Roadha Mihaaru
ހުސް ބިންތައް ޕާކިން ޒޯނަކަށް ހެދުމަކީ ހައްލެއް ނޫން

މާފަންނު ސަހަރާ ޕާކިން ޒޯނަކަށް: ހުސް ބިންތައް ޕާކިން ޒޯނަކަށް ހެދުމަކީ ހައްލެއް ނޫން!

06 ސެޕްޓެމްބަރ 2022

މާލޭގައި މިހާރު ހުސްކޮށް އޮތް ކޮންމެ ބިމެއްގައި ޕާކިން ޒޯނެއް ހެދުމަކީ ޕާކިންގެ މައްސަލަ އަށް އޮތް ހައްލު ނޫން ކަމަށް ބުނެ، މާފަންނު ސަހަރާ ހުސްކޮށް، އެ ތަނުގައި ޕާކިން ޒޯނެއް ހަދަން އުޅޭތީ އާންމުންގެ ފާޑުކިޔުން ބޮޑުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގައި މިހާރު ހުސްކޮށް އޮތް ކޮންމެ ބިމެއްގައި ޕާކިން ޒޯނެއް ހެދުމަކީ ޕާކިންގެ މައްސަލަ އަށް އޮތް ހައްލު ނޫން ކަމަށް ބުނެ، މާފަންނު ސަހަރާ ހުސްކޮށް، އެ ތަނުގައި ޕާކިން ޒޯނެއް ހަދަން އުޅޭތީ އާންމުންގެ ފާޑުކިޔުން ބޮޑުވެއްޖެ އެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް ޕާކިން ޒޯންތައް ހަދަން ބިން ހަމަޖައްސައިދޭން މާލޭ ސިޓީ ކައުންސިލުން ސަރުކާރުގައި އެދުމުން، ރައީސް އޮފީހުން އެކަމަށް ކަނޑައަޅައިދިން ބިންތަކުުގެ ތެރޭގައި މާފަންނު ސަހަރާ ވެސް ހިމެނެ އެވެ. އެކަމަކު އެ ބިން ހުސްކޮށް ސިޓީ ކައުންސިލާ އަދި ހަވާލެއް ނުކުރެ އެވެ.

އެ ކަމަށް އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ބޭފުޅަކީ މާލޭ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ސައިފް ފާތިހު އެވެ. އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެތައް އަހަރެއް ވެފައިވާ ސަހަރާތަކުގައި ހުރި ގަބުރުތައް ކޮނެ، ނަގައިގެންނާއި އަދި ހަމައެކަނި މާލޭގައި ފެހިކަމެއް ހުރި ހުސްކޮށިތައް ވެސް ނަގައިގެން ޕާކިން ޒޯން ހެދުން ބަލައި ނުގަނެވޭ ކަމަށެވެ.

"މާލޭ އަވަށު ގަބުރުސްތާނުތަކަކީ މުހިންމު މައުނަވީ ތަރިކައެއް،" އޭނާ ވިދާޅުވި އެވެ.

އެ ސަހަރާ ހުސްކުރުމަކީ ދިވެހި ތަރިއަކަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ވިދާޅުވެ، ރާއްޖޭގެ ސަގާފަތާއި ތާރީހު ދިރާސާ ކުރައްވާ ނާޖިހު ދީދީ ވެސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

އޭނާ ވަނީ މިދިޔަ ވެރިކަމުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު، މާފަންނު ސަހަރާގެ ހުޅަނގު ފަރާތުން ބައެއް ނަގައި، ޕާކިން ޒޯނެއް ހެދުމުގެ ކުރިން އެ ތަނުގައި ހުރި ބައެއް ގަބުރުތަކުގެ ފޮޓޯ ނަގައި ރައްކާކުރައްވައިފަ އެވެ. އެ ފޮޓޯތައް ޓުވިޓާގައި ހިއްސާ ކުރެއްވި އެވެ.

"މާލެއަކީ ތޮއްޖެހި މީހުން ފުރިބާރުވެފައި އޮތް ރަށެއް. މާލޭގައި ކުރިން ބޭނުންކުރި އަވަށު ސަހަރާތަކަކީ މާލޭގައި ދިރިއުޅޭ ރައްޔިތުން 'ނޭވާލުމަށްޓަކައި' އޮތް ފެހިކޮށް ހުރި މަދު ބިންތަކުގެ ތެރޭގައި ހިމެނޭ ތަންތަން. މީގެ ކުރިން ވެސް މިސްކިތްތަކުގައި ހުރި އެފަދަ ބިންތައް ވަނީ ނައްތާލައިފައި،" އޭނާ ވިދާޅުވި އެވެ.

