އެއީ މީގެ 21 އަހަރު ކުރި އެވެ. ގަލޮޅު ދަނޑުގައި ކުޅެމުން އަންނަނީ ދިވެހި ލީގުގެ ރެލިގޭޝަން ބުރުގައި ނިއު ރޭޑިއަންޓާއި އީގަލްސް ވާދަކުރާ މެޗެވެ. ނިއު 3-1 އިން ކުރީގައި އޮއްވާ ފެނިގެން ދިޔައީ ދަނޑުން އޭރު ނުފެނި ގިނަ ދުވަސްވެފައިވާ މަންޒަރެކެވެ. އޮއްސެން ދިޔަ އިރާ އެކު ނޫ ޖާޒީގައި ދަނޑަށް އަރަން ތައްޔާރުވެގެން އެހުރީ އޭރު ކުޅުމުގެ ކެރިއަރު އޮއްސެން ގާތްވެފައިވާ ނިއުގެ ކޯޗު މޯނިންސަން މޫސާ މަނިކު (ކުޑަމޫސަ) އެވެ.
02 ސެޕްޓެމްބަރ 2022
އެއީ މީގެ 21 އަހަރު ކުރި އެވެ. ގަލޮޅު ދަނޑުގައި ކުޅެމުން އަންނަނީ ދިވެހި ލީގުގެ ރެލިގޭޝަން ބުރުގައި ނިއު ރޭޑިއަންޓާއި އީގަލްސް ވާދަކުރާ މެޗެވެ. ނިއު 3-1 އިން ކުރީގައި އޮއްވާ ފެނިގެން ދިޔައީ ދަނޑުން އޭރު ނުފެނި ގިނަ ދުވަސްވެފައިވާ މަންޒަރެކެވެ. އޮއްސެން ދިޔަ އިރާ އެކު ނޫ ޖާޒީގައި ދަނޑަށް އަރަން ތައްޔާރުވެގެން އެހުރީ އޭރު ކުޅުމުގެ ކެރިއަރު އޮއްސެން ގާތްވެފައިވާ ނިއުގެ ކޯޗު މޯނިންސަން މޫސާ މަނިކު (ކުޑަމޫސަ) އެވެ.
އުމުރުން 37 އަހަރުގެ ކުޑަމޫސަގެ ނަން ނިއުގެ ކުޅުންތެރިންގެ ލިސްޓުގައި އޮތް ނަމަވެސް އަދި އޭނާ ކުޅެވޭ ވަރަށް ފިޓްކޮށް ހުރި ނަމަވެސް އެ މެޗާ ހަމައަށް ވެސް އެ ސީޒަނުގައި ވަރަށް ކުޅެން އަރާފައެއް ނުވެ އެވެ. އެކަމަކު މެނޭޖްމަންޓުންނާއި ކުޅުންތެރިން އެދޭތީ، ޓީމު މޮޅުވެފައި ވެސް އޮތުމުން ކުޅެން ނުކުންނަން މޫސަ ނިންމީ އެވެ.
މޫސަ ކުޅެން އަރައި މާގިނައިރުތަކެއް ނުވެ އެވެ. އީގަލްސްގެ އަހުމަދު ނިމާދު (ނިމާ) އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭ ބޯޅަ މައްޗަށް އެރި ކައްސާލައިގެން މޫސަ ވެއްޓުނެވެ. ދެން ފެނިގެން ދިޔައީ އަށިގަނޑުގައި މޫސަ ބޭލި ތަނެވެ. އަދި އިމަޖެންސީގައި ހޮސްޕިޓަލަށް ގެންދިޔަ އެވެ. އޭނާގެ ވާތުފައިގެ ކުޑަހުޅުގެ ކަށިގަނޑެއް ބިންދައިގެން ދިޔައީ އެވެ.
މޫސަ (ކ) އޭނާގެ ކޮއްކޮ މުހައްމަދު ނަދީމްއާ އެކު: ދެ ކުޅުންތެރިން އެކުގައި ނިއު އަށް ފުޓްބޯޅަ އާއި ވޮލީބޯޅަ ކުޅުނު.
އެ އަނިޔާވެގެންދިޔައީ 21 އަހަރުވީ، މޫސަގެ ކުޅުމުގެ ކެރިއަރުގައި ފަރުދާ ދަމާލި މެޗަށެވެ. ކަންދިމާކުރި ގޮތުން އެ މެޗަކީ، މޫސަގެ ޒަމާންވީ ކެރިއަރުގައި ރެލިގޭޝަނުގައި ކުޅުނު ފުރަތަމަ މެޗު ވެސް މެ އެވެ. އެހެންވެ ނޫ ޖާޒީ ވެގެންދިޔައީ މޫސަގެ ކެރިއަރު ކުންނުގައި ޖެހުނުއިރު ވެސް އަދި އެންމެ ފުނުގައި ޖެހުނުއިރު ވެސް ލައިގެން ހުންނަން ޖެހުނު ޖާޒީ އެވެ. އެ ޓީމުގައި މޫސަ ވަނީ ތަފާތު އެތައް ތަޖުރިބާއެއްކޮށްފަ އެވެ.
ނިއު ނިސްބަތްވާ ހެންވޭރަށް ޑިސެމްބަރު 29، 1963 ގައި އުފަންވި މޫސަ ކުޑައިރު އެންމެ އުފާވެރި ދުވަސްތައް ހޭދަކުރީ އެ އަވަށުގެ ކުޅޭ ބިމުގަ އެވެ. ފުއްޕާހަމެއްގައި ފޮތި އޮޅައިގެން ފުޓްބޯޅަ ނުވަތަ ވޮލީބޯޅަ ކުޅުމުގަ އެވެ. ބައިސިކަލަކަށް އަރައިގެން ރޭސް ޖެހުމުގަ އެވެ. ނުވަތަ ދަނޑިގަނޑެއް ހިފައިގެން މަންޑި ކުޅުމުގަ އެވެ.
ރަސްމީ ކުޅުންތެރިއެއްގެ ގޮތުގައި މޫސަ އެންމެ ފުރަތަމަ ވިދާލީ 1981 ވަނަ އަހަރުގެ އެންއެސްއޭ ވޮލީބޯޅަ މުބާރާތުގަ އެވެ. އެ މުބާރާތުގައި ބައިވެރިވި އުމުރުން އެންމެ ހަގު ކުޅުންތެރިޔަކީ އޭނާ ކަމަށް ވިޔަސް އެއް ވަނަ ސެޓަރުގެ މަގާމް ހޯދި އެވެ. އެހެންވެ އިނާމު ދޭން މޫސަ އަށް، އޮލިމްޕިކް ކޮމިޓީގެ ރައީސް މަރްހޫމް ޒާހިރު ނަސީރު ގޮވާލެއްވީ "ކުޑަކުޑަ މޫސަ" އޭ ވިދާޅުވެ އެވެ. އެހިސާބުން "ކުޑަމޫސަ" ގެ ނަމުގައި އޭނާ ދިވެހި ކުޅިވަރުގެ ކުޅިވަރުގެ ތެރެއަށް މަޝްހޫރުވި އެވެ.
ޒާހިރު ނަސީރު: މޫސަ އަށް "ކުޑަމޫސަ" ގެ ނަން ދެއްވީ ޒާހިރު.
ޖެހިގެން 1982 ވަނަ އަހަރު މޫސަ، ހެންވޭރުގެ ކްލަބް ކަމަށްވާ ނިއުއާ ގުޅުނެވެ. އެއީ އޭނާ އާއި އެ ކްލަބަށް ވެސް ވަރަށް ހާއްސަ އަހަރެކެވެ. ނިއު އިން އެ ކްލަބުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ގައުމީ ތަށި އުފުލާލީ، އެ އަހަރުގެ ފައިނަލުގައި ވިކްޓްރީ ކޮޅަށް މޫސަ ޖެހި ދެ ލަނޑުން މޮޅުވެގެންނެވެ. އެއީ ދިވެހި ފުޓްބޯޅައިގެ ތާރީހު ދުށް އެންމެ ބޮޑު ވާދަވެރިކަން ކަމަށްވާ، ނިއު އާއި ވިކްޓްރީގެ ވާދަވެރިކަމުގެ ފެށުމެވެ.
އެކަމަކު އެ ވާދަވެރިކަމުގައި، 1985 ވެގެންދިޔައީ މޫސަ އާއި ނިއު އަށް ވެސް އަރައިގަންނަން އުނދަގޫ ހިތްދަތިކަމެއް ލިބުނު އަހަރަކަށެވެ. އެ އަހަރުގެ ގައުމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ނިއު 3-1 އިން ބަލިކޮށް ވިކްޓްރީން ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށި ފުރަތަމަ ފަހަރަށް މިލްކުކުރީ، މޫސަގެ ޕެނަލްޓީ ވިކްޓްރީގެ ގޯލްކީޕަރު މައުރޫފް އަހުމަދު (މާއްޓޭ) މަތަކޮށްގެންނެވެ.
އެ ނާކާމިޔާބާ އެކު މޫސަގެ އަމާޒަކަށްވީ ނިއު އަށް އެ ތަށި މިލްލުކޮށްދިނުމެވެ. އެގޮތުން އޭނާގެ މޮޅު ކުޅުމާ އެކު 1990 އާއި 1991 ވަނަ އަހަރު ނިއު އަށް ގައުމީ ތަށި ކާމިޔާބުކޮށްދީ ތަށި މިލްކުކުރުމުގެ ފުރުސަތު ހޯދައިދިނެވެ. މީގެ ތެރެއިން 1990 ގައި މޫސަ އެއް ވަނަ ފޯވާޑުގެ މަގާމް ހޯދި އެވެ. އަދި ޖެހިގެން އައި އަހަރު އެއް ވަނަ ފޯވާޑްގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އެވެ. މި ކާމިޔާބީތަކާ އެކު، 1992 ވަނަ އަހަރަށް ނިއު އާއި އެ ކްލަބުގެ ސަޕޯޓަރުން ހޭލީ ބޮޑު އުއްމީދަކާ އެކު އެވެ. ނޫ ޓީމުން ގައުމީ ތަށި މިލްކުކުރާތަން އެ އަހަރު ފެންނާނެ ކަމުގެ އުއްމީދުގަ އެވެ. އެހެނަސް...
'ހަވީރު' ނޫހުން ކުޅިވަރަށް ހާއްސަކޮށްފައި އޮންނަނީ ފަހު ސަފުހާ އެވެ. ނޫހުގެ ފުރަތަމަ ސަފުހާ އިން ކުޅިވަރު ހަބަރަކަށް ޖާގަ ލިބޭނީ ގައުމު ސިހިގެންދާ ފަދަ ހަބަރަކަށް ވާނަ ނަމަ އެވެ. މޭ 13، 1992 ގައި ނުކުތް 'ހަވީރު' ނޫހުގެ ފުރަތަމަ ސަފުހާގައި "ކުޑަމޫސަ ވެލެންސިއާ އަށް!!" މި ސުރުހީގެ ދަށުން ޖަހާފައި އޮތީ ގައުމު ސިއްސުވާލި ހަބަރެކެވެ.
މޫސަ ވެލެންސިއާ އަށް ދިޔަ ހަބަރު 'ހަވީރު' ގެ ބޭރުގަނޑުގައި ޖަހާފައި.
ރާއްޖޭގައި އޭރު ހުރި އެންމެ މޮޅު ކުޅުންތެރިޔާ، ފެށުނީއްސުރެ ކުޅެމުން އައި ކްލަބުގެ ތާރީހުގެ އެންމެ މުހިއްމު އަހަރު އެ ކްލަބް ދޫކޮށް ވާދަވެރި ކްލަބަކަށް ބަދަލުވީ އެވެ. ވިކްޓްރީގެ ދޮންބިލެތް އަހުމަދު ހަލީމާއި މައުރޫފް އަހުމަދު (މާއްޓޭ) މުސާރަ ދޭ ގޮތަށް ގެންގޮސް ވެލެންސިއާ އިން އެ އަހަރު ފެށި ފައިސާ އަށް ކުޅުންތެރިން ގަތުމުގެ ސިލްސިލާގަ އެވެ. މޫސަ ވެލެންސިއާ އަށް ސޮއިކުރީ އެޑްވާންސަށް 120،000 ރުފިޔާ އަދި މަހަކު 7000 ރުފިޔާ އަށެވެ. އެއީ އޭރުގެ ނިސްބަތުން ވަރަށް، ވަރަށް ބޮޑު އަދަދެކެވެ.
"މިހާރު އެއީ ނިއުގެ މޫސައެއް ނޫން،" އޭނާ ނިއު ދޫކޮށްލިކަން ކަށަވަރުކޮށްދެއްވަމުން އެ ކްލަބުގެ މަސްއޫލުވެރިޔާ ކުއީން އަހުމަދު ވަހީދު 'ހަވީރަ'ށް ވިދާޅުވި އެވެ.
މޫސަ ނިއު ދޫކޮށްލުންވީ އެ ކްލަބުގެ ސަޕޯޓަރުންނަށް ލިބުނު ޝޮކަކަށެވެ. އެއް ބަޔަކުވީ ވީ ދެރަ އެވެ. އަނެއް ބަޔަކު އައީ ރުޅި އެވެ. މޫސައާ ދިމާލަށް ނުގޮވާކަށް އެއްޗެއް ނެތެވެ. އެކަމަކު އެކަމާ ވާހަކަ ދައްކަން މޫސަ ބޭނުމެއް ނުވި އެވެ. 'ހަވީރު' ގެ ނޫސްވެރިން ގުޅުމުން ބުނީ ފޯނުން ވާހަކަދެއްކެން ނެތް ކަމަށެވެ. ބައްދަލުވެގެން ވާހަކަދައްކަން އެގެޔަށް ދާން އެދުމުން ބުނީ "މި އުޅެނީ މަހަށް ދާން ކަމަށާއި ވަގުތެއް ނެތް" ކަމަށެވެ.
ޖެހިގެން އައި ދުވަހު މޫސަ ވެލެންސިއާގެ ޕްރެކްޓިހަށް ނުކުތެވެ. ނޫ ޖާޒީގައި 12 އަހަރު ހޭދަކުރި ކުޅުންތެރިޔާ ރީނދޫ ޖާޒީގައި ޕްރެކްޓިސްކުރާތަން ދެކެން އެތައް ސަތޭކަ ބަޔަކު އެ ދުވަހު ދަނޑަށް އެއްވި އެވެ. އަޖާއިބެއް ފަދަ އެ މަންޒަރު ދެކެން ގިނަ ބަޔަކު ބޭނުންވީ އެވެ. އެކަމަކު ދެން އިވުނީ ވަކި އެއަށް ވުރެ އަޖާއިބުކަން ކުޑަ ހަބަރެއް ނޫނެވެ. ވެލެންސިއާ އިން ދިން އެޑްވާންސް ފައިސާ އެ ކްލަބަށް އަނބުރާ ދިނުމަށް ފަހު މޫސަ އަނބުރާ ނިއުގެ ޕްރެކްޓިހަށް ނުކުތީ އެވެ.
ވެލެންސިއާގެ އޭރުގެ މަސްއޫލުވެރިޔާ ހިޔަލީ މުހައްމަދު ރަޝީދު (ކ) އާއި ވަކީލު ހަސަން އަފީފް: މޫސަ މައްސަލައިގައި ދުލެއް ނުދެއްވި.
މޫސަ ދެއްކި އުޒުރަކީ ވެލެންސިއާއާ އެކު ހަދާފައިވާ އެއްބަސްވުމުގެ ހަ ވަނަ މާއްދާއާ އެ ކްލަބުން ހިލާފުވުމާއި ކްލަބުގެ މެނޭޖްމަންޓް ޕޮލިސީ އޮޅުން ނުފިލުމެވެ. އެކަމަކު އެންމެންނަށް ވެސް އެނގެ އެވެ. މޫސަ އަށް ނިއުގެ ސަޕޯޓަރުންނާއި ބައެއް ވެރިން ޕްރެޝަރުކުރީ އެވެ. އަދި ވެލެންސިއާ އިން ދިން ވަރަށް ނިއު އިން ފައިސާ ދޭން ބުނީ އެވެ. އެހެންވެ ވެލެންސިއާގެ އެއްބަސްވުން އުވާލައި އަލުން ނިއު އަށް ދާން އޭނާ ބޭނުންވީ އެވެ.
