގަތުމަށް މެންޗެސްޓާ ޔުނައިޓެޑުން އެ ކްލަބްގެ ޓްރާންސްފާގެ ރެކޯޑް މުގުރާލައިފި އެވެ.

މިއީ ޔުނައިޓެޑްގެ ތާރީހުގައި ޓްރާންސްފާގެ އެއް ޕީރިއަޑެއްގައި އެ ކްލަބުން އެންމެ ބޮޑު ހޭދައެއް ކުރި ޕީރިއަޑެވެ. ޖުލުލަ ފަސް ކުޅުންތެރިން ގެންނަން ޔުނައިޓެޑުން ވަނީ 250 މިލިއަން ޑޮލަރު ހޭދަ ކޮށްފަ އެވެ.

އެކަމަކު ޓެން ހާގް ބުނީ ބޮޑު ހޭދައެއް އޭނާ ކުރިޔަސް ކުއްލިއަކަށް ކާމިޔާބު ހޯދަން އޭނާ އަށް ޕްރެޝަރެއް ނެތް ކަމަށެވެ. އޭނާ ބުނި ގޮތުގައި މިހާރު ގަދަ ހަތަރަކަށް ވާދަކުރާނަމަ ޓްރާންސްފާގައި ބޮޑު ހޭދައެއް ކުރަން ޖެހެ އެވެ. މިދިޔަ ސީޒަންގައި ޔުނައިޓެޑުން ނިންމާލީ ހަ ވަނައިގަ އެވެ.

"އެންމެ މައްޗަށް ވާދަކުރާ ކަމަށް ވަންޏާމު އިތުރު ގޮތެއް ނޯންނާނެ،" މިރޭ ލެސްޓާ ސިޓީ އާ ދެކޮޅަށް ކުޅޭ މެޗާ ބެހޭގޮތުން ބޭއްވި ޕްރީ މެޗު ޕްރެސްގައި ވާހަކަ ދައްކަމުން ޓެން ހާގް ބުންޏެވެ.

"ގަދަ ހަތަރަކަށް ވާދަކުރާ ހުރިހާ ކްލަބަކުން ވެސް މިވަރަށް އެބަ ހޭދަ ކުރޭ. އެ މަގަމަށް ވާދަކުރަންޏާ ހަރަދު ކުރަން ޖެހޭނެ. އަހަރެމެންގެ އެބައޮތް ދުރު ޕްލޭނެއް ކުރިއަށް އޮތް ތަނުގައި ތަށިތައް ހޯދާ ކަމަށް ވަންޏާމު މިކަން ކުރަން ޖެހޭނެ."

ޓެން ހާގް ވަނީ ޔުނައިޓެޑްގެ އައުޓް ފީލްޑް ހުރިހާ ޑިޕާޓްމެންޓަކަށް އާ ކުޅުންތެރިން ގެނެސްފަ އެވެ. ޑިފެންޑަރަކަށް ޔުނައިޓެޑުން ގެނައީ ފައިނޫޑަށް ކުޅެމުން ދިޔަ ޓައިރެލް މަލާސިއާ އާއި އަޔަކްސްގެ ލިސަންޑްރޯ މާޓިނޭޒް އެވެ. މީޑްފީލްޑަށް ރެއާލް މެޑްރިޑްގެ ކާލޯސް ކަސެމީރޯ އެވެ. އަދި އެޓޭކިން ޑިޕާޓްމެންޓަށް އަޔެކްސްގެ އެންޓޮނީ މެތިއުސް ވަނީ ގެނސްފަ އެވެ. ގޯލްކީޕިން ޑިޕާޓްމެންޓަށް ނިއުކާސަލްގެ މާޓިން ޑްބްރަވްކާ މިއަދު ގެންނާނެ އެވެ.

ޓެން ހާގް ބުނީ ކޮންމެ މަގާމަކަށް ކުޅުންތެރިން ގެންނަން ނިންމީ، ސްކޮޑްގައި ވާދަވެރިކަން އުފެއްދުމުގެ ގޮތުން ކަމަށެވެ.

ޔުނައިޓެޑްގެ ޑިފެންސަށާއި އެޓޭކަށް ގެނައި ބަދަލާ އެކު ކެޕްޓަން ހެރީ މެގުއާ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އެންމެ ފަހުން ކުޅުނު ދެ މެޗު ވެސް ފެށީ ބެންޗުންނެވެ. ޓްރާންސްފާ ޕީރިއަޑްގެ ކުރީކޮޅު ޔުނައިޓެޑް ދޫކޮށްލަން މަސައްކަތް ކުރި ރޮނާލްޑޯ ޓީމުގައި މަޑު ކުރާނެ ކަމަށް ޓެން ހާގް ބުންޏެވެ.

"އަހަރެން ކުރިން ވެސް ބުނަމުން މި އަންނަނީ އަހަރެން ޕްލޭން ހަދަނީ ރޮނާލްޑޯ ހިމަނައިގެންނޭ. އޭނާ ހުރުމުން އަހަރެމެން ހިތްހަމަޖެހޭ. އަދި އޭނާ ވެސް ކްލަބްގައި ހުރީ އުފަލުން،" ޓެން ހާގް ބުންޏެވެ.