Roadha Mihaaru
ރާވާ ޖަލުގެ ސާމާނު ކާށިދޫ ވަލުތެރެއަށް ދޫކޮށްލާފައި!

16 މިލިޔަން ރުފިޔާގެ ރާވާ ޖަލުގެ ސާމާނު ކާށިދޫ ވަލުތެރޭގައި!

31 ޑިސެމްބަރ 2019

ރާއްޖޭގެ ޖަލުތަކުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދަން ކުރީ ސަރުކާރުން 16.6 މިލިޔަން ރުފިޔާ ހޭދަކޮށްގެން ގެނައި ރާވާ ޖަލުގެ ސާމާނު ހިމެނޭ އަށް ކޮންޓޭނަރު، ކާށިދޫ ވަލުތެރޭގައި ހުރި ކަން "މިހާރު"އަށް އެނގިއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގެ ޖަލުތަކުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދަން ކުރީ ސަރުކާރުން 16.6 މިލިޔަން ރުފިޔާ ހޭދަކޮށްގެން ގެނައި ރާވާ ޖަލުގެ ސާމާނު ހިމެނޭ އަށް ކޮންޓޭނަރު، ކާށިދޫ ވަލުތެރޭގައި ހުރި ކަން "މިހާރު"އަށް އެނގިއްޖެ އެވެ.

ޖަލު ފުރި، ބައެއް ކުށްވެރިންނާ ހަވާލުވާން ކަރެކްޝަނަލް ސާވިސްއަށް މި ފަހުން ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިވެފަ އެވެ. އެ ދަނޑިވަޅުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައި ވަނީ ޕްރީފެބް ޖަލެއް ގެންނަން 16.6 މިލިއަން ރުފިޔާ އަށް ޗައިނާގެ ކުންފުންޏަކާ އޭރުގެ ސަރުކާރުން، ޖޫން 21، 2016 ގައި ހަވާލުކުރި ކަމަށެވެ. އަދި އޭނާ މަގާމުން ވަކިވެވަޑައިގެންނެވި ފަހުން، އެ "ޖަލު" ރާއްޖެ ގެނައި ކަމަށާއި ކާށިދޫގައި ޖަލު ރާވަން ބަޔަކާ ވެސް ހަވާލުކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު ކަރެކްޝަނަލް ސާވިސް އާއި ހޯމް މިނިސްޓްރީން މައުލޫމާތު ލިބޭތޯ އެތައް މަސައްކަތެއް ކުރިއިރު ވެސް އެ ޖަލާ ބެހޭ ގޮތުން ވާހަކަ ދައްކާފައެއް ނުވެ އެވެ. ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލަކު އިއްޔެ ވިދާޅުވީ "ކާށިދޫ ޖަލާ ބެހޭ މައުލޫމާތު ހާމަކުރާނީ އަންނަ އަހަރު" ކަމަށެވެ.

އެކަމަކު އުމަރު ވިދާޅުވީ ރަނގަޅު ވާހަކައެއްކަން، ކާށިދޫން ލިބުނު މައުލޫމާތުތަކުން އެނގެ އެވެ. ރާވާ ޖަލުގެ ސާމާނު ލާފައި ހުރި އަށް ކޮންޓޭނަރު ކާށިދޫގެ ވަލުތެރޭގައި ބަހައްޓާފައި ހަމައެކަނި ހުރީކީ ނޫނެވެ. އެ ބަލަހައްޓާނެ ބަޔަކު ނެތުމުން، ކޮންޓޭނަރުތަކުގެ ދޮރުތައް ހަލާކުކޮށް، ބަައެއް ސާމާނު ވަގަށް ވެސް މިހާރު ގެންގޮސްފައިވާ ކަމަށް، ކާށިދޫގެ ބައެއް މީހުން ބުނެ އެވެ.

އެކަމާ ބެހޭ ގޮތުން ސުވާލުކުރުމުން ކާށިދޫ ކައުންސިލްގެ ރައީސް އަލީ ސުލްތާން ވިދާޅުވީ ކޮންޓޭނަރުތައް އެހެން ހުންނަތާ މިހާރު ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށެވެ.

"ބައެއް މުދާ ވަގަށް ގެންގޮސްފައިވާ ކަމަށް ބެލެވޭ،" އޭނާ ވެސް ވިދާޅުވި އެވެ.

ޖަލުގެ ސާމާނު ލާފައި ހުރި ކޮންޓޭނަރެއް: ދައުލަތުން 16 މިލިއަން ރުފިޔާ ހޭދަކުރިޔަސް އަޅާލާނެ ބަޔަކު ނެތް --ފޮޓޯ: އަލީ ސުލްތާން

ޖަލުގެ ސާމާނު ލާފައި ހުރި ކޮންޓޭނަރެއް: ދައުލަތުން 16 މިލިއަން ރުފިޔާ ހޭދަކުރިޔަސް އަޅާލާނެ ބަޔަކު ނެތް --ފޮޓޯ: އަލީ ސުލްތާން

ކާށިދޫގައި އެ ޖަލު ހަދަން ހަމަޖައްސާފައި އޮތީ މީހުން އުޅޭ ސަރަހައްދާ ދުރުގަ އެވެ. އެކަމަކު އެގޮތަށް މުދާ ކޮންޓޭނަރުތައް ދޫކޮށްލުމުން، ބައެއް މީހުން އެއިން އެއްޗެހި ވަގަށް ނެގުން މިހާރު ވެސް ދަނީ ކުރިއަށެވެ. އެކަން ހުއްޓުވާނެ ފަރާތެއް ނެތެވެ.

ސުލްތާން ވިދާޅުވި ގޮތުގައި އެ ރަށަށް ކޮންޓޭނާތައް ގެންދިޔަ ފުރަތަމަ ދުވަސްކޮޅު ބައެއް އެއްޗެހި ނަގައި، ބޭރުގައި ބެހެއްޓި އެވެ. އެ ސާމާނުތައް ރައްކާތެރިކުރަން ސަތަރި އަޅައި ހިޔާ ވެސް ކުރިއަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކު މިހާރު ހުރީ ހާމައަށް،" ސުލްތާން ވިދާޅުވި އެވެ.

ކާށިދޫގައި ޖަލު ރާވަން އޮތް ސަރަހައްދު: މި ޖަލާ ބެހޭ ގޮތުން ހޯމް މިނިސްޓްރީން ވެސް އެއްވެސް ވާހަކައެއް ނުދެއްކި -- ފޮޓޯ: އަލީ ސުލްތާން

ކާށިދޫގައި ޖަލު ރާވަން އޮތް ސަރަހައްދު: މި ޖަލާ ބެހޭ ގޮތުން ހޯމް މިނިސްޓްރީން ވެސް އެއްވެސް ވާހަކައެއް ނުދެއްކި -- ފޮޓޯ: އަލީ ސުލްތާން

އޭނާ ވިދާޅުވީ ރާވާ ޖަލުގެ ސާމާނު ގެއްލެމުންދާކަން ކަރެކްޝަނަލް ސާވިސް އަށާއި ހޯމް މިނިސްޓްރީއަށް ވެސް ކައުންސިލުން އެންގި ކަމަށެވެ. އަދި ޖަލު ރޭވެންދެން އެ ސާމާނު ރަނގަޅަށް ބެލެހެއްޓޭނެ ގޮތް ހެދުމަށްޓަކައި މީހުން ދިރިއުޅޭ ހިސާބަށް ބަދަލުކޮށްދޭން، ކާށިދޫގައި ތިބޭ ފުލުހުން ވެސް އެދުނުކަން "މިހާރު"އަށް ވަނީ އެނގިފަ އެވެ. އެކަމަކު މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

އުމަރު ވިދާޅުވެފައިވާ ގޮތުގައި ކުރީ ސަރުކާރުން ނިންމާފައި އޮތީ ކާށިދޫގެ އިތުރުން ހދ. ނޭކުރެންދޫގައި ވެސް ރާވާ ޖަލެއް ހަދާށެވެ.