Roadha Mihaaru
ކުޅިވަރުގައި ނާސިރު ވަރެއް ނެތް!

ކުޅުންތެރިއެއް، ކޯޗެއް، ރެފްރީއެއް: ކުޅިވަރުގައި ނާސިރު ވަރެއް ނެތް!

13 ސެޕްޓެމްބަރ 2024

ދިވެހި ކުޅިވަރު ހިންގުމުގެ ހިދުމަތްތެރިންގެ ލިސްޓެއް ހަދައިފި ނަމަ އެ ލިސްޓުގެ އެންމެ ކުރިން ގަލޮޅު ރިނބުދޫގޭ މުހައްމަދު ނާސިރަށް ޖާގަ ލިބޭނެ އެވެ. ސަބަބަކީ ފަހުގެ ޖީލަށް އޭނާ ފެނިފައިވާނީ އެ ދާއިރާ އިން ކަމަށް ވާތީވެ އެވެ. އެކަމަކު ނާސިރަކީ، ހަގީގަތުގައި އޭނާގެ ދައުރުގައި ވަރަށް ގިނަ ކުޅިވަރުތަކެއް އެންމެ މަތީ ފަންތީގައި ކުޅުނު ހުނަރުވެރިއެއް ވެސް މެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ދިވެހި ކުޅިވަރު ހިންގުމުގެ ހިދުމަތްތެރިންގެ ލިސްޓެއް ހަދައިފި ނަމަ އެ ލިސްޓުގެ އެންމެ ކުރިން ގަލޮޅު ރިނބުދޫގޭ މުހައްމަދު ނާސިރަށް ޖާގަ ލިބޭނެ އެވެ. ސަބަބަކީ ފަހުގެ ޖީލަށް އޭނާ ފެނިފައިވާނީ އެ ދާއިރާ އިން ކަމަށް ވާތީވެ އެވެ. އެކަމަކު ނާސިރަކީ، ހަގީގަތުގައި އޭނާގެ ދައުރުގައި ވަރަށް ގިނަ ކުޅިވަރުތަކެއް އެންމެ މަތީ ފަންތީގައި ކުޅުނު ހުނަރުވެރިއެއް ވެސް މެ އެވެ.

އޭނާ އަކީ އެންމެ ފުރަތަމަ ފުޓްބޯޅަ ކޯޗިން ކޯހެއް ފުރަތަމަ ކުރި ދިވެއްސެވެ. ރަސްމީ ސިފައެއްގައި ކޯޗިންގެ މަސައްކަތްކުރި ފުރަތަމަ ދިވެއްސަކީ ވެސް އޭނާ އެވެ. ރެފްރީކަން ކުރުމަކީ ވެސް އޭނާގެ ހާއްސަ ހުނަރެކެވެ. އެހެންކަމުން ނާސިރަކީ ހުރިހާ ގޮތަކުން ބެލި ނަމަވެސް ދިވެހި ކުޅިވަރުގެ ވަރުގަދަ ލެޖެންޑެކެވެ. ކުޅިވަރުގެ ދާއިރާ އިން ޝަރަފުވެރިކަމުގެ އިނާމު އޭނާ އަށް ސަރުކާރުން މި އަހަރު ދިނުމަކީ އޭގެ ވަރުގަދަ ހެއްކެކެވެ.

ނާސިރުގެ ކުޅިވަރު ހަޔާތް ފެށުނީ 1950 ގެ އަހަރުތަކުގެ ފަހުކޮޅު މަޖީދިއްޔާ ސްކޫލުގައި ކިޔަވަން އުޅުނު އިރެވެ. ސްކޫލް ނިމުމާ އެކު އޭނާ 1968 ވަނަ އަހަރު އެމް އޯކިޑް ކްލަބުން ގައުމީ ފެންވަރުގައި ކުޅިވަރު ކުޅެން ފެށި އެވެ. ނާސިރުގެ ފުރަތަމަ މުބާރާތަކީ އެ އަހަރުގެ ގައުމީ ކްރިކެޓް މުބާރާތެވެ. ކަން ދިމާވި ގޮތުން އެއީ އެ ޓީމުން އެ ތަށި މިލްކު ކުރަން ނުކުތް އަހަރު ވެސް މެ އެވެ. އިރުމަތީގޭ އަހުމަދު ޖަލީލްމެން ފަދަ ކުޅުންތެރިންނާ އެކު، ނުކުމެ ނާސިރު އެ ޓީމަށް ވިދިވިދިގެން ތިން ވަނަ ފަހަރަށް ގައުމީ ތަށި ހޯދައިދިނެވެ. އެ މުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް ނާސިރެވެ.

