Roadha Mihaaru
ނިއު ޒީލެންޑް ބަލިކޮށް ޕާކިސްތާން ފައިނަލަށް

ނިއު ޒީލެންޑް ބަލިކޮށް ޕާކިސްތާން ފައިނަލަށް

09 ނޮވެމްބަރ 2022

މުހައްމަދު ރިޒްވާނާއި ބަބަރު އަޒަމް ހެދި ހާފް ސެންޗަރީތަކާ އެކު ހަތް ވިކެޓުން ނިއު ޒީލެންޑް ބަލިކޮށް ޓީޓްވެންޓީ ކްރިކެޓް ވޯލްޑް ކަޕުގެ ފައިނަލުން ޕާކިސްތާން މިއަދު ޖާގަ ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މުހައްމަދު ރިޒްވާނާއި ބަބަރު އަޒަމް ހެދި ހާފް ސެންޗަރީތަކާ އެކު ހަތް ވިކެޓުން ނިއު ޒީލެންޑް ބަލިކޮށް ޓީޓްވެންޓީ ކްރިކެޓް ވޯލްޑް ކަޕުގެ ފައިނަލުން ޕާކިސްތާން މިއަދު ޖާގަ ހޯދައިފި އެވެ.

އަންނަ އާދީއްތަ ދުވަހު ކުޅޭ ފައިނަލުގައި ޕާކިސްތާން ބައްދަލުކުރާނީ ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި މާދަމާ އިންޑިއާ އާއި އިންގްލެންޑް ކުޅެ މޮޅުވާ ޓީމަކާ އެވެ.

ޕާކިސްތާނުން އެ ގައުމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ވަންޑޭ ވޯލްޑް ކަޕް ކާމިޔާބުކުރީ 1992 ވަނަ އަހަރު އިންގްލެންޑް ބަލިކޮށްގެންނެވެ. އެކަމަކު އިންޑިއާއާ ދެކޮޅަށް ކުޅުނު ހަމައެކަނި ފައިނަލުގައި، 2007 ގެ ޓީޓްވެންޓީ ފައިނަލުން ބަލިވީ އެވެ. އޭގެ ފަހުން 2009 ގެ ޓީޓްވެންޓީ ފައިނަލުގައި ޕާކިސްތާން ވަނީ ސްރީ ލަންކާ ބަލިކޮށް ޗެމްޕިއަންކަން ހޯދައިފަ އެވެ.

އޮސްޓްރޭލިއާގެ ސިޑްނީގައި މިއަދު ކުޅުނު ސެމީ ފައިނަލް މެޗުގައި ޓޮސް ދިމާވުމުން ނިއު ޒީލެންޑުން ގަސްދުކުރީ ކުޅެން އަރާށެވެ. އެ ޓީމުން 20 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 152 ލަނޑު ހެދި އެވެ. ޕާކިސްތާނުގެ ޝަހީން އަފްރީދީ ވަނީ 24 ލަނޑަށް ދެ ވިކެޓް ނަގައިފަ އެވެ. ނިއު ޒީލެންޑުން އެންމެ ރަނގަޅަށް ކުޅުނީ 35 ބޯޅައިން 53 ލަނޑު ހެދި ޑަރީލް މިޗެލް އެވެ.

ޕާކިސްތާނުން ކުޅެން އަރައި، ބަބަރު އާއި ރިޒްވާންގެ މޮޅު ކުޅުމާ އެކު ތަފާތު ދައްކަން ފެށި އެވެ. އެންމެ ރަނގަޅަށް ކުޅުނީ 43 ބޯޅައިން 57 ލަނޑު ހެދި ރިޒްވާން އެވެ. ބަބަރު ވަނީ 42 ބޯޅައިން 53 ލަނޑު ހަދައިފަ އެވެ. ދެ ކުޅުންތެރިން ނުބައިވިއިރު ހާފް ސެންޗަރީ ހަދައި ޖުމްލަ ސްކޯ 105 އަށް ވަނީ އަރުވައިފަ އެވެ.

އެ ދެ ކުޅުންތެރިން ނުބައިވުމުން ޕާކިސްތާނުގެ ލަނޑު ރޭޓު ދަށްވެ ކުޑަކޮށް ހާސްވި އެވެ. އެކަމަކު ފަހުން އެރި މުހައްމަދު ހާރިސް ހަތަރަކާއި ހަޔަކަށް ޖެހި ބޯޅަތަކާ އެކު އޭނާ ޖުމްލަ 26 ބޯޅައިން 30 ލަނޑު ހެދި އެވެ. ޕާކިސްތާން މޮޅުވީ ބާކީ ފަސް ބޯޅަ އޮއްވަ އެވެ.

ޕާކިސްތާން ފައިނަލަށް ދިއުމަކީ އެއް ގޮތަކުން ހައިރާންކަމެކެވެ. ގްރޫޕް ސްޓޭޖުގައި އެ ޓީމު ވަނީ ފުރަތަމަ ދެ މެޗުން އިންޑިއާ އާއި ޒިމްބާބްވޭ އަތުން ބަލިވެފަ އެވެ. އެހެންވެ ސެމީ އަށް ނުދާނެ ކަމަށް އޮތީ ބެލެވިފަ އެވެ. ޕާކިސްތާން ސެމީ އަށް ދިޔައީ އަމިއްލަ ބާރު ކެނޑިފައި އޮއްވާ ފަހު މެޗުން ސައުތު އެފްރިކާ އަތުން ނެދަލެންޑްސް މޮޅުވެ އަދި ބަންގްލަދޭޝް އަތުން ޕާކިސްތާން މޮޅުވުމުންނެވެ.