ވެލެންސިއާގެ އެއްބަސްވުމާ ބެހޭގޮތުން މޫސަ ދެއްކި ވާހަކަތައް އެ ކްލަބުން ގަބޫލެއް ނުކުރި އެވެ. ވެލެންސިއާ އޮތީ އެންމެ ތަންފުކެއް ވެސް ދޫދޭ ގޮތަކަށް ނޫނެވެ. އެހެންވެ މޫސަ އަށް ޖެހުނީ ކޯޓު ނަމްބަރު ތިނަކަށް މައްސަލަ ހުށަހަޅާ އެވެ. މޫސަ ޝަރީއަތުގައި ބުނީ ވެލެންސިއާ އިން އަމަލުކުރި ގޮތުން އެ ކްލަބުގައި އެންމެ ހިނދުކޮޅަކު ވެސް ހުންނަން ބޭނުންނުވާ ކަމަށެވެ. އެކަމަކު މޫސަގެ ވަކީލް އަލްއުސްތާޒް އަދުނާން ޔޫސުފާއި ވެލެންސިއާގެ ވަކީލް އަދި އެ ކްލަބުގެ އޭރުގެ އިސްވެރިޔާ ހަސަން އަފީފްއާ ދެމެދު ހިނގި ވަރުގަދަ ބަހުސްތަކަށް ފަހު ކޯޓުން ހުކުމްކުރީ އެއްބަސްވުން ބާތިލްކުރާނެ ތަނެއް ނެތް ކަމަށެވެ.
ކޯޓުގެ އެ ނިންމުމާ އެކު މޫސަ އެ މައްސަލަ ހައި ކޯޓަށް ހުށަހަޅަން ވެސް ވިސްނި އެވެ. އޭރު ވެލެންސިއާ އިން އޮތީ އެ ދުވަހު ހަވީރު އޮންނަ ކްލަބުގެ ޕްރެކްޓިހަށް ނުކުންނަން މޫސަ އަށް އަންގައިފަ އެވެ. އެއާ އެކު އޭނާ ހަތިޔާރު ބެހެއްޓި އެވެ. އެކަން ކަށަވަރުވީ ގައުމީ މުބާރާތަށް ތައްޔާރުވާން ވެލެންސިއާ އިން ސްރީ ލަންކާ އަށް ކުރަން ހަމަޖައްސާފައި އޮތް ތަމްރީން ދަތުރަށް ފުރަން ޖެހިގެން އައި ދުވަހު އޭނާ އައުމުންނެވެ.
ނިއުގެ އޭރުގެ މަސްއޫލުވެރިޔާ ކުއީން ވަހީދު: މޫސަ މައްސަލައިގައި ހުންނެވީ ހިތްހަމަނުޖެހިފައި. --ފޮޓޯ: އަވަސް
ވެލެންސިއާގެ ކުޅުންތެރިންނާ އެކު މޫސަ ހުޅުލެއަށް ދިޔައިރު މޫނުމަތިން ފެންނަން ހުރީ ހިތްހަމަޖެހުމެވެ. އެކަމަކު އެތެރެއިން އޭނާ ހިތާމަކުރާނެ ބާވަ އެވެ؟ އާއްމުންގެ ކުރިމަތީގައި "އަގު ވެއްޓިގެން" އޭނާ ކޯޓަށް ދިޔައީ ހަގީގަތުގައި ވެސް ނިއުގައި ދެމި ހުންނަން ބޭނުވެގެން އެއްބަސްވުން ބާތިލްކުރަން ބޭނުންވެގެން ބާވަ އެވެ؟ ނުވަތަ އެއީ ފައިސާގެ ބޭނުމުގައި ކްލަބް ބަދަލުކުރެވުމުން، ނިއުގެ ސަޕޯޓަރުންގެ ފަރާތުން ލިބުނު ނަފުރަތާއި ބައެއް ވެރިން ކުރި ޕްރެޝަރުގެ ސަބަބުން އެ އެންމެން ރުއްސަން ކުރި ކަމެއް ބާވަ އެވެ؟
މޫސަ ކޯޓަށް ގޮސް އަލުން ނިއުއާ ގުޅެވޭތޯ ބަލަން ކުރި މަސައްކަތް، އެކަން ކާމިޔާބުނުވުމުން ނިއު އިން ބަލައިގަތް ކަމަކަށް ބެލެވޭ ކަށް ނެތެވެ. ނިއުގެ މަސްއޫލުވެރިޔާ ވަހީދު އޭރު ވިދާޅުވި ގޮތުގައި މޫސަ ކޯޓަށް ދިއުމަކީ ކްލަބަށްވީ ގުރުބާނީއެއް ކަމަށް ނުދެކޭ ކަމަށެވެ.
"އޭނާ އެއީ ކްލަބަށްވީ ގުރުބާނީ އެއް ނޫން. އެއީ އޭނާ އަމިއްލަ ބޭނުމަކު ވީ ގުރުބާނީއެއް ކަންނޭނގެ. އެގޮތަށް އަޅުގަނޑު ދެކެނީ،" ހިސާބަކަށް ހިތްހަމަނުޖެހި ހުންނަވައި ވަހީދު 'ހަވީރަ'ށް ވިދާޅުވި އެވެ.
ވަހީދު ވަނީ، މޫސަ ކޯޓަށް ދިޔައީ ނިއު އިން ބުނެގެން ކަމަށް ދެކެވޭ ވާހަކަތައް ވެސް އެ ދުވަހު ދޮގުކުރައްވައިފަ އެވެ.
މޫސަ ވެލެންސިއާގެ ޖާޒީގައި.
މޫސަ ނެތި ނިއު އިން އެ އަހަރު ގައުމީ ފައިނަލަށް ދިޔަ އެވެ. އަދި މީހުން ހިސާބު ޖެހި ގޮތަށް، މޮޅު ކުޅުންތެރިންނާ އެކު ވެލެންސިއާ އަށް ފައިނަލާ ހަމައަށް ނުދެވި، ފައިނަލުގައި ނިއުއާ ބައްދަލުކުރަން ހޮވުނީ ވިކްޓްރީ އެވެ. އެކަމަކު ނިއު އަށް ތަށި މިލްކުކުރެވޭ ގޮތެއް ނުވި އެވެ. ޒުވާން ކުޅުންތެރިޔާ އިސްމާއީލް އަނިލް ޖެހި ގޯލުން ވިކްޓްރީ މޮޅުވީ އެވެ. ނިއު އަށް ތަށި މިލްކުނުވުމުގެ އިނގިލި އެ ކްލަބުގެ ސަޕޯޓަރުން، ހިތާމައިގައި ތިބެ ދިއްކުރީ މޫސައާ ދިމާއަށެވެ. އެކަމަކު ނިއުގެ ސަޕޯޓަރުން ހަގީގީ ރޮވަމުން ރޮއްވާލީ ޖެހިގެން އައި އަހަރެވެ.
ގައުމީ ފައިނަލުގައި 1993 ވަނަ އަހަރު ވެލެންސިއާ އިން މޫސަގެ ގޯލަކާ އެކު ނިއު 7-0 އިން ބަލިކުރީ އެވެ. ވެލެންސިއާ އިން އެ ކްލަބުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ގައުމީ ތަށި އުފުލާލީ، ގައުމީ ފައިނަލުގައި އެހާތަނަށް ނުކުތް އެންމެ ތަފާތު ބޮޑު ނަތީޖާ އިން ނިއު ބަލިކޮށްގެންނެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަތްޕުޅުން ތަށްޓާ ހަވާލުވީ ވެސް މޫސަ އެވެ. އެއީ ފުޓްބޯޅައިގައި ނިއު މިހާތަނަށް އެންމެ ލަދުގަތް އެއް ދުވަހެވެ. އެ ނަތީޖާގެ ފަހަތުގައި ހުރީ އޭގެ ކުރިން އެ ކްލަބުގެ ސަޕޯޓަރުން އުރާލައިގެން ގެންގުޅުނު ކުޅުންތެރިޔާ ކަމަށް ވުމީ ލަދުގެ މައްޗަށް އިސްވި މާޔޫސްކަމެކެވެ.
ވެލެންސިއާގައި އަހަރުތަކެއް ހޭދަކުރުމަށް ފަހު މޫސަ ދެން ފެނުނީ 1996 ގައި ބަނޑޮސް އޯކިޑުންނެވެ. އޭގެ ފަހުން 1997 ގައި ކ. އަތޮޅު ހުރާ ފުޓްބޯޅަ ކްލަބް ކަމަށްވާ ހުއްރިއްޔާ އަށް ބަދަލުވި އެވެ. މޫސަ އެ ކްލަބަށް 1999 ގައި ގައުމީ މުބާރާތުގެ ލީގު ޗެމްޕިއަންކަމާއި ޕޮމިސް ކަޕް ހޯދައިދިނެވެ. އެއަށް ފަހު އޭނާ އަނެއްކާ މިސްރާބު ޖެހީ 2000 ވަނަ އަހަރު ނިއު އަށެވެ. މި ފަހަރު ކޯޗެއްގެ ގޮތުގަ އެވެ.
މޫސަ ހުއްރިއްޔާގެ ޖާޒީގައި.
އޯކިޑާއި، ހުއްރިއްޔާ އަދި ނިއު އަކީ ވެސް އޭރު ބަނޑޮހުގެ ވެރިޔާ މުހައްމަދު ވަހީދުއްދީން (ޑީން) ހަރަދުކުރެއްވި ތިން ކްލަބެވެ. އެހެންވެ މޫސަ ދެ ވަނަ ފަހަރަށް ނިއު އަށް ގެންދެވުމުގެ ފަހަތުގައި ހުންނެވީ ޑީން އެވެ.
މޫސަގެ ކޯޗުކަމުގައި ނިއު އިން 2000 ވަނަ އަހަރު ކަޕްވިނާސް ކަޕާއި އަލަށް ތައާރަފުކުރި މާލޭ ލީގު ހޯދި އެވެ. އޭރު އެ ޓީމުގެ ތަރިންނަކީ މޫސަގެ ދައުރުގައި ވެލެންސިއާ އިން ވިދާލި އާދަމް އަބްދުލަތީފް (ލައްޗޭ) އާއި ޝާހު އިސްމާއީލް (ސާޔާ) އެވެ. ޖެހިގެން އައި 2001 ގައި ލައްޗޭ އާއި މުހައްމަދު ނަޒީހު ފަދަ ކުޅުންތެރިން ނިއު ދޫކޮށް ދިއުމުން ޓީމު ބަލިކަށިވި އެވެ.
އެކަމަކު "ދޮންމަނިކު" ގެ ނަމުގައި ދިވެހި ފުޓްބޯޅައިގައި މަޝްހޫރުވި ކޮންގޯ ފޯވާޑް ޖޯން ކިންގްސްލީ ޑޮމިނިކްގެ މޮޅު ކުޅުމާ އެކު ވެލެންސިއާ ބަލިކޮށް ނިއު އިން އެ އަހަރު އެފްއޭ ކަޕް ކާމިޔާބުކުރި އެވެ. އެ ކާމިޔާބަށް ފަހު އެ އަހަރުގެ ދިވެހި ލީގުގައި ނިއު އަށް ދިމާވީ ދެރަ ގޮތެކެވެ. އެ ޓީމަށް ގަދަ ހަތަރަކުން ފުރުސަތު ނުލިބުމުން، ފުރަތަމަ ޑިވިޝަނުގެ ޖާގަ ޔަގީންކުރަން ޖެހުނީ ރެލިގޭޝަން ކުޅޭށެވެ. އެ މުބާރާތުގެ ފުރަތަމަ މެޗުން އީގަލްސް އަތުން 3-1 އިން މޮޅުވެ ޖާގަ ޔަގީންކުރުމަށް ކުރިއަށް ފިޔަވަޅެއް އެޅި ނަމަވެސް އެ މެޗު ވެގެންދިޔައީ މޫސަގެ ބަދުނަސީބަށެވެ.
2001 ވަނަ އަހަރުގެ އެފްއޭ ކަޕް ކާމިޔާބުކުރުމަށް ފަހު މޫސަ (ކ-3) ކުޅުންތެރިންނާއި އޮފިޝަލުންނާ އެކު.
މޫސަގެ އަންހެނުން އީނާސް ޖަމީލް ކާރުގައި ދަތުރުކުރަމުން ދިޔައީ ދަރިފުޅު ބަލާ އިސްކަންދަރު ސްކޫލަށެވެ. އޭރު ނިއު އާއި އީގަލްސްގެ މެޗު ނިމެން ދަނީ އެވެ. ކާރުގައި ހުޅުވާފައި އިން ރޭޑިއޯ އިން ދެމުން ދިޔަ މެޗުގެ ރިލޭގައި ކޮމެންޓޭޓަރު ބުނީ މޫސަ އަށް އަނިޔާވެގެން ބާލައިފި ކަމަށެވެ. އީނާސް އަށް ދެން އިވުނީ ސައިރަން އަޅާފައި އެމްބިއުލާންސް ދިޔަ އަޑެވެ. އެ އަޑު ނިއުގެ ސަޕޯޓަރުންނަށް އިވުނީ މޫސަގެ ކުޅުމުގެ ކެރިއަރު ނިމިއްޖެ ކަމުގެ ރަނގަބީލުގެ ގޮތުގަ އެވެ.
މޫސަ ބަލި އެނދުގައި އޮތުމުން އެސިސްޓަންޓް ކޯޗުއަންދަރުސަވާ އިބްރާހީމް ރަޝީދު (އަންދަރޭ) ގެ ކޯޗުކަމުގައި ނިއު އިން ފުރަތަމަ ޑިވިޝަނުގެ ޖާގަ ޔަގީންކުރި އެވެ. އަދި މޫސަ އަނިޔާ އިން ރަނގަޅުވެ ޖެހިގެން އައި އަހަރު ނިއުގެ ބެންޗަށް ދިޔަ އެވެ. އޭނާގެ ކޯޗުކަމުގައި ނިއު އިން ގަދަފަދަ ވެލެންސިއާ ބަލިކޮށް އެފްއޭ ކަޕް އުފުލާލި އެވެ.
އެކަމަކު ލީގުގައި ނަތީޖާތައް ދަށްވުމުން، ކުރީ އަހަރު ވީގޮތް ވެދާނެ ކަމުގެ ބިރު އޮތުމުން އެހެން މީހަކަށް ފުރުސަތު ދޭން ކަމަށް ބުނެ ނިއުގެ ކޯޗުކަމުން މޫސަ އިސްތިއުފާ ދިނެވެ. އެއާ އެކު، ނޫ ޓީމުގައި މޫސަގެ ހަޔާތް ނިމުނީ އެވެ. ލޯތްބާއި ރުޅި، ކާމިޔާބާއި ނާކާމިޔާބު އަދި ނަސީބާއި ބަދުނަސީބުގެ ތަޖުރިބާތަކަކަށް ފަހު އެވެ.
ވެލެންސިއާގެ އުފާވެރި އަދި ތާރީޚު ބަދަލުކޮށްލި މާޒީ
ބޮޑު ތިން ކްލަބަށް ދިމާވީ ކޮން މައްސަލައެއް؟
ކުޅިވަރުގައި ނާސިރު ވަރެއް ނެތް!
ބޮޑު މެޗު މާދަމާ؛ ފައިނަލް މެޗުގެ ކުރިން ފައިނަލެއް
ވެލެންސިއާގެ ކޮންޓްރެކްޓްގައި ހުރި ފައިޓޯ ވިކްޓަރީ އަށް
އަލްވެސް އާއި މެސީގެ ފަހަތުގައި އިމްރާން!
މެޗު ދޫކޮށްލުން ގިނަވެ ފުޓްބޯޅައިގެ ސީރިއަސްކަން ނެތެނީ
ފުޓްބޯޅަ ފޯރި އަލުން ގެނެވޭނެކަން ހާމަވެއްޖެ: ވާސިފް
ސޮބާ ބުނަނީ މިރޭ އޮތީ އެންމެ ފޯރިފަދަ މެޗު ކަމަށް
ވިކްޓަރީގެ ސަސްޕެންޝަން އުވާލައިފި