Roadha Mihaaru
ލަންކާއިން ހަ ވަނަ ފަހަރަށް އޭޝިއާ ކަޕް ކާމިޔާބުކޮށްފި

ޕާކިސްތާން ބަލިކޮށް ލަންކާ އިން ހަ ވަނަ ފަހަރަށް ކްރިކެޓް އޭޝިއާ ކަޕް ކާމިޔާބުކޮށްފި

12 ސެޕްޓެމްބަރ 2022

ދުބާއީ (ސެޕްޓެމްބަރު 12) - ފައިނަލްގައި 23 ލަނޑުން ޕާކިސްތާން ބަލިކޮށް، ސްރީ ލަންކާ އިން ހަ ވަނަ ފަހަރަށް ކްރިކެޓް އޭޝިއާ ކަޕް ކާމިޔާބުކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ދުބާއީ (ސެޕްޓެމްބަރު 12) - ފައިނަލްގައި 23 ލަނޑުން ޕާކިސްތާން ބަލިކޮށް، ސްރީ ލަންކާ އިން ހަ ވަނަ ފަހަރަށް ކްރިކެޓް އޭޝިއާ ކަޕް ކާމިޔާބުކޮށްފި އެވެ.

ލަންކާ އިން އޭޝިއާގެ ޗެމްޕިއަންކަން ހޯދީ އަށް އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އެ ޓީމުން އެންމެ ފުރަތަމަ އޭޝިއާގެ ޗެމްޕިއަންކަން ހޯދީ ވެސް ޕާކިސްތާނު ބަލިކޮށްފަ އެވެ. ލަންކާ ވަނީ މީގެ ކުރިން 1986، 1997، 2004، 2008 އަދި 2014 ގައި މުބާރާތުގެ ތަށި އުފުލާލައިފަ އެވެ. އެންމެ ގިނައިން އޭޝިއާގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ހަތް ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ އިންޑިއާ އެވެ.

ދުބާއީ އިންޓަނޭޝަނަލް ކްރިކެޓް ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގެ ޓޮސް ދިމާވުމުން ޕާކިސްތާނުން ނިންމީ އުކާށެވެ. މި އިނިންސްގައި ލަންކާ އިން ވަނީ 20 އޯވަރުން ހަ ކުޅުންތެރިން ނުބައި ވެގެން 170 ލަނޑު ހަދައިފަ އެވެ. ލަންކާގެ ބަނޫކާ ރާޖަޕަކްސާ ވަނީ ހަވަނަ އޯވަރުގައި ކުޅެން އަރައި، 45 ބޯޅައިން ނުބައި ނުވެ 71 ލަނޑު ހަމަކޮށްފަ އެވެ.

ފުރަތަމަ އިނިންސްގައި ލަންކާއިން އެންމެ ރަނގަޅަށް ކުޅުނު ބަނޫކާ ރާޖަޕަކްސާ އޭނާގެ ހާފް ސެންޗަރީ (50 ލަނޑު) ހަމަކުރުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ފުރަތަމަ އިނިންސްގައި ލަންކާއިން އެންމެ ރަނގަޅަށް ކުޅުނު ބަނޫކާ ރާޖަޕަކްސާ އޭނާގެ ހާފް ސެންޗަރީ (50 ލަނޑު) ހަމަކުރުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ޕާކިސްތާނުން ޖަވާބުގައި ކުޅެން އަރައި 20 އޯވަރުތެރޭ ހުރިހާ ކުޅުންތެރިން ނުބައިވެގެން ހަމަކުރެވުނީ 147 ލަނޑެވެ. އޯޕަނިން ބެޓްސްމަން މުހައްމަދު ރިޒްވާން 49 ބޯޅައިން 55 ލަނޑު ހެދި ނަމަވެސް، އޭނާއާ އެކު އޯޕަނިން ގައި ކުޅެން އެރި ކެޕްޓަން ބާބާ އަޒާމް އަށް ހަ ބޯޅައިން ހެދުނީ ފަސް ލަނޑެވެ.

މި އިނިންސްގައި ލަންކާއިން އެންމެ ރަނގަޅަށް އުކީ ޕްރަމޯދް މަދުޝާން އެވެ. އެޓީމުގެ ވަނިންދު ހަސަރަންގަ ޑި ސިލްވާ ތިން ވިކެޓު ނެގި އިރު، ޗަމިކަ ކަރުނަރަތުނޭ އާއި މަހީޝް ތީކްޝަނާ ވެސް ވިކެޓު ނެގި އެވެ.

ލަންކާ އިން މުބާރާތް ފެށީ، އަފްގާނިސްތާނު އަތުން ނާކާމިޔާބީއަކާ އެކުގަ އެވެ. ނަމަވެސް ބަންގްލަދޭޝް ބަލިކޮށް، ގަދަ ހަތަރު ޓީމު ވާދަކުރާ ބުރުގައި ލަންކާ އިން ވަނީ އަފްގާނިސްތާނާއި ޕާކިސްތާނުގެ އިތުރުން، މުބާރާތުގެ ފޭވަރިޓުން ކަމަށް ބެލެވުނު އިންޑިއާ ވެސް ބަލިކޮށްފަ އެވެ. މި ބުރުގައި ޕާކިސްތާނުން އިންޑިއާ އާއި އަފްގާނިސްތާނު ބަލިކުރި އިރު، އިންޑިއާ އަށް ބަލިކުރެވުނީ އަފްގާނިސްތާނު އެކަންޏެވެ.

