Roadha Mihaaru
ޑްރަގް ރިހެބިލިޓޭޝަން ނިންމި ގައިދީން މުޖުތަމައަށް

ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރި ފުރަތަމަ ބެޗު މުޖުތަމައަށް

03 ސެޕްޓެމްބަރ 2022

މާފުށީ ޖަލުގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދިޔަ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރި 32 ގައިދީން އާއިލާއާ އިއްޔެ ހަވާލުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާފުށީ ޖަލުގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދިޔަ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރި 32 ގައިދީން އާއިލާއާ އިއްޔެ ހަވާލުކޮށްފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ އެ ގައިދީން ޝަރުތުތަކަކާ އެކު ދޫކޮށްލިޔަސް އެއް އަހަރު ދުވަހުގެ މުއްދަތަކަށް އެ މީހުން މޮނިޓާ ކުރާނެ ކަމަށެވެ.

އެ ގައިދީން ދޫކޮށްލުމުގެ ކުރިން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވަނީ އެ މީހުންނާ ބައްދަލު ކުރައްވައި ހިތްވަރު ދެއްވައިފަ އެވެ. އަދި މުޖުތަމައުގެ ތެރޭގައި ނަމޫނާ ބައެއްގެ ގޮތުގައި އުޅުމަށް ނަސޭހަތްތެރިވެވަޑައިގަތެވެ.

އިމްރާން މިއަދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ، ދިވެހި ތާރީހުގައި ފުރަތަމަ ފަހަރަށް ޖަލުގެ ތެރޭގައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ފުރިހަމަކުރި ގައިދީން މުޖުތަމައަށް އަނބުރާ ދޫކޮށްލުމަކީ މަސްތުވާތަކެތީގެ ވަބާ އިން މުޖުތަމައު ސަލާމަތްކުރުމަށް އެޅުނު އުސް ފިޔަވަޅެއް ކަމަށެވެ.

ރާއްޖޭގެ ޖަލުތަކުގައި މީގެ ކުރިން ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގިޔަސް ސީދާ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމެއް ނޯވެ އެވެ. އެކަމަކު މި އަހަރުގެ މާޗު އެކެއްގައި މާފުށީ ޖަލުގައި ފުރަތަމަ ފަހަރަށް އެފަދަ ޕްރޮގްރާމެއް ފެށިއިރު، އެއީ އެ ޕްރޮގްރާމް ފުރިހަމަކުރި ފުރަތަމަ ބެޗެވެ.

އެ މީހުން އަނބުރާ މުޖުތަމައަށް ނެރެނީ ގިނަ ތަމްރީނުތަކެއް ދިނުމަށް ފަހު އެވެ. އޭގެ ތެރޭގައި ޑިޓޮކްސް ފޭސްއަކާއި ތައުލީމީ މަރުހަލާއެއްގެ އިތުރުން ވޮކޭޝަނަލް ޓްރެއިނިންނާއި ކޮމިއުނިޓީ އިންޓަގްރޭޓް ކުރުން ހިމެނެ އެވެ.

ޖަލުގެ 70 ޕަސެންޓް މީހުންނަކީ މަސްތުވާތަކެތީގެ ކުށްތަކުގައި ހިމެނޭ މީހުންނެވެ. އެއީ 800 އެއްހާ މީހުންނެވެ.

ރިހެބިލިޓޭޝަން އެންޑް ރިއިންޓަގްރޭޝަން ކޮމާންޑްގެ ޑެޕިއުޓީ ޑިރެކްޓަރު ނަޖްމާ އަބްދުﷲ "މިހާރު" އަށް ކުރިން ވިދާޅުވެފައިވާ ގޮތުގައި ޖަލުގައި އެ ކަހަލަ ޕްރޮގްރާމެއް ހިންގާނެ ވަސީލަތްތައް ވެސް ވަރަށް މަދެވެ. އެކަމަކު ހުރިހާ ވަސީލަތްތަކެއް ނެތަސް މި ފަހަރު މި ޕްރޮގްރާމް ފެށީ ގައިދީންނަށް މަސްތުވާތަކެތީގެ ފަރުވާ ބޭނުންވާ ވަރު ބޮޑުކަމުން ކަމަށް އޭނާ ވިދާޅުވެ އެވެ.