މައްޗަންގޮޅި ސަހަރާގައި 15 ބުރީގެ މަލްޓިޕާޕަސް ޕާކިން އިމާރާތެއް އަޅަން ސިޓީ ކައުންސިލުން މިދިޔަ އަހަރު އެ އަވަށުގެ މީހުންގެ ހިޔާލު ވެސް ހޯދި އެވެ. އޭރު މާލޭގެ މޭޔަރު މުއިއްޒު ވިދާޅުވީ، އެ އަވަށުގެ މީހުން އެ ކަމަށް އެއްބަސްނުވެއްޖެ ނަމަ، ޕާކިން އިމާރާތް އަޅަން އެހެން ބިމެއް ހޯއްދަވާނެ ކަމަށެވެ.

ކޮންމެ ހުސް ބިމެއްގައި ޕާކިން ޒޯނެއް ހެދުމުގެ ބަދަލުގައި މާލޭގައި ވެހިކަލް މަދުކުރުމުގެ ސިޔާސަތެއް ސަރުކާރުން ނުގެންގުޅެނީ ކީއްވެތޯ ވެސް އާންމުން ސުވާލު އުފެއްދި އެވެ. ކިތައްމެ ގިނަ ޕާކިން ޒޯނެއް ހެދިޔަސް، މާލެ އަށް އެތެރެކުރާ ވެހިކަލްތަކުގެ އަދަދު މަދުނުކޮށް، އެ މައްސަލަ ހައްލު ނުވާނެ ކަމަށް ގިނަ މީހުން ދެކެ އެވެ.

"ވެހިކަލް މަދުކުރާ ޕޮލިސީ ކޮބާހޭ؟ މާލޭގައި ބާކީ އޮތްހާ ވެސް އޮތް ފެހިކަމެއް އޮތީ ގަބުރުސްތާނުތަކުގައި. މި ގްރީން ޕޮކެޓްސް ޕާކިން އަށް ނުހެދެވޭނެ،" ޓުވީޓެއްގައި މީހަކު ބުންޏެވެ.

"ޕާކިން އަކީ ހައްލެއްތޯ އެވެ؟ މާލޭގައި ހުރިހާ ހުސް ޖާގައެއްގައި ޕާކިން އެޅިޔަސް، ވެހިކަލް ކެރީން ކެޕޭސިޓީ ކަނޑަނާޅައި އޮންނަހައި ހިނދަކު ހައްތަހާވާނީ ޕާކިން އަޅާހާ ނޫންތޯ އެވެ؟،" އެހެން މީހަކު ބުންޏެވެ.

މާފަންފު ސަހަރާ އަކީ މީހުން ވަޅު ނުލާތާ ވަރަށް ގިނަ ދުވަސް ވެފައިވާ ތަނެކެވެ. އެ ސަހަރާގެ ހުޅަނގު ފަރާތުގައި މަޖީދީ މަގަށް ވާ ގޮތަށް މިހާރު ވެސް ޕާކިން ޒޯނެއް އޮތީ ހަދައިފަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓްރީން އެ ތަނުގައި ޕާކިން ޒޯން ހެދީ ވެސް ބައެއް ގަބުރުތައް ނަގައި، އެތަން ހުސްކުރުމަށް ފަހު އެވެ. އެ ފަހަރު ހެންވޭރު ސަހަރާގެ ބައެއް ވެސް ނަގައި ޕާކިން ޒޯނެއް ހެދި އެވެ.

ސިޓީ ކައުންސިލުން ބުނެފައި ވަނީ މާލޭގައި އިއްޔެ މިނީ ބަހުގެ ހިދުމަތް ފަށާތީ، ރައީސް އޮފީހުން އެދިފައިވާ ގޮތަށް މާފަންނު ސަހަރާގެ ބިން ކައުންސިލާ ހަވާލުކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީގައި ސިޓީއަކުން އެދިފައިވާ ކަމަށާއި އެ ބިން ހަވާލުކުރާނީ އިސްލާމީ ހަމަތަކުގެ މަތިން، ފުރިހަމަކުރަން ޖެހޭ ކަންކަމަށް ބެލުމަށް ފަހު ކަމަށް އެ ސިޓީގެ ޖަވާބުގައި މިނިސްޓްރީން ބުނި ކަމަށެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ސަރުކާރުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށީ މަޖީދީމަގު ހިމެނޭ ގޮތަށް ބޮޑެތި ބައެއް މަގުތަކުގައި ވެހިކަލް ޕާކު ނުކުރެވޭ ގޮތް ހަދައިފަ އެވެ. އެކަމުގެ ސަބަބުން، ހަނި މަގުތަކާއި ގޯޅިތަކުގައި ޕާކިންގެ މައްސަލަ ބޮޑުވެ އާންމުންގެ ޝަކުވާ ވެސް ބޮޑުވެފައިވެ އެެވެ.