ފައިނަލް މެޗުގެ ދެވަނަ އިނިންސްގެ ފަހު ބޯޅައިން ޕާކިސްތާނުގެ އެންމެ ފަހު ކުޅުންތެރިޔާ ނުބައިކޮށްލުމަށް ފަހު ލަންކާގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ފައިނަލް މެޗުގެ ދެވަނަ އިނިންސްގެ ފަހު ބޯޅައިން ޕާކިސްތާނުގެ އެންމެ ފަހު ކުޅުންތެރިޔާ ނުބައިކޮށްލުމަށް ފަހު ލަންކާގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަންކާގެ ކޯޗު، ކުރިން އިންގްލެންޑަށް ވެސް ކޯޗު ކޮށްދިން ކްރިސް ސިލްވާވުޑް ބުނީ، "ޓީމުގެ ހުނަރުވެރިކަމާ މެދު އަބަދުވެސް ޔަގީންކަން އޮތް" ކަމަށާއި، ނަތީޖާ ނެރެން ބޭނުންވީ ރަނގަޅު ޕްލޭނެއް ކަމަށެވެ. އަދި މި ކާމިޔާބަކީ ހުރިހާ ކުޅުންތެރިން ވެސް ޓީމެއްގެ ގޮތުގައި އެކުގައި ކުރި މަސައްކަތުގެ ނަތީޖާކަން އޭނާ ފާހަގަކުރި އެވެ.

އިންޑިއާގެ ވިރާތު ކޯލީ ފަހަތަށް ޖައްސާލުމަށް ފަހު މުބާރާތުގެ އެންމެ ގިނަ ލަނޑު ހެދީ، ޕާކިސްތާނުގެ ރިޒްވާން އެވެ. އޭނާ ވަނީ ހަ އިނިންސް އިން 281 ލަނޑު ހަދައިފަ އެވެ. ފަސް އިނިންސް އިން ކޯލީ އަށް ހެދުނީ 276 ލަނޑެވެ. އެންމެ ގިނަ ވިކެޓު ނެގީ އިންޑިއާގެ ބަވްނޭޝްވަރު ކުމާރެވެ. އޭނާ ވަނީ ފަސް އިނިންސް އިން 11 ވިކެޓު ނަގައިފަ އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، ދެވަނައަށް އެންމެ ގިނަ ވިކެޓު ނެގި ލަންކާގެ ހަސަރަންގަ އެވެ. އޭނާ ވަނީ ޖުމްލަ ނުވަ ވިކެޓު ނަގައިފަ އެވެ.

މިއީ 50 އޯވަރުގެ އޯޑީއައި ފޯމެޓަށް ކުޅެން ފެށި މުބާރާތް، ޓީ-20 ފޯމެޓަށް ކުރިއަށް ގެންދިޔަ ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ ޓީ-20 ފޯމެޓަށް މުބާރާތް ކުޅުނީ 2016 ވަނަ އަހަރެވެ. އެ އަހަރު ބަންގްލަދޭޝް ބަލިކޮށްފައި ޗެމްޕިއަންކަން ހޯދީ އިންޑިއާ އެވެ.

މިއަހަރުގެ މުބާރާތް އެންމެ ފުރަތަމަ ތާވަލް ކުރެވުނީ 2020 ވަނަ އަހަރު އެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން މުބާރާތް ޕާކިސްތާނުން ހޯސްޓިން ރައިޓްސް ދޫކޮށްލުމުން ދެން ނިންމީ މިދިޔަ އަހަރު ލަންކާގައި މުބާރާތް ބާއްވާށެވެ. ނަމަވެސް ކޮވިޑުގެ ދެވަނަ ރާޅާ އެކު މިއަހަރަށް މުބާރާތް ފަސްކުރަން ޖެހުނު އިރު، ޔޫއޭއީ ގައި މުބާރާޓް ބާއްވަން ނިންމީ، ލަންކާގެ އިގްތިސޯދީ ހާލަތާ ހުރެ އެ ގައުމުގައި މުބާރާތް ކުރިއަށް ގެންދެވެން ނެތުމުންނެވެ.

ލަންކާ އާއި އިންޑިއާގެ އިތުރުން، ޕާކިސްތާނުން ވަނީ ދެ ފަހަރު މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އޯޑީއައި ފޯމެޓަށް، 16 ވަނަ އޭޝިއާ ކަޕް އަންނަ އަހަރު ބާއްވަން ހަމަޖެހިފައި ވަނީ ޕާކިސްތާނުގަ އެވެ.