ނާސިރު ޖެހިގެން އައި އަހަރު ބަދަލުވީ މާލޭ ޒަމާނީ މިއުޒިކީ ކްލަބަށެވެ. ރާއްޖޭގެ މަޝްހޫރު މިއުޒީޝަނުން ކަމަށްވާ މަސްއޮޑި އިބްރާހީމް ފުޅާއި ގިނިރާހި އިބްރާހީމް އަހުމަދު (ގިނިދޮންބެ) ފަދަ ބޭފުޅުން ނިސްބަތްވާ އެ ކްލަބުގެ މައިގަނޑު މަސައްކަތަކީ މިއުޒިކް ކުޅުން ކަމަށް ވިޔަސް ވަރުގަދަ ފުޓްބޯޅަ ޓީމެއް ވެސް އޮތެވެ. މާލެ އިން ބޭރުގައި ބޭއްވި ފުރަތަމަ ގައުމީ މުބާރާތް ކަމަށްވާ އައްޑޫ ހިތަދޫގައި 1970 ވަނަ އަހަރު އޮތް މުބާރާތަށް މިއުޒިކީ ކްލަބުގެ ފުޓްބޯޅަ ޓީމު ދިޔައީ ނާސިރުގެ ކެޕްޓަންކަމުގެ ދަށުންނެވެ. ނަމަވެސް ކެރަފާ މުހައްމަދު ކަލޭފާނު، އޭނާގެ ބޯޓުން ޓީމަށް ދެއްވި ހިލޭ އެ ދަތުރުގައި، މައިނާ އިބްރާހީމް ރަޝީދު ފަދަ ކުޅުންތެރިންނަށް ވަޒީފާގެ ސަބަބުން ދެވޭ ގޮތެއް ނުވި އެވެ. އެހެންވެ ޓީމު ހަމަކުރެވުނީ، އައްޑު އަށް ދިޔަ މަގުމަތީގައި ގދ. ތިނަދޫގައި މަޑުކޮށް ދިން މިއުޒިކް ޝޯ ގައި ލަވަ ކިޔައިދިން އެ ކްލަބުގެ މެމްބަރު އަބްދުﷲ ހަސަން (ހޮޅުދޫ އަބްދުﷲ) ވެސް ހިމަނައިގެންނެވެ.

ގިނަ ބަޔަކު ހީކުރީ ފަސޭހަކަމާ އެކު ތަށި ނަގާނީ، އޭރު އިނގިރޭސިން އައްޑޫގައި ބޭއްވި ލީގެއްގައި ކުޅެ ލިބުނު ތަމްރީންތަކާ އެކު، ތިރިން ޕާސްކޮށްގެން ރީތި ގޭމެއް ކުޅޭ ކުޅުންތެރިން ހިމެނޭ އައްޑޫ ޑީއެންސީ ކަމަށެވެ. އެކަމަކު، ފައިނަލުގައި މިއުޒިކީ ކްލަބުން ދިން ވަރުގަދަ ފައިޓާ އެކު 1-1 އިން އެއްވަރުވެ، ދެ ޓީމަށް ޖޮއިން ޗެމްޕިއަންކަން ލިބުނީ އެވެ. އެ މުބާރާތުގެ އެންމެ މޮޅު ޑިފެންޑަރަކަށް ހޮވުނީ، ޑީއެންސީގެ ހަލުވި ފޯވާޑުން ހިފެހެއްޓުމުގައި މޮޅު ކުޅުމެއް ދެއްކި ނާސިރެވެ.

ނާސިރު (ތިރީބަރީގައި ކ-2) ފުޓްބޯޅަ ޓީމުގެ މެމްބަރުންނާ އެކު.

ނާސިރު (ތިރީބަރީގައި ކ-2) ފުޓްބޯޅަ ޓީމުގެ މެމްބަރުންނާ އެކު.

އޭރު ބައެއް ކުޅުންތެރިންނަކީ، ޓީމު ބަލިވުމުން އެކަމުގެ ޒިންމާ ބޮލުގައި އެޅެން ބޭނުން ނުވާތީ ޑިފެންސަށް ކުޅެން ޖެހިލުންވި ކުޅުންތެރިންނެވެ. ނަމަވެސް ނާސިރަކީ، ފެށުނީއްސުރެ އިތުބާރާ އެކު ޑިފެންސަށް ކުޅުނު ކުޅުންތެރިއެކެވެ. އެކަމަކު، ގޯލެއް ޖަހަން މުހިއްމުވާ ވަގުތު ފޯވާޑަށް ވެސް ކުޅެފައި އެބަހުއްޓެވެ.

އައްޑޫގައި ބޭއްވި ގައުމީ މުބާރާތަށް ފަހު ނާސިރުގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ، މިއުޒިކީ ކްލަބް ކިޔާތީ ފުޓްބޯޅަ ކުޅެން ޝައުގުވެރިވާ ބައެއް ކުޅުންތެރިން އެ ކްލަބާ ގުޅެން ބޭނުން ނުވުމެވެ. އެހެންވެ، އާ ކްލަބެއް ހަދަން އެ ކްލަބުގެ ވެރިޔާ މަސްއޮޑި އިބްރާހީމްފުޅު ގާތު އެދުމުން އޭނާ ހުއްދަ ދިނެވެ. އެއީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބް ކަމަށްވާ ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ފެށުމެވެ. ނާސިރާއި މައިނާ ރަޝީދު އިސްވެ ތިބެ 1971 ގައި އުފެއްދި ވިކްޓްރީ އަށް މިއުޒިކީ ކްލަބުގެ ކުޅުންތެރިން ބަދަލުވި އެވެ.

ނަމަވެސް ވިކްޓްރީގެ ފުރަތަމަ މެޗުވީ، އެ ކްލަބާއި ދިވެހި ފުޓްބޯޅަ އާއި ހުދު ނާސިރުގެ ހަޔާތުގައި ވެސް ޖެހުނު ލަށްގަނޑަކަށެވެ. ޑީއެންސީއާ ދެކޮޅަށް މާލޭގައި ކުޅުނު އެ މެޗު ބަދަލުވީ ބޮޑު މާރާމާރީއަކަށެވެ. ޑީއެންސީގެ އިބްރާހީމް ކަލޯ އަށް ވަރަށް ބޮޑަށް އަނިޔާވި އެވެ. އެ މައްސަލައިގައި ނާސިރު އަރުވާލަން ހުކުމްކުރި އެވެ. އެކަމަކު އަދަބުން ސަލާމަތްވެ އޭނާ އެ އަހަރާއި ޖެހިގެން އައި ދެ އަހަރު ވެސް ވިކްޓްރީ އަށް ހޮކީ ޗެމްޕިއަންކަން ހޯދައިދީ ތަށި މިލްކުކޮށްދިނެވެ. އޭނާ އަކީ އޭރު ހޮކީ ޓީމުގެ ގޯލްކީޕަރެވެ.

ނާސިރުގެ ކުޅިވަރުގެ ހަޔާތަށް ބޮޑު ނަސީބެއް ލައްވާނީ 1973 ވަނަ އަހަރު އޭރުގެ ރައީސް އިބްރާހީމް ނާސިރުގެ އިސްނެންގެވުމެއްގެ މަތިން، އިރުމަތީ ޖަރުމަނަށް ފުޓްބޯޅަ ކޯޗިން ކޯހެއް ފުރިހަމަކުރަންދާން އޭނާ އަށް ފުރުސަތު ލިބުމުންނެވެ. ނާސިރަށް އެ ނަސީބު ލިބުނީ މުހައްމަދު ޒާހިރު ނަސީރު އެކަމަށް ވަރަށް ބޮޑަށް ބާރު އެޅުއްވުމުންނެވެ. ސަރުކާރުގެ ފަރާތުން ކުޅިވަރުގެ އެންމެހައި ކަންކަން އިންތިޒާމުކުރުމުގައި އުޅުއްވި ޒާހިރަށް، އޭރު ނާސިރު ފެނުނީ އެކަމުގައި ކުރިއަށް ދެވިދާނެ މީހެއްގެ ގޮތުގަ އެވެ. އެއް އަހަރުގެ އެ ކޯހަށް ފަހު އެނބުރި އައުމުން ސްޕޯޓްސް ޑިވިޝަނުގެ ވަޒީފާ އޭނާ އަށް ދީ، ފުޓްބޯޅަ ކޯޗުކަން ކުރަން ހަވާލުކުރި އެވެ. ނާސިރު ކޯޗުކޮށްދޭން ޖެހެނީ، އެންއެސްއޭގެ ކުޅުންތެރިންނާއި މަޖީދިއްޔާ ސްކޫލުގެ ކުޅުންތެރިންނަށެވެ.

ނާސިރު ކޯހަށް ފަހު އެނބުރި ރާއްޖެ އައުމުން އޭރުގެ ކުޅިވަރު ނޫސް "މޯނިންސަން" ގައި އެ ވާހަކަ ޝާއިއުކޮށްފައި.

ނާސިރު ކޯހަށް ފަހު އެނބުރި ރާއްޖެ އައުމުން އޭރުގެ ކުޅިވަރު ނޫސް "މޯނިންސަން" ގައި އެ ވާހަކަ ޝާއިއުކޮށްފައި.

ނަމަވެސް އެ މަސައްކަތުގައި އުޅެމުން ވެސް އޭނާ ކުޅިވަރު ކުޅުންތެރިއެއްގެ ގޮތުގައި ދިޔައީ ކުރިއަށެވެ. ނަތީޖާއަކަށްވީ، އެންމެ ފުރަތަމަ އެކުލަވާލި ގައުމީ ފުޓްބޯޅަ ޓީމުން ވެސް ފުރުސަތު ލިބުމެވެ. ރިޔޫނިއަން އައިލެންޑްސްގައި 1979 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ނެގި ފުޓްބޯޅަ ޓީމުގައި ވައިސް ކެޕްޓަނަކަށް ހަމަޖެއްސީ ނާސިވެ.

ދެން އައީ ނާސިރުގެ ކުޅިވަރުގެ ހަޔާތަށް ބޮޑު ބަދަލެކެވެ. އޭނާ އެ ކްލަބް އުފެއްދުމުގައި އިސްކޮށް އުޅުނު ވިކްޓްރީ ދޫކޮށް، ވާދަވެރި ނިއު ރޭޑިއަންޓަށް ބަދަލުވީ އެވެ. ނިއުގެ ޖާޒީގައި އޭނާ އެންމެ ފުރަތަމަ ފެނުނީ، ރާއްޖޭގައި ބޭއްވި ފުރަތަމަ ގައުމީ ބާސްކެޓްބޯޅަ މުބާރާތް ކަމަށްވާ 1980 ވަނަ އަހަރުގެ މުބާރާތުންނެވެ. އެއީ ވަރަށް ތާރީހީ މުބާރާތެއް ވެސް މެ އެވެ. ސެމީ ފައިނަލުގައި ލަޔަންސް ސްޕޯޓްސް ކްލަބުގެ މައްޗަށް ނިއު ކުރި ހޯދާފައި ވަނިކޮށް މޫސުން ގޯސްވެގެން މެޗު ހުއްޓާލީ އެވެ. ދެ ހަފުތާ ފަހުން، މެޗުގެ ބާކީ އެއް މިނެޓު ކުޅުނުއިރު، ލަޔަންސްގެ ސްރީ ލަންކާ ކުޅުންތެރިޔާ މާވިން ފެނާންޑޯ ވައްޓާލި ތުރީ ޕޮއިންޓާ އެކު އެ ޓީމު މޮޅުވެ، ނިއު ހިތްދަތި ގޮތަކަށް ބަލިވީ އެވެ.

ނަމަވެސް ނިއުގެ ޖާޒީގައި ފުޓްބޯޅައިގައި ނާސިރު ވަރަށް ކާމިޔާބެކެވެ. އެގޮތުން 1979 ވަނަ އަހަރު އުފެދުނު އެ ކްލަބުން އެންމެ ފުރަތަމަ ގައުމީ ތަށްޓަކީ 1981 ވަނަ އަހަރު ނާސިރުގެ ކެޕްޓަންކަމުގެ ދަށުން ވިކްޓްރީއާ އެކު ހޯދި ޖޮއިން ޗެމްޕިއަންކަމެވެ. އެއީ ރާއްޖޭގެ ފުޓްބޯޅައިގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ މޫސާ މަނިކު (ކުޑަމޫސަ) ގެ ވެސް ފުރަތަމަ ތައްޓެވެ. ނާސިރު ޖެހިގެން އައި އަހަރު އަނެއްކާ ވެސް ނިއުއާ އެކު ގައުމީ ތަށި ހޯދި އެވެ. އެކަމަކު އެއީ ފުޓްބޯޅައިގެ އޭނާގެ ފަހު އަހަރެވެ.

ނާސިރު ދެން ފެނުނީ ބޮޑަށް ފުޓްބޯޅަ ރެފްރީކަމުންނާއި ކްލަބް ހިންގުމުގެ ތެރެއިންނެވެ. އޭނާ އަކީ އޭރު އިބްރާހީމް އިސްމާއީލާއި މައްލާ ޅަތުއްތުއާ އެކު ރާއްޖޭގެ އެންމެ ވަރުގަދަ ރެފްރީންގެ ތެރެއިން އެކެކެވެ. ޖަރުމަނުގައި ފުޓްބޯޅަ ކޯޗިން ކޯސް ހެދިއިރު ރެފްރީކަމުގެ ތަޖުރިބާ ވެސް ހޯދި ނާސިރަކީ އޭރު އެންމެ މައްސަލަ ބޮޑުވާނެ މެޗުތަކަށް އެރުވި އެއް ރެފްރީ އެވެ.

އެ ދުވަސްވަރު ނިއު ރޭޑިއަންޓާއި ޑީއެންސީގެ މެޗެއް ހޫނުވެ ކުރިއަށް ނުގެންދެވުމުން ސީދާ ރައީސް ނާސިރުގެ އެންގެވުމެއްގެ މަތިން ނާސިރާ މެޗު ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އެވެ. އިބްރާހީމް އިސްމާއީލާއި މައްލާ ޅަތުއްތުއާ އެކު، އެ ފަހަރު ނާސިރަށް ވެސް ފީފާ ބެޖު ލިބޭނެ ކަމަށް ބެލެވުނެވެ. އެކަމަކު އޭރުގެ ބައެއް އިސްވެރިންގެ ހިތްހަމަނުޖެހުން އޭނާއާ މެދު އޮތުމުގެ ނަތީޖާއަކަށްވީ އެ ފުރުސަތު ނުލިބުމެވެ.

ނާސިރު (ވ) ނިއުއާ އެކު 1981 ވަނަ އަހަރުގެ ގައުމީ މުބާރާތް ކާމިޔާބުކުރުމަށް ފަހު ގްރޫޕް ފޮޓޯއެއްގައި.

ނާސިރު (ވ) ނިއުއާ އެކު 1981 ވަނަ އަހަރުގެ ގައުމީ މުބާރާތް ކާމިޔާބުކުރުމަށް ފަހު ގްރޫޕް ފޮޓޯއެއްގައި.

ނާސިރު އޭރު ވަނީ ކްލަބް ލެގޫންސްގެ ނަމުގައި އޭނާގެ މަސްއޫލުވެރިކަމުގެ ދަށުން ޓީމެއް ވެސް ރަޖިސްޓަރީ ކޮށްފަ އެވެ. އެފްއޭ ކަޕް ދެ ފަހަރު އަދި ގައުމީ ތަށި އެއް ފަހަރު ހޯދި ލެގޫންސަކީ ހުނަރުވެރި މޮޅު ކުޅުންތެރިންތަކެއް ވެސް ނެރުނު ވަރުގަދަ ޓީމެކެވެ. އެ ޓީމުގެ އެންމެ ހާއްސަ ކާމިޔާބަކީ 1989 ވަނަ އަހަރުގެ އެފްއޭ ކަޕް ކާމިޔާބުކުރުމެވެ. ގަލޮޅު ދަނޑު ރޭގަނޑު ދިއްލައިގެން ކުޅުނު ފުރަތަމަ މެޗުގައި، އެ ފަހަރު ލެގޫންސް މޮޅުވެ ޗެމްޕިއަންކަން ހޯދީ ވިކްޓްރީން ތިން ގޯލު ޖަހާފައި ވަނިކޮށް ފަހަތުން އަރަ އެވެ.

ނާސިރު ވަނީ ފަހުން މާލޭ ސްޕޯޓްސްގެ ނަމުގައި ކްރިކެޓް ކްލަބެއް އުފައްދައި، އެ ކުޅިވަރުގެ ކުރިއެރުމެއް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އޭނާ ރާއްޖޭގެ ކްރިކެޓަށް ކޮށްދިން އަގު ހުރި ހިދުމަތްތައް ބަލައިގަނެ ދުނިޔޭގެ ކްރިކެޓް ޖަމިއްޔާ އިން ވަނީ އެވޯޑެއް ދީފަ އެވެ. ރާއްޖޭގެ ކްރިކެޓުގެ އެންމެ ޝަރަފްވެރި އިނާމު ވެސް ކްރިކެޓް ބޯޑުން ވަނީ ނާސިރަށް ދީފަ އެވެ.

އެކި ކްލަބްތައް އުފައްދައި، ހިންގުމުގެ ތެރޭ އުޅުނަސް ނާސިރު އަބަދުވެސް އޭނާގެ ހިތުން އެންމެ ހާއްސަ ޖާގައެއް ދެވެނީ ވިކްޓްރީ އަށެވެ. އޭނާ ވަނީ ވިކްޓްރީގެ ފުޓްބޯޅަ ޓީމުގައި ފަހުން ވަރަށް އިސްކޮށް މަސައްކަތްކޮށްފަ އެވެ. ހާއްސަކޮށް ދެހާހުގެ އަހަރުތަކުގައި ވިކްޓްރީން ހޯދި ކާމިޔާބީތަކުގައި އޭނާގެ ދައުރު ވަރަށް ބޮޑެވެ.

ކުޅިވަރުގައި 56 އަހަރު ހޭދަކޮށްފައިވާ ނާސިރުގެ ކެރިއަރަށް ބަލާއިރު ފެންނަނީ ހުސް ކާމިޔާބެވެ. ވަކި ކުޅިވަރެއްގަ އެއް ނޫނެވެ. އޭނާ ވަނީ ފުޓްބޯޅަ އާއި ކްރިކެޓާއި ބާސްކެޓްބޯޅައިގެ އިތުރުން ޓޭބަލް ޓެނިސް އާއި އެތުލެޓިކްސް އާއި ބެޑްމިންޓަން އާއި ޓެނިސް އާއި ވޮލީބޯޅަ އާއި ބައިސިކަލް ރޭސް އަދި މަންޑީގައި ވެސް ބައިވެރިވެފަ އެވެ. އެ އިން ކޮންމެ ކުޅިވަރެއްގައި ނާސިރު ހިމެނުނީ އެންމެ ކުރީގަ އެވެ. އެ ހުރިހާ ކަމަކާ އެކު ނާސިރަކީ، ރާއްޖޭގެ ކުޅިވަރުގެ ތާރީހުން ހާއްސަ ޖާގައެއް ލިބިފައިވާ ޝަހުސިއްޔަތެކެވެ. ގިނަ ކުޅިވަރުތަކެއް އެހާ މޮޅަށް ކުޅެ، ކޯޗުކަން ކޮށްދީ، ރެފްރީކަން ކުރުމަކީ އާދަޔާ ހިލާފު ބޮޑު ހާސިލް ކުރުމެކެވެ.