Roadha Mihaaru
ފަރަށް އެޅުނު ތަކެތި ނެގުމުން ގެއްލުން ބަލަން ފަށާނެ

ވިލިމާލޭގެ ފަރަށް އެޅުނު ތަކެތި ސާފުކުރުމުން ގެއްލުން ބަލަން ފަށާނެ: އީޕީއޭ

03 ސެޕްޓެމްބަރ 2022

މާލެ-ވިލިމާލެ ގުޅައިލާ ބްރިޖުގެ ޖިއޯ ޓެކްނިކަލް އިންވެސްޓިގޭޝަނަށް ބޭނުންކުރާ ޕްލެޓްފޯމުން ވިލިމާލެ ފަރަށް ލިބުނު ގެއްލުން ބަލަން ފެށޭނީ އެ ސަރަހައްދަށް އެޅުނު ތަކެތި ނެގުމުން ކަމަށް އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިރޭ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލެ-ވިލިމާލެ ގުޅައިލާ ބްރިޖުގެ ޖިއޯ ޓެކްނިކަލް އިންވެސްޓިގޭޝަނަށް ބޭނުންކުރާ ޕްލެޓްފޯމުން ވިލިމާލެ ފަރަށް ލިބުނު ގެއްލުން ބަލަން ފެށޭނީ އެ ސަރަހައްދަށް އެޅުނު ތަކެތި ނެގުމުން ކަމަށް އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިރޭ ބުނެފި އެވެ.

ބޯހޯލް ތޮރުފައިގެން ސާވޭ އަށް ބޭނުންކުރާ އެ ޕްލެޓްފޯމް ވިލިމާލެ ފަރަށް އެރިތާ ތިން ހަފުތާވަނީ އެވެ. އެ ޕްލެޓްފޯމް ފުން ކުރެވުނީ ވެސް މީގެ ހަފުތާއެއް ކުރިންނެވެ. އެ މަސައްކަތް ލަސްވެގެން ދިޔައީ އެފްކޯންސް އިން ބުނިގޮތުގައި މޫސުން ގޯސްވުމުގެ ސަބަބުންނެވެ.

އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ ޕްލެޓްފޯމުން ފަރަށް އެޅިފައި ހުރި ދަގަނޑު ފަދަ ތަކެތި ނެގުމުން އެ ތަނަށް ލިބިފައި ހުރި ގެއްލުންތައް ބަލަން ފަށާނެ ކަމަށެވެ.

ފްލެޓްފޯމު ފަރަށް އެރުމާއެކު އެ ސަރަހައްދަށް އެޅިފައި ހުރި ތަކެތި ނަގަމުން ދަނީ، ބްރިޖު ހެދުމުގެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ.

"މިހާރު ވަރަށް ބޮޑުބައި ސާފުކޮށް ނިމިއްޖެ. އަދި ވެސް އެބަހުރި އެއްޗެހި. އެ ތަކެތި ނަގައި ނިމުމުން އެއްކޮށް ސާވޭކުރަން ފަށާނެ،" ނައީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސާވޭ ކުރަން ފަށައި ދުވަހެއް ތެރޭގައި ވެސް އެ ތަނަށް ލިބިފައި ހުރި ގެއްލުންތައް ބެލޭނެ ކަމަށެވެ.

ނޭޝަނަލް ޕްލޭނިން އެންޑް ހައުސިން އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައިވާ ގޮތުގައި ބްރިޖުގެ ޕްލެޓްފޯމް ފަރަށް އެރުމުގެ ހާދިސާ އާ ގުޅިގެން އެ މަސައްކަތަށް ލަސް ވުން ފަދަ ކަމެއް ދިމާނުވާނެ އެވެ. އަދި ބްރިޖުގެ މަސައްކަތް ހަލުވިކަމާއެކު ކުރިޔަށް ގެންދާނެ ކަމަަށް އޭނާ ވިދާޅުވި އެވެ.