Roadha Mihaaru
މާފަންނު ސަހަރާ ހުސްކޮށްދޭނެ ބަޔަކު ހޯދަނީ

މާފަންނު ސަހަރާގެ ގަބުރުތައް ނަގައި އެތަން ހުސްކޮށްދޭނެ ބަޔަކު ހޯދަނީ

09 އޯގަސްޓް 2024

މާފަންނު ސަހަރާގެ ގަބުރުތައް ނަގައި، އެ ބިން އެއްކޮށް ހުސްކޮށްދޭނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން އިއްޔެ އިއުލާންކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާފަންނު ސަހަރާގެ ގަބުރުތައް ނަގައި، އެ ބިން އެއްކޮށް ހުސްކޮށްދޭނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން އިއްޔެ އިއުލާންކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އެ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ މާފަންނު ސަހަރާ ހުސްކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އެތަން ހުސްކުރުމުގެ މަސައްކަތް ކުރަން ޖެހޭނީ އެ ކައުންސިލާއި އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް އަދި މައުލޫމާތު ކަރުދާހުގައިވާ މިންގަނޑުތަކާއި އެއްގޮތަށް ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.

ސިޓީ ކައުންސިލްގެ އިއުލާނުގައި ބުނި ގޮތުގައި ހުސްކުރަނީ މާފަންނު ސަހަރާގެ 36،153 އަކަފޫޓްގެ ސަރަހައްދެކެވެ. އެއީ މުޅި ސަހަރާގެ ބިމެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުގެ ބީލަން ހުޅުވުން އޮންނާނީ މި މަހު 20 ގަ އެވެ.

ސިޓީ ކައުންސިލުގެ ޖަވާބެއް ނުލިބޭތީ އެ ސަހަރާ ހުސްކުރަނީ ކޮން ބޭނުމަކު ކަމެއް އެނގޭ ގޮތެއް އަދި ނުވެ އެވެ. ނަމަވެސް އެތަނުގައި ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް ކުރަން މާލޭ ސިޓީ ކައުންްސިލުން ކުރިން ނިންމި އެވެ.

މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވިއިރު އެ މަސައްކަތް ފެށި ނަމަވެސް އޭރު ދައުލަތުން އެ ބިން ސިޓީ ކައުންސިލާ ހަވާލުނުކޮށްގެން އެ މަސައްކަތް އޮތީ ނުފެށި އެވެ.

މާފަންފު ސަހަރާ އަކީ މީހުން ވަޅު ނުލާތާ ވަރަށް ގިނަ ދުވަސް ވެފައިވާ ތަނެކެވެ. އެ ސަހަރާގެ ހުޅަނގު ފަރާތުން މަޖީދީމަގަށް ވާ ގޮތަށް މިހާރު ވެސް ޕާކިން ޒޯނެއް އޮތީ ހަދައިފަ އެވެ. އެއީ ވެސް ބައެއް ގަބުރުތައް ނަގައި، އެތަން ހުސްކުރުމަށް ފަހު އެވެ.