Roadha Mihaaru
ލަންކާގެ ކުރީގެ ރައީސް އެނބުރި ގައުމަށް ވަޑައިގެންފި

ލަންކާގެ ކުރީގެ ރައީސް ގޯޓާބޭ އެނބުރި ގައުމަށް ވަޑައިގެންފި

03 ސެޕްޓެމްބަރ 2022

ސްރީ ލަންކާ ބަނޑަށް ޖެހި އިދިކޮޅު މުޒާހަރާތައް ހޫނުވުމާ އެކު ޖުލައި މަހު ގައުމު ދޫކޮށް ވަޑައިގެން ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވި ގޯޓާބޭ ރާޖަޕަކްސަ ރޭ އެނބުރި ގައުމަށް ވަޑައިގެންފި އެވެ.

ސްރީ ލަންކާ ބަނޑަށް ޖެހި އިދިކޮޅު މުޒާހަރާތައް ހޫނުވުމާ އެކު ޖުލައި މަހު ގައުމު ދޫކޮށް ވަޑައިގެން ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވި ގޯޓާބޭ ރާޖަޕަކްސަ ރޭ އެނބުރި ގައުމަށް ވަޑައިގެންފި އެވެ.

އިގްތިސާދީ ހީނަރުކަން ބޮޑުވެ ރައްޔިތުން ރުޅިވެރިކަމާ އެކު މުޒާހަރާއަށް ނުކުމެ ރިޔާސީ ގަނޑުވަރާއި ސަރުކާރުން އެކި އޮފީސްތަކަށް ވަދެގަތުމާ އެކު ގޯޓާބޭ އާއި އޭނާގެ އަނބިކަނބަލުން ފިއްލަވައިގެން ފުރަތަމަ ވަޑައިގަތީ ރާއްޖެއަށެވެ. އެއީ ޖުލައި މަހުގެ 9 ވަނަ ދުވަހު އެވެ. ރާއްޖޭގައި އެއް ދުވަހު ހުންނެވުމަށް ފަހު އޭނާ އިސްތިއުފާ ދެއްވީ ސިންގަޕޫރަށް ވަޑައިގަތުމަށް ފަހުގަ އެވެ.

ރޭ ގައުމަށް ވަޑައިގަތީ ސިންގަޕޫރުން ތައިލެންޑަށް ވަޑައިގަތުމަށް ފަހު އެ ގައުމުގައި ދުވަސްކޮޅަކު ހުންނެވުމަށް ފަހުގަ އެވެ.

ގޯޓާބޭ އެއާޕޯޓުން ނުކުމެވަޑައިގަތް އިރު ސަލާމަތީ ފިޔަވަޅުތައް އޮތީ ވަރަށް ވަރުގަދަކޮށްފަ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން މިހާރުގެ ސަރުކާރުގެ ބައެއް ވަޒީރުން ވެސް އެއާޕޯޓަށް ވަޑައިގެން ކުރީގެ ރައީސްއާ ބައްދަލުކުރެއްވި އެވެ.

ގޯޓާބޭ ގައުމަށް ވަޑައިގަތީ އޭނާއަށް ސަރުކާރުން ރައްކާތެރިކަމުގެ ޔަގީންކަން ދިނުމުންނެވެ. ކުރިން ވަނީ މިކަމާ ބެހޭ ގޮތުން ސަރުކާރާ މަޝްވަރާކޮށްފަ އެވެ.

ގޯޓާބޭ ރާޖަޕަކްސަ އެނބުރި ގައުމަށް ވަޑައިގަންނަވާ ނަމަ، ކުރީގެ ރައީސެއްގެ ހައިސިއްޔަތުން ދޭންޖެހޭ ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް، ލަންކާގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުން ސަރުކާރަށް ގޮވާލާފައިވެ އެވެ. ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އަށް އެ ކޮމިޝަނުން ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، ގޯޓާބޭގެ ސަލާމަތަށް ނުރައްކާތެރިކަން ކުރިމަތިވެފައިވާ މިންވަރު، ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ވަޒަންކޮށް، ގޯޓާބޭއަށާއި އޭނާގެ އާއިލާއަށް ދޭންޖެހޭ ހިމާޔަތް ދޭންޖެހޭނެ ކަމަށެވެ. އޭގެ އިތުރުން ގޯޓާބޭ އެނބުރި ގައުމަށް ވަޑައިގަންނަވަން އެދިވަޑައިގެންފި ނަމަ، އެކަމަށް މަގު ފަހިކޮށްދިނުމަށް ވެސް އެ ކޮމިޝަނުން އެދިފައިވެ އެވެ.

އެ ކޮމިޝަންގެ ސިޓީގައި ބުނެފައިވާ ގޮތުން ގޯޓާބޭ މަގާމުން އިސްތިއުފާ ދެއްވީ ބިރުދައްކައި މަޖުބޫރުކޮށްގެން ކަމުގެ ޝަކުވާތަކެއް ވެސް ވަނީ އެ ކޮމިޝަނަށް ލިބިފަ އެވެ. އަދި ގޯޓާބޭއާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ހިނގި ދުވަސްވަރު، ރައީސެއްގެ ހައިސިއްޔަތުން ދޭންޖެހޭ ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ދިނުމުގައި ލަންކާ ސަރުކާރު ފެއިލްވެފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.