Roadha Mihaaru
މާފަންނު ސަހަރާ ހުސްކުރާތީ ކަންބޮޑުވުން!

މާފަންނު ސަހަރާގައި ނޮވެމްބަރު 3 ގެ ޝަހީދުންގެ މަހާނަ؛ ތާރީހު ދިރާސާކުރައްވާ ބޭފުޅުންގެ ކަންބޮޑުވުން!

18 އޯގަސްޓް 2024

ވެހިކަލާއި އިމާރާތްތަކުން ތޮއްޖެހިފައި އޮތް މާލޭގައި ދިރިއުޅޭ މީހުންނަށް ހިންދެމިލައި، ތާޒާ ނޭވާއެއް ލެވެން އޮތް މަދު، ހާމަ ބިންތަކުގެ ތެރެއިން އެންމެ ބޮޑު އެއް ތަނަކީ މާފަންނަނު ސަހަރާ ހުރި ބިމެވެ. ބޮޑެތި، ބިޔަ ގަސްތައް ހެދިފައި އޮތް އެ ފެހި މާހައުލުން ހިތްހަމަޖެހުން ހޯދާ މީހުން ގިނަ އެވެ. އެކަމަކު، އެ ބޮޑު ބިން ހުސްކޮށް، އެ ތަނުގައި ވެސް ޕާކިން ޒޯނެއް ހަދަން ސިޓީ ކައުންސިލުން މިހާރު ވަނީ ނިންމައިފަ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އެ ނިންމުމާ ގުޅިގެން އާންމުންނާއި ރާއްޖޭގެ ތާރީހު ދިރާސާ ކުރައްވާ ބޭފުޅުންގެ ކަންބޮޑުވުންތައް ވެސް ވަރަށް ގިނަ އެވެ.

އާސަހަރާ ހަދައި، މާފަންނު ސަހަރާ ހިމެނޭހެން މާލޭގެ އެހެން އަވަށްތަކުގައި ހުރި ގަބުރުސްތާނުތަކުގައި މީހުން ވަޅުލުން ހުއްޓާލީ 90 ގެ ފަހުކޮޅުގަ އެވެ. އެ ސަހަރާއަކީ ރާއްޖޭގެ ތާރީހުގެ ވެސް މުހިންމު ތަރިކައެކެވެ.

ނޮވެމްބަރު 3، 1988 ގައި ދިވެހިންގެ ބަޔަކާއި ތަމަޅަ ޓައިގަރުން ބައިވެރިވެގެން ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި ޝަހީދުވި ބައެއް އާންމުންގެ މަހާނަތައް ވެސް މާފަންނު ސަހަރާގައި އެބަހުއްޓެވެ. އެ ހަމަލާގައި ޝަހީދުވި ސިފައިންގެ ބޭފުޅުން ފަސްދާނުލާފައި ވަނީ ހެންވޭރު ސަހަރާގަ އެވެ.

ދިވެހި ތާރީހު ދިރާސާކުރައްވާ ބޭފުޅެއް ކަމަށްވާ ނާޖިހު ދީދީ ވިދާޅުވި ގޮތުގައި، އެއްގަމު އުޅަނދުތައް ޕާކުކުރާ ތަނަކަށް މާފަންނު ސަހަރާ ބަދަލުކުރުމަކީ ދުރުރާސްތާގެ ވިސްނުމަކުން ހައްލެއް ނޫނެވެ. ޕާކިން ޒޯނަކަށް ބަދަލުކުރިޔަސް، ކުރިމަގުގައި އެތަ ނުގައި އުސް އިމާރާތެއް އެޅުމުގެ ފުރުސަތު އޮތުން އެކަށީގެންވެ އެވެ.

"މާލެ ތެރޭގައި ހުރި މަދު ހުސްބިންތަކުގެ ތެރެއިން އެންމެ ބޮޑު އެއް ބިމަކީ މާފަންނު ސަހަރާ އެވެ. މިއީ މާލޭގެ ތާރީހާ ގުޅިލާމެހިފައިވާ އަދި މާލޭގައި ދިރިއުޅޭ އެތައް ބައެއްގެ މައިންބަފައިންނާއި ގާތްތިމާގެ ގިނަ ބަޔަކު ވަޅުލާފައިވާ ގަބުރުސްތާނެކެވެ. އެހެން ނަމަވެސް، މާލޭ ސިޓީ ކައުންސިލުން ވަނީ އެތަނުގައި ހުރި ގަބުރުތައް ނަގައި، އެތަން ހުސްކޮށް، އެއްގަމު އުޅަނދުތައް ޕާކުކުރާ ސަރަޙައްދަކަށް ބަދަލުކުރުމަށް ނިންމައިފަ އެވެ. މި ނިންމުމަކީ ގިނަ ބަޔަކު ކަންބޮޑުވާނެ ކަމެއްކަން ޔަގީނެވެ،" އެ ގަބުރުސްތާނު ހުސްކުރާތީ ކަންބޮޑުވުން ފާޅުކުރައްވައި ނާޖިހު ލިޔުއްވާފައިވާ ލިޔުމެއްގައި ވިދާޅުވި އެވެ.

މާފަންނު ސަހަރާގެ ގަބުރުތައް ނަގައި، އެ ބިން އެއްކޮށް ހުސްކޮށްދޭނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން މިދިޔަ ހަފުތާގައި ވަނީ އިއުލާންކޮށްފަ އެވެ. އެ ކައުންސިލްގެ އިއުލާނުގައި ބުނި ގޮތުގައި، ހުސްކުރަނީ މާފަންނު ސަހަރާގެ 36،153 އަކަފޫޓްގެ ސަރަހައްދެކެވެ. އެއީ މުޅި ސަހަރާގެ ބިމެވެ.

އެ ސަހަރާގެ ހުޅަނގު ފަރާތުން މަޖީދީމަގަށް ވާ ގޮތަށް މިހާރު ވެސް ޕާކިން ޒޯނެއް އޮތީ ހަދައިފަ އެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެ ޕާކިން ޒޯނު ވެސް ހެދީ ބައެއް ގަބުރުތައް ނަގައިގެންނެވެ.

ހެންވޭރު ސަހަރާ: ނޮވެމްބަރު 3، 1988 ގެ އުދުވާނީ ހަމަލާގައި ޝަހީދުވި ސިފައިންގެ ބޭފުޅުން ފަސްތާނުލެވިފައިވާ ސަރަހައްދު.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހެންވޭރު ސަހަރާ: ނޮވެމްބަރު 3، 1988 ގެ އުދުވާނީ ހަމަލާގައި ޝަހީދުވި ސިފައިންގެ ބޭފުޅުން ފަސްތާނުލެވިފައިވާ ސަރަހައްދު.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އޭރު އެތަން ހުސްކުރުމުން ވެސް ނާޖިހު ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އެތަން ހުސްކުރުމުގެ ކުރިން ނާޖިހު ވަނީ އޭރު އެތަނުގައި ހުރި މަހާނަތަކުގެ ފޮޓޯ ނަގައި ޑޮކިއުމެންޓް ކޮށްފަ އެވެ.

"މިއީ އެތަން ނައްތާލުމުގެ ކުރިން ތާރީހަށްޓަކައި އަޅުގަނޑު ކުރި މަސައްކަތެކެވެ،" އޭނާ ވިދާޅުވި އެވެ.

ނާޖިހު ވިދާޅުވީ އެންމެ ފައިދާ ހުރި ގޮތަކަށް ވާނީ މާފަންނު ސަހަރާގެ މިހާރުގެ ސިފަ ހިފަހައްޓައި، އިތުރަށް ގަސްގަހާގެހި އިންދައި ފެހިކަން އިތުރުކުރުން ކަމަށެވެ. އޭރަށް މާލޭގެ މި ހާސްކަން ބޮޑު މާހައުލުގައި ދިރިއުޅޭ މީހުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބޭނެ ކަމަށާއި މާލޭގެ ވައި ސާފުކޮށް، ތިމާވެށި ރައްކާތެރިކުރުމަށް ވެސް މަގުފަހިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މާފަންނު ސަހަރާ: އެ ސަހަރާގައި ހުރި ގަބުރުތައް ނަގައި އެތަން އެއްކޮށް ހުސްކޮށްދޭނެ ބަޔަކު ހޯދަން ވަނީ އިއުލާންކޮށްފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މާފަންނު ސަހަރާ: އެ ސަހަރާގައި ހުރި ގަބުރުތައް ނަގައި އެތަން އެއްކޮށް ހުސްކޮށްދޭނެ ބަޔަކު ހޯދަން ވަނީ އިއުލާންކޮށްފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އޭނާ ވިދާޅުވީ މާފަންނު ސަހަރާ ހުސްކުރުމަކީ ދީނީ ގޮތުން ކޮން ކަހަލަ ކަމެއްތޯ ބަލާއިރު އިސްލާމިކް މިނިސްޓްރީން އެކަން ކުރުމަށް ސިޓީ ކައުންސިލަށް ހުއްދަ ދީފައި އޮތުމުން ބެލެވެނީ އެއީ ދަންނަބޭކަލުންގެ މެދުގައި އެއްވެސް މައްސަލައެއް ނެތް އެންމެ ރަނގަޅު ކަމެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް އެއީ ހުރިހާ ދަންނަބޭކަލުން އިއްތިފާގުވާ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

މާފަންނު ސަހަރާގައި މިހާރު ހުރި ޕާކިން ޒޯން ހަދަން އުޅުނުއިރު، ދީނީ އިލްމުވެރިޔަކު ވިދާޅުވި ބަސްފުޅެއް ނާޖިހުގެ ލިޔުމުގައި ހިމަނުއްވާފައި ވެ އެވެ. އެއީ ދީނީ އިލްމުވެރިޔާ ޝައިހު މުހައްމަދު ނަޝީދު އާދަމްގެ ބަސްފުޅެކެވެ.

"މުސްލިމުން ވަޅުލެވިފައިވާ ގަބުރުސްތާނުތަކުގެ ހުކުމަކީ ވަގްފު ބިމުގެ ހުކުމެވެ. އެތާނގައި ވާ ހުރިހާ މުސްލިމުންގެ ކަށިތައް ފީވެ، ވެއްޔަށްވެ، ނިމިގެން ގޮސްފި ނަމަ އެތަން އެހެން ބޭނުމަކަށް ހާއްސަކުރެވިދާނެ އެވެ. އެކަމަކު އޭގެ ކުރީގައި އެތަނުގައިވާ ކަށިތައް ނަގައި އެހެން ތަނަކަށް ބަދަލުކުރުން ހުއްދައެއް ނުވާނެ އެވެ،" ޝައިހު މުހައްމަދު ނަޝީދު ވިދާޅުވި އެވެ.

ނާޖިހު ވިދާޅުވި ގޮތުގައި ޔަގީނުން ވެސް އެ ތަނުގައި ވަޅުލާފައިވާ ހުރިހާ އެންމެންގެ ކަށިތައް ފީވެގެން ވެއްޔަކަށް އަދި ނުވާނެ އެވެ. ވަޅުލި ފަހުން އަދި ވިހިތިރީސް އަހަރުވީ ގަބުރުތައް އެ ސަހަރާގައިވެ އެވެ.

މާފަންނު ސަހަރާ: އެ ސަހަރާގައި ހުރި ގަބުރުތައް ނަގައި އެތަން އެއްކޮށް ހުސްކޮށްދޭނެ ބަޔަކު ހޯދަން ވަނީ އިއުލާންކޮށްފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މާފަންނު ސަހަރާ: އެ ސަހަރާގައި ހުރި ގަބުރުތައް ނަގައި އެތަން އެއްކޮށް ހުސްކޮށްދޭނެ ބަޔަކު ހޯދަން ވަނީ އިއުލާންކޮށްފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މާފަންނު ސަހަރާ އާއި މާލޭގެ އެހެން އަވަށްތަކުގެ ސަހަރާތަކުގައި މީހުން ވަޅުލުމުގެ ކުރިން މީހުން ވަޅުލައި އުޅުނު މާލޭގެ މިސްކިތްތަކުގެ ގަބުރުސްތާނުތައް ހުރި ތަންތަން ކޮންނައިރު އަދިވެސް މިނި ކަށިތައް ނެގޭ ކަމަށް ނާޖިހު ބުންޏެވެ.

ނާޖިހު ވިދާޅުވީ 2021 ވަނަ އަހަރު ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް ހެދުމަށްޓަކައި އެތަން ކޮނުނުއިރު އެ ތަނުން ވެސް ގިނަ އަދަދަކަށް މިނިކަށި ނެގުނު ކަމަށެވެ.

ޒިކުރާ މިސްކިތަކީ ވެސް ކުރިން ބޮޑު ގަބުރުސްތާނެއް އޮތް މިސްކިތެކެވެ. އެ ގަބުރުސްތާނު ހުސްކުރީ ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގަ އެވެ. ފަހުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް މިސްކިތްތަކުގެ ގަބުރުސްތާނުތައް ހުސްކޮށް އެ ތަންތަނުން ގޯތި ދީފައިވެ އެވެ.

ނަމަވެސް، މިއަދު އަޅުގަނޑުމެން އެފަދަ ނިންމުންތައް ނިންމުމުގައި ވިސްނާލަން ޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. މާލެއަކީ އޭރުގެ މާލެއެއް ނޫނެވެ. ފުރި ބާރުވެ ތޮއްޖެހިފައިވާ މާލެއެކެވެ. ރައްޔިތުން ނޭވާލާނެ ހާމަ ހުސްބިންތަކެއް ރަށުތެރެއަކު ނެތެވެ: ނާޖިހު

"... ނަމަވެސް، މިއަދު އަޅުގަނޑުމެން އެފަދަ ނިންމުންތައް ނިންމުމުގައި ވިސްނާލަން ޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. މާލެއަކީ އޭރުގެ މާލެއެއް ނޫނެވެ. ފުރި ބާރުވެ ތޮއްޖެހިފައިވާ މާލެއެކެވެ. ރައްޔިތުން ނޭވާލާނެ ހާމަ ހުސްބިންތަކެއް ރަށުތެރެއަކު ނެތެވެ،" ނާޖިހު ވިދާޅުވި އެވެ.

މާފަންނު ސަހަރާ: އެ ސަހަރާގައި ހުރި ގަބުރުތައް ނަގައި އެތަން އެއްކޮށް ހުސްކޮށްދޭނެ ބަޔަކު ހޯދަން ވަނީ އިއުލާންކޮށްފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މާފަންނު ސަހަރާ: އެ ސަހަރާގައި ހުރި ގަބުރުތައް ނަގައި އެތަން އެއްކޮށް ހުސްކޮށްދޭނެ ބަޔަކު ހޯދަން ވަނީ އިއުލާންކޮށްފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މާފަންނަނު ސަހަރާ ހުސްކުރާތީ އާންމުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލްގެ ބަހެއް އަދި ނުލިބެ އެވެ.

ވެހިކަލްތައް ގިނަވެ، ޕާކިންގެ މައްސަލަ ވެސް މާލޭގައި ވަރަށް ބޮޑެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި މާލޭގައި އިތުރު ޕާކިން ޒޯނުތައް ހަދައި، ޕާކިން ބިލްޑިންތައް އަޅަން